ރަށްތަކުގެ މަގުތަކުގައި އުޅޭ ބުޅާތަކަށް އަނިޔާ ނުކުރުމަށް އެގްރިކަލްޗާ އެންޑް އެނިމަލް ވެލްފެއާ މިނިސްޓްރީން އިލްތިމާސްކޮށްފި އެވެ.
އެ މިނިސްޓްރީން އިއްޔެ ނެރުނު ބަޔާނެއްގައި ބުނީ ފަހަކަށް އައިސް ރާއްޖޭގެ ގިނަ ރަށްތަކުގެ މަގުމަތީ އުޅޭ ބުޅާތަކަށް ބައެއް ފަރާތްތަކުން ގޯނާކޮށް، އަނިޔާކުރުމުގެ އިތުރުން އެ ސޮރުމެން މަރާކަމުގެ ޝަކުވާތައް އެމިިނިސްޓްރީއަށް ލިބެމުން އަންނަ ކަމަށެވެ.
އެ އަމަލުތަކަކީ ޖަނަވާރުގެ ދުޅަހެޔޮކަމުގެ މިންގަނޑުތަކާ ހިލާފު އަމަލެއް ކަމަށްވުމުން އެކަން ނުކުރުމަށް އެނިމަލް ވެލްފެއާ މިނިސްޓްރީން ވަނީ އިލްތިމާސްކޮށްފައެވެ.
- ހައިހޫނުކަމާއި ކަރުހިއްކުމާއި ކާޑުބަލިން މިންޖުވުމުގެ މިނިވަންކަން.
- ބިރުގަތުމާއި ހާސްވުމާއި ކަންބޮޑުވުމުން މިންޖުވުމުގެ މިނިވަންކަން.
- ޖިސްމާނީގޮތުން އަރާމުނުލިބުމުން މިންޖުވުމުގެ މިނިވަންކަން.
- ވޭނާއި ހާނިއްކައާއި ބަލި ބަލީން މިންޖުވުމުގެ މިނިވަންކަން.
- އާދަވެގެން ޖަނަވާރު އުޅޭއުޅުމަށް އެޅޭ ހުރަސްތަކުން މިންޖުވުމުގެ މިނިވަނަކަން.
ރާއްޖެއިން ބައިވެރިވެފައިވާ ދުނިޔޭގެ ޖަނަވާރުގެ ސިއްހަތާބެހޭ ޖަމިއްޔާގެ އެނިމަލް ހެލްތު ކޯޑުގައި ޖަނަވާރުގެ ދުޅަހެޔޮ ކަމަށް ހާއްސަ އަހައްމިއްޔަތުކަމެއް ދީފައިކަމަށް އެގްރިކަލްޗާ އެންޑް އެނިމަލް ވެލްފެއާއިގެ ބަޔާނުގައި ވެއެވެ. އޭގެތެރޭގައި ދަނޑުވެރިކަމަށާއި މުނިފޫހުިފިލުވުމަށާއި އިލްމީ ދިރާސާކުރުމަށާއި މިނޫންވެސް ބޭނުންތަކަށް ޖަނަވާރު ގެންގުޅުމުގައި އެސޮރުމެންގެ ދުޅަހެޔޮކަން ކަށަވަރު ކުރުން ހިމެނެއެވެ.
އޮޅުކޮށްގެން ގެންގުޅޭ ޖަނަވާރަކީ، ވަކި ބާވަތެއްގެ ކާނާއެއް ކާންދީ، އެއެއްޗެއްގެ ސުލޫކު ވަކިގޮތަކަށް ބައްޓަންކޮށް، އަޅައިލުމާއި ލޯބިދީ، ހޭހަންކޮށްގެން ގެންގުޅޭ އެއްޗަކަށްވާތީ މަގުމައްޗަށް ދޫކޮށްލުމުން އެސޮރުމެންނަށް ލިބެމުންދިޔަ އަޅައިލުމާއި ލޯބިން މަހުރޫމުވެއެވެ. އޭގެ ނަތީޖާއަކަށް ވަނީ ކަންބޮޑުވުމާއި ހިތްދަތިކަން އިހުސާސްކުރަންޖެހުމުގެ އިތުރުން އާދަވެގެން ކަމުދިޔަ ކާނާ ނުލިބުމާއި އުޅެމުންދިޔަ އަމާން، އަރާމު ވެށި ގެއްލުމުގެ ސަބަބުން އިންސާނުންނާ ދޯޅުވެ ގާތުގައި އުޅުން ކަމަށް މިނިސްޓްރީން ބުނެއެވެ.
އެ ފަދަ ޖަނަވާރަކީ އިންސަނުންނާއެކީ އެފަދަ ވެށީގައި ދިރިއުޅޭ ބުއްދިއެއް ނެތް އެއްޗަކަށްވާތީ އެސޮރުމެންގެ ފަރާތުން އިންސާނުންނަށް އުނދަގޫތައް ކުރިމަތިވުމަކީ އެކަށީގެންވާ ކަމެއް ކަމަށްވެސް އެ މިނިސްޓްރީގެ ބަޔާނުގައި ވެއެވެ.
ޖަނަވާރަށް ރަހުމުކޮށް، އަޅައިލައި، އެތަކެއްޗަށް އޯގާތެރިވުމަށް އިސްލާންދީނުގައިވެސް ބާރުއަޅާ ކަމަށާއި އެގޮތުން އިސްލާމްދީނުގައި ވަނީ ޖަނަވާރުންގެ ހައްގުތައް ކަށަވަރުކޮށްދީފައި ކަމަށް އެ މިނިސްޓްރީގެ ބަޔާނުގައި ވެއެވެ. އިންސާނުންނާއި ޖަނަވާރުންވެސް ދިރިއުޅެން ލައްވައިފައިވަނީ ދުނިޔެ ކަމަށްވުމުން މިއީ ޖަނަވާރުންނަށް ރައްކާތެރި، ރަނގަޅު ތަނަކަށް ހެދުމަށް ބައިނަލްއަގުވާމީ ފެންވަރުގައިވެސް ވަނީ ބާރުއަޅައިފައި ކަމަށް އެ ބަޔާނުގައި ވަނީ ފާހަގަކޮށްފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު