ރާއްޖޭގައި ކިޔަވާ ދަރިވަރުންނަށް އަމާޒުކޮށްގެން ހިންގާ ފުރަތަމަ ބިޒްނަސް އިންކިއުބޭޓާ ޕްރޮގްރާމް "ވީއިގްނައިޓް"ގެ ޕާޓްނަރަކަށް ދިރާގުން ވެއްޖެއެވެ.

ވިލާ ކޮލެޖުގެ ސެންޓާ ފޯ އިނޮވޭޝަން އެންޑް އެންޓަޕްރެނާޝިޕް ޑިވެލޮޕްމަންޓް (ސީއައިއީޑީ)ގެ ދަށުން ފެށި އެ ބިޒްނަސް އިންކިއުބޭޓާ ޕްރޮގްރާމަކީ ފުރަތަމަ މަރުހަލާގެ ސްޓާޓްއަޕްތަކާއި ވިޔަފާރިވެރިންނަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ މަގުސަދުގައި ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ.

އެ ޕްރޮގްރާމުގެ ދަށުން ދަރިވަރުންނަށް ހޭންޑްސް އޮން މެންޓަޝިޕާއި ބިޒްނަސް ޑިވެލޮޕްމަންޓް ސަޕޯޓާއި ކްރިޓިކަލް ވަސީލަތްތައް ލިބުމުގެ އިތުރުން އިނޮވޭޓިވް ވިޔަފާރީގެ ހިޔާލުތައް ތަރައްގީކޮށް، ރާއްޖެއާއި ރާއްޖޭން ބޭރުގައި ދެމެހެއްޓެނިވި މަސައްކަތްތަކެއް ކުރުމަށް މަގުފަހިވެގެންދާނެއެވެ.

ދިރާގުން ބުނި ގޮތުގައި އެ ކުންފުނީގެ ސީއެސްއާރުގެ ދަށުން އެ ޕްރޮގްރާމް ކުރިއަށް ގެންދިއުމަށް ހަލުވި ސްޕީޑްގެ ޑިޖިޓަލް ކަނެކްޓިވިޓީ ދިނުމުގެ އިތުރުން މާލީ އެހީތެރިކަން ދޭނެ ކަމަށެވެ. މީގެ އިތުރުން ދިރާގުގެ ހުނަރުވެރި ޕްރޮފެޝަނަލުންނާއި އެ ކުންފުނީގެ ބޯޑުގެ މެންބަރުން އެ ޕްރޮގްރާމުގެ އެޑްވައިޒަރީ ބޯޑުގައި މެންޓަރުންނާއި އެޑްވައިޒަރުންގެ ގޮތުގައި މަސައްކަތްކުރާނެ ކަމަށްވެސް ބުންޏެވެ.

"ވިލާ ކޮލެޖުގެ (ވީއިގްނައިޓް) އިންކިއުބޭޓާ ޕްރޮގްރާމާއެކު ރާއްޖޭގެ މުސްތަގުބަލު ބައްޓަން ކުރުމަށް އެހީތެރިވެދޭނެ އިނޮވޭޓަރުން އުފެދި އެ މީހުން ބާރުވެރި ކުރުވުމަކީ އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު އުފަލެއް. މި ޕާޓްނާޝިޕްގެ ސަބަބުން ދައްކުވައިދެނީ ދިވެހި ހުނަރުވެރިން ތަރުބިއްޔަތު ކުރުމަށާއި ވިޔަފާރި ކުރިއެރުވުމަށާއި ދެމެހެއްޓެނިވި ތަރައްގީ ކުރިއެރުވުމަށް ދިރާގުން ދޭ ސަމާލުކަމާއި އަހައްމިއްޔަތުކަން،" ދިރާގުގެ ސީއީއޯ އަދި އެމްޑީ އިސްމާއިލް ރަޝީދު ވިދާޅުވިއެވެ.

ވިލާ ކޮލެޖުގެ ރެކްޓާ ޑރ. އަހުމަދު އަންވަރު ވިދާޅުވީ، އެ ކޮލެޖުގެ ބިޒްނަސް އިންކިއުބޭޓާ ޕްރޮގްރާމަކީ ރާއްޖޭގައި ކުރިއަރަމުން އަންނަ ވިޔަފާރިވެރިތައް އިތުރަށް ފުޅާކުރަން އެޅުނު ވަރަށް ބޮޑު ފިޔަވަޅެއް ކަމަށެވެ. އަދި އެ ވިސްނުމަށް ދިރުން ގެނެސްދިނުމުގައި ދިރާގުން މުހިންމު ދައުރެއް އަދާކުރައްވާނެ ކަމަށްވެސް ވިދާޅުވިއެވެ.