އައްޑޫގައި ގާއިމު ކުރަން ނިންމާފައިވާ ގާމެންޓް ފެކްޓަރީގެ މަޝްރޫއު ހުއްޓާލަން ނޫޅޭ ކަމަށާއި ބިން ލިބުނުހާ އަވަހަކަށް އެ މަސައްކަތް ފަށަން ނިންމާފައިވާ ކަމަށް ބިޒްނަސް ސެންޓާ ކޯޕަރޭޝަން (ބީސީސީ) އިން ބުނެފިއެވެ.
ބީސީސީން މިގޮތަށް ބުނެފައި މިވަނީ އައްޑޫގައި ގާމެންޓް ފެކްޓަރީ މަސައްކަތް މި ސަރުކާރުން ކުރިއަށް ގެންދަން ނިންމާފައިނުވާ ކަމަށް ވިދާޅުވެ އައްޑޫ ސިޓީ މޭޔަރު އަލީ ނިޒާރު މިދިޔަ އާދިއްތަ ދުވަހު އެކްސްގައި ކުރެއްވި ޕޯސްޓަކާ ގުޅިގެންނެވެ. އެމްޑީޕީ ސަރުކާރުން ވަނީ ގާމެންޓް ފެކްޓްރީއަށް ފައިސާ ހަމަޖައްސައި އެކަމަށް ބިންވެސް ކަނޑައަޅައިފައެވެ. ނަމަވެސް އެކަމުގެ އަމަލީ މަސައްކަތް ފެށިފައެއް ނުވެއެވެ.
ބީސީސީގެ ކޯޕްރޭޝަންގެ މެނޭޖިން ޑިރެކްޓަރު އިބްރާހީމް ޒިޔާއު އިއްޔެ "ވަން" އަށް ވިދާޅުވީ ގާމަންޓް ފެކްޓަރީ ހެދުމުގެ މަސައްކަތް މިވަގުތު މަޑުޖެހިފައި އޮތީ ކުރިން އެ ކޯޕްރޭޝަނުން ގާމަންޓް ފެކްޓްރީ އިމާރާތް ކުރަން ހަމަޖެއްސި ބިމުގައި މަސައްކަތް ކުރިޔަށް ގެންދިއުމަށް ދަތިތަކެއް ހުރުމުން ކަމަށެވެ.
އޭނާ ވިދާޅުވީ އެ މަސައްކަތް ފަށަން ދީފައިވާ ބިމުގައި އެހެން ބައެއްގެ ތަކެތި ހުރުމުން، ގާމެންޓް ފެކްޓްރީ ހަދަން އެހެން ބިމެއް ހަމަޖައްސައި ދިނުމަށްއެދި ރަސްމީކޮށް ސިޓީއެއް ފޮނުވާފައިވާނެ ކަމަށް ޒިޔާއު ވިދާޅުވިއެވެ.
"މަސައްކަތް ނުފެށި ތިބެން ޖެހުނު ސަބަބަކީ ބިން ހުސްނުކުރުމުން. ރަސްމީ އެއްވެސް ވާހަކަތަކެއް ހިއްސާކޮށްފައެއް ނެތް. ދެން އެކްސްގައި ކުރައްވައިގެން އުޅޭ މެސެޖު އަޅުގަނޑުމެން ބަލައެއް ނުގަންނަން. އެޔަށް އަޅުގަނޑުމެން ޖަވާބުދާރީ ވާކަށް ބޭނުމެއް ނޫން. ލިޔެކިޔުމުން އަންނަ އެއްޗެއްސަށް އަޅުގަނޑުމެން ޖަވާބުދާރީވާނީ. އެހެންނަމަވެސް އެއްވެސް ލިޔެކިޔުމަކުން އަދި އަޅުގަނޑުމެންނަކާ ހިސާބަކަށް ނާދޭ،" ޒިޔާއު ވިދާޅުވިއެވެ.
ޒިޔާއު އިތުރަށް ވިދާޅުވީ އެ ބިމަކީ 30،000 އަކަފޫޓުގެ ބިމެއް ކަމަށާއި އެ ވަރުގެ އެހެން ބިމަކަށް އައްޑޫ ކައުންސިލުގައި ރަސްމީ ސިޓީއަކުން ބީސީސީން އެދިފައިވާނެ ކަމަށެވެ. ނަމަވެސް ހަމަސް ފާއިތުވެގެން ދިޔައިރު ވެސް އެދެވޭ ޖަވާބެއް އައްޑޫ ކައުންސިލުން ނުލިބޭ ކަމަށާއި ބިން ހަމަޖެހުނުހާ އަވަހަކަށް ގާމަންޓް ފެކްޓްރީގެ މަސައްކަތް ފަށާނެ ކަމަށެވެ.
"އޭގައި ނީންނާނެ އެ ޕޮރޮޖެކްޓު ހުއްޓާލާނެ ކަމުގެ އެއްވެސް ކަހަލަ އިޝާރާތެއް ނުވަތަ ސިޓީއެއް އެގޮތަށް ދަންނަވާފައެއް. އެކަމަކު އަޅުގަނޑުމެން އިންނާނެ ބިން ބަދަލުކުރުމަށް ސިޓީއެއް އައްޑޫ ސިޓީ ކައުންސިލާ ހިއްސާކޮށްފައި، އެ ބިން ނޫން އެހެން ބިމެއް ހަމަޖައްސައިދިނުމަށް އެދި. ޕްރޮޖެކްޓު ކުރިޔަށްދާނެ އައްޑޫގައި،" ޒިޔާއު ވިދާޅުވިއެވެ.
ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް އެހީވުމުގެ ގޮތުން އިކޮނޮމިކް މިނިސްޓްރީން އުފައްދާފައިވާ ބީސީސީން އައްޑޫގައި ކުރިޔަށްގެންދަން ނީންމާފައިވާ ގާމެންޓް ފެކްޓީގެ މަސައްކަތާއި އެ ފެކްޓްރީ ރާވައި ހިންގާނެ ގޮތާއި ފެކްޓަރީ ފުރިހަމައަށް އޮޕަރޭޝަނަށް ގެންނަން އެކުލަވާލަންޖެހޭ އޮޕަރޭޝަނަލް އޮނިގަނޑު އެކުލަވާލައި މުޅި މަސައްކަތް ވިލަރެސްކުރުމަށް ނިންމާފައިވަނީ އިންޓާނޭޝަނަލް ކުންފުންޏަކާ ހަވާލުކޮށްގެން ކަމަށްވެސް ޒިޔާއު ވިދާޅުވިއެވެ.
ގާމެންޓް ފެކްޓަރީއެއް ހަދަން ކައުންސިލާއި ބީސީސީއާ ދެމެދު އެއްބަސްވުމެއް ހަދައި ބިން ކުއްޔަށް ދޫކުމުގެ އެއްބަސްވުމުގައި ސޮއިކުރީ މި އަހަރު ޖޫން ނުވަ ވަނަ ދުވަހުއެވެ.
އައްޑޫ ސިޓީއަކީ މީގެ އަހަރުތަކެއް ކުރިން، އައްޑޫ ސިޓީ ގަމުގައި ސްރީލަންކާގެ ކުންފުނިތަކުން ގާމަންޓް ފެކްޓަރީތަކެއް ހިންގި ސިޓީއެކެވެ. 1981 ވަނަ އަހަރުގެ ކުރީކޮޅު އެ ސިޓީގައި ފުރަތަމަ ގާމެންޓް ފެކްޓްރީ ހުޅުވިއެވެ. ބައެއް ހަމަނުޖެހުންތަކުގެ ސަބަބުން 1994 ވަނަ އަހަރު ފެކްޓްރީ ބަންދުކުރި ނަމަވެސް އޭގެ ދެ އަހަރު ފަހުން 1996 ވަނަ އަހަރު އެ ފެކްޓްރީ އަލުން ހުޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު