ނ. ހޮޅުދޫގައި ޒަހަމްތަކާއެކު މަރުވެފައި އޮއްވައި ފެނުނު ޒަކިއްޔާ މޫސާގެ މަރުގެ މައްސަލައިގެ ކުރި ޒުވާބެއް ހޫނުވެ، އެ ރަށުގައި ހިންގި މާރަމާރީއަކާ ގުޅިގެން އޭނާގެ ދޮށީފިރިހެން ދަރިފުޅު މިއަދު ހައްޔަރުކޮށްފި އެވެ.
ކަރުގައި ތޫނު އެއްޗަކުން ލިބިފައި ހުރި ޒަހަމްތަކަކާއެކު، ޒަކިއްޔާ ދިރިއުޅޭ ގެ، ނިއުލައިފް ގޭގެ ގުދަނުގެ ތެރޭގައި އޭނާ މަރުވެފައި އޮއްވައި ފެނުނީ މިދިޔަ ސެޕްޓެމްބަރު މަހުގެ 10 ވަނަ ދުވަހުގެ ހެނދުނު އެވެ.
ފުލުހުން މީޑިއާތަކަށް މިއަދު ފޮނުވި މެސެޖެއްގައި ބުނީ، ހޮޅުދޫގައި މިދިޔަ ބުރާސްފަތި ދުވަހު ހިންގި ހަމަނުޖެހުމެއްގެ ތެރެއިން މާރަމާރީއެއް ހިނގާފައިވާތީ، ކޯޓު އަމުރެއްގެ ދަށުން އެ ރަށު ނިއު ލައިފް، މޫސާ ރިމްޒީ، 30އ ހައްޔަރު ކޮށްފައިވާ ކަމަށެވެ. އެނގިފައިވާ ގޮތުގައި އޭނާއަކީ ޒަކިއްޔާގެ ދޮށީ ދަރިފުޅެވެ.
އޭނާ ހައްޔަރުކުރި ކޯޓު އަމުރުގައިވާ ގޮތުން މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ރިމްޒީ ވަނީ އަހުމަދު ޝުޖާއު ނަމަކަށް ކިޔާ މީހެއް ގައިގައި ޖަހައި މާރަމާރި ހިންގާފައެވެ.
ފުލުހުން ބުނެފައިވާ ގޮތުގައި ޒަކިއްޔާގެ މަރުގައި އިތުރު މީހެއްގެ ބައިވެރިވުމެއް އޮތް ކަމަށް ތަހުގީގަށް މިހާތަނަށް އެއްކުރެވިފައިވާ ހެކި ގަރީނާއަކުން ނުދައްކައެވެ.
ފުލުހުން ބުނެފައިވާ ގޮތުގައި ޒަކިއްޔާ މަރުވީ ކަރަށް ލިބިފައި ހުރި ޒަހަމްތަކުން ކަމަށް ޑޮކްޓަރުން މައުލޫމާތު ދީފައިވާ ކަމަށެވެ. އެނގިފައިވާ ގޮތުގައި ޒަކިއްޔާގެ ކަރުގެ ނާރެއް ވަނީ ބުރިވެފައެވެ
"ވަން" އަށް އެނގިފައިވާ ގޮތުގައި ޒަކިއްޔާއަކީ ނަފްސާނީ ބަލި ތަހައްމަލުކުރާ މީހެކެވެ. އެކަން ފުލުހުންވެސް "ވަން" އަށް ވަނީ ކަށަވަރުކޮށްދީފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު