ރާއްޖެއިން ވަގަށް ބޭރު ކުރަން އުޅުނު ބައި ޓަނުގެ މިޔަރު މަހާއި މަޑިމަސް މޯލްޑިވްސް ކަސްޓަމްސް އިން ހިފަހައްޓައި، އެތަކެތި ނައްތާލައިފިއެވެ.

ކަސްޓަމްސްއިން މިއަދު ބުނީ އެ ތަކެއްޗަކީ ނެތިދިއުމުގެ ބިރުހީވެފައިވާ ދިރޭތަކެތީގެ ބައިނަލްއަގުވާމީ ވިޔަފާރި ކޮންޓްރޯލްކުރުމުގެ ގާނޫނުގެ ދަށުން ރާއްޖެއިން ބޭރުކުރުން މަނާތަކެތި ހުރިކަމަށް ލިބުނު މައުލޫމާތަކާ ގުޅިގެން، ކަސްޓަމްސްއިން ބަލައި ފާސްކުރުމުގެ ތެރޭގައި ދެނެގަނެވިފައިވާ ތަކެތި ކަމަށެވެ.

އެގޮތުން ބަލައި ފާސްކުރި ކޮންޓެއިނާގެ ތެރެއިން ހިފެހެއްޓި 582 ކިލޯގެ މިޔަރު އަދި މަޑިމަސް މިހާރު ވަނީ ކަސްޓަމްސްގެ ބެލުމުގެ ދަށުން ނައްތާލާފައި ކަމަށާއި އެ ތަކެތި ނައްތާލީ މި ހަފުތާގެ އާދިއްތަ ދުވަހު ކ. ތިލަފުށި ކުނި ނައްތާލާ ސަރަހައްދުގައި ކަމަށެވެ.

މިޔަރާއި މަޑީގެ ބާވަތްތަކަކީ ރާއްޖޭގެ މަސްވެރިކަމުގެ އާންމު ގަވާއިދުގެ ދަށުން ހިފުމާއި ބޭނުމާއި ނެގުމާއި މެރުން މަނާ ބާވަތްތަކާއި އެކްސްޕޯޓް ކުރުން މަނާ ބާވަތްތައްގެ 17 ވަނަ މާއްދާގެ (ބ) ގެ ދެ ވަނަ ނަންބަރުގެ ދަށުން ރާއްޖެއިން ބޭރުކުރުން މަނާ ތަކެއްޗެވެ.