ޕަބްލިކް ސަވިސް މީޑިއާގެ ޗެއާޕާސަން ކަމުގެ މަގާމަށް އާމިނަތު ނަމްޒާ އަދި މެނޭޖިން ޑިރެކްޓަރުގެ މަގާމަށް އިބްރާހީމް ނަސްރީން އައްޔަންކޮށްފިއެވެ.

ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން މިއަދު ބުނީ ޕީއެސްއެމްގެ ޑިރެކްޓަރުންގެ ބޯޑުގެ މެންބަރު ކަމަށާއި ޗެއާޕާސަންގެ މަގާމަށް ނަމްޒާ އަދި ޑިރެކްޓަރުންގެ ބޯޑުގެ މެންބަރު ކަމަށާއި މެނޭޖިން ޑިރެކްޓަރުގެ މަގާމަށް ނަސްރީން މިއަދު އައްޔަންކޮށްފައިވާ ކަމަށެވެ.

ޕީއެސްއެމްގެ އެމްޑީގެ މަގާމަށް ނަސްރީން އައްޔަންކޮށްފައި މިވަނީ އެ މަގާމުގައި ކުރިން ހުންނެވި މުހައްމަދު ސައީދު، މިދިޔަ ހަފުތާގެ އަންގާރަ ދުވަހު އިސްތިއުފާ ދެއްވުމުންނެވެ. ސައީދު އިސްތިއުފާ ދެއްވި ސަބަބެއް ހާމައެއް ނުކުރައްވައެވެ.

ނަސްރީނަކީ ޕީއެސްއެމްގައި ގިނަ ދުވަސްތަކެއް ވަންދެން ހިދުމަތް ކުރައްވާފައިވާ ބޭފުޅެކެވެ. އޭނާ މީގެކުރިން ހުންނެވީ އެ ކުންފުނީގެ ސޭލްސް އެންޑް މާކެޓިން ޑިރެކްޓަރުގެ މަގާމުގައެވެ.

މި ސަރުކާރު ވެރިކަމާ ހަވާލުވިފަހުން ޕީއެސްއެމްގެ މެނޭޖިން ޑިރެކްޓަރު ކަމަށް ފުރަތަމަ އައްޔަންކުރީ ޒީނާ ޒާހިރުއެވެ. ނަމަވެސް މިދިޔަ އޮގަސްޓު މަހު ޒީނާ ވަނީ މަގާމުން އިސްތިއުފާ ދެއްވައިފައެވެ.

ޕީއެސްއެމްގެ ޗެއާޕާސަންގެ މަގާމަށް އައްޔަން ކުރި ނަމްޒާއަކީ ވަރަށް ގިނަ ދުވަސްތަކެއް ވަންދެން ޓީވީއެމްގެ ޕްރެޒެންޓަރެއް ގޮތުގައި އުޅުއްވި ފަރާތެކެވެ. އެގޮތުން އެންމެ ފުރަތަމަ ޕްރޮގްރާމް ހުށަހަޅައިދޭން ފެއްޓެވީ 2001 ވަނަ އަހަރު އިނގިރޭސި ބަހުން ގެނެސްދޭ "ޓޫރިޒަމް އަންލިމިޓެޑް" އިންނެވެ.

ނަމްޒާ މި މަގާމަށް އައްޔަނު ކުރެއްވި އިރު ހުންނެވީ ލޯކަލް ގަވަމަންޓް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރަކަށެވެ. އޭގެ ކުރިން ހުންނެވީ ޖެންޑާ މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރަކަށެވެ.