އަމީނިއްޔާ ސްކޫލަށް 80 އަހަރު ފުރުމުގެ މުނާސަބަތުގައި، އެ ސްކޫލުގެ އިސްދަރިވަރުން ތެލެސީމިއާ ބަލިމީހުންނަށް ލޭ ހަދިޔާކުރުމުގެ ހާއްސަ ޕްރޮގްރާމެއް ބާއްވައިފިއެވެ.
މި ޕްރޮގްރާމް ކުރިއަށްގެންދިޔައީ އިއްޔެ ހެނދުނު 10:00 އިން ހަވީރު 4:00 އަށް، މަޖީދީމަގުގައި ހުންނަ ތެލެސީމިއާ ސެންޓަރުގައެވެ.
ޕްރޮގްރާމުގެ އިތުރު ތަފްސީލު ދެއްވަމުން، އަމީނިއްޔާ އިސްދަރިވަރުންގެ ފަރާތުން "ބްލަޑް ޑޮނޭޝަން ކޭމްޕް"އާ ހަވާލުވެ ހުންނެވި މެންބަރު އާމިނަތު މުނައްވަރާ "ވަން" އަށް ވިދާޅުވި ގޮތުގައި، މި ކޭމްޕުގެ މައިގަނޑު މަގުސަދަކީ ޒުވާނުން ލޭ ހަދިޔާކުރުމަށް ހޭލުންތެރިކުރުވުމާއި، އަހަރުގެ ފަހު ހަފުތާގައި ތެލެސީމިއާ ބަލިމީހުންނަށް ލޭ ހޯދުމުގައި ދިމާވާ ގޮންޖެހުންތަކަށް އެހީތެރިކަން ފޯރުކޮށްދިނުމެވެ.
މުނައްވަރާ އިތުރަށް ފާހަގަކުރެއްވި ގޮތުގައި، މިހާރުގެ ގިނަ މީހުންނަކީ އުމުރުން ދުވަސްވީ ވަރަކަށް ދާއިމީ ބައްޔަކަށް ބޭސްކުރާ ފަރާތްތަކަށް ވުމުން، ތެލެސީމިއާ ބަލިމީހުންނަށް ލޭ ހަދިޔާކުރާނެ ފަރާތްތައް ހޯދުމުގައި ގިނަގުނަ ދަތިތަކާ ކުރިމަތިވެއެވެ. އެހެންކަމުން، މި ޕްރޮގްރާމުގެ އަމާޒަކީ 18 އަހަރުން މަތީގެ ޒުވާނުން ލޭ ހަދިޔާކުރުމަށް ހޭލުންތެރިކުރުވުމެވެ.
މީގެ އިތުރުން، އަހަރުގެ މިހާތަނަށް ގިނަ ބަޔަކު އެކިއެކި ބޭނުންތަކުގައި ޗުއްޓީއަށް ދިއުމުގެ ސަބަބުން، ތެލެސީމިއާ ބަލިމީހުންނަށް ލޭ ހޯދުމުގައި ދަތިތަކެއް ކުރިމަތިވެފައިވާ ކަމަށް މުނައްވަރާ ފާހަގަކުރެއްވިއެވެ. މި ކޭމްޕުގެ އިތުރުން، އަންނަ އަހަރުވެސް މިފަދަ އިތުރު ކޭމްޕުތަކެއް އިސްދަރިވަރުންގެ ފަރާތުން ކުރިއަށްގެންދިއުމަށް ނިންމާފައިވާ ކަމަށާއި، އޭގެ ތެރެއިން ފުރަތަމަ ޕްރޮގްރާމް ބޭއްވުމަށް ހަމަޖެހިފައިވަނީ އޭޕްރީލް މަހުގައި ކަމަށް އޭނާ ވިދާޅުވިއެވެ.
"ދާއިމީ ބައްޔަކަށް ބޭސްކުރާ ފަރާތްތަކަށް ލޭ ހަދިޔާއެއް ނުކުރެވޭނެ. މީގެ ތެރޭގައި ހިމެނެނީ ޑައިބެޓީސް، ކޮލެސްޓްރޯލް، ހިތުގެ އެއްވެސް ބައްޔެއް ހުރި ފަރާތްތަކާއި، ފަހަކަށް އައިސް ސާޖަރީއެއް ކުރި ފަރާތްތަކާއި، ލޭގެ ޕްރެޝަރު ދަށް މީހުން. މިއީ ލޭ ހަދިޔާ ނުކުރެވޭނެ ހާލަތްތަކުގެ ތެރެއިން ބައެއް،" މުނައްވަރާ ވިދާޅުވިއެވެ.
މި ޕްރޮގްރާމާ ގުޅޭ އިތުރު މައުލޫމާތު ހޯދުމަށް 7791035 ނަންބަރަށް ގުޅުމުން މައުލޫމާތު ލިބޭނެ ކަމަށްވެސް މުނައްވަރާ ވިދާޅުވިއެވެ.
- 18 އަހަރުން ދަށުގެ ޒުވާނުން.
- 45 އިން ދަށުގައި ބަރުދަށް ހުންނަ ފަރާތްތައް.
- ހަމުގެ ބައްޔަށް އެކިއުޓެން ކްރީމް ބޭނުންކުރާ ފަރާތްތައް.
- ހިތުގެ ބަލިތައް ހުންނަ ފަރާތްތައް.
- ތައިރޮއިޑް ބައްޔަށް ބޭސްބޭނުންކުރާ ފަރާތްތައް.
- ޕްރެޝާ މަތިވާ މީހުން އަދި ހަކުރު ބައްޔަށް ބޭސްކުރާ ފަރާތްތައް.
- ދާއިމީ ބަލިތަކަށް ބޭސް ބޭނުންކުރާ ފަރާތްތައް.
- އެންޓިބަޔޮޓިކް އައިވީ ފަރުވާ ހޯދުމަށް ފަހު ހަތް ދުވަސް ނުވާ ފަރާތްތައް.
- ބައިގެން ގޮސްފައި ތިބޭ ފަރާތްތަކުގެ ތެރެއިން ހަ ހަފުތާ ހަމަނުވާ ކަނބަލުން.
- ގާތުން ކިރުދޭން ފަށާތާ ހަ މަސް ނުވާ މައިން.
- ރޯގާ ޖެހިފައި ތިބޭ ފަރާތްތައް.
- ޖަލު ހުކުމެއް ތަންފީޒު ކުރުމަށްފަހު އެއް އަހަރު ނުވާ ފަރާތްތައް.
- ޖިންސީ ބަލި ޖެހިފައި ތިބޭ ފަރާތްތައް.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު