ހދ. ހަނިމާދޫ އެއާޕޯޓު މަސައްކަތުގެ 77 ޕަސަންޓު ނިމިފައިވާ ކަމަށް ރީޖަނަލް އެއާޕޯޓްސް ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު މުބީން ވިދާޅުވެއްޖެއެވެ.
ދައުލަތުގެ މީޑިޔާގެ ޕްރޮގްރާމް "ރާއްޖެ މިއަދު" ގައި މުބީން ވިދާޅުވީ، ހަނިމާދޫ އެއާޕޯޓު ތަރައްގީކުރުމުގެ މަސައްކަތުގެ ދަށުން ރަންވޭގެ މަސައްކަތް މިހާރު ނިމިފައިވާ ކަމަށެވެ.
"ހަނިމާދޫ އިންޓާނޭޝަނަލް އެއާޕޯޓުގެ މުޅި ޕްރޮޖެކްޓުގެ ޖުމުލަކޮށް ބަލާއިރުގައި ފަސިންޖާ ޓާމިނަލް ބިލްޑިންގެ މަސައްކަތް އެންމެ ބާރު މިނުގައި ކުރިޔަށް މިގެންދަނީ. ރަންވޭވެސް ނިމިފައި އޮތީމަ. މިއާއެއްކޮށް ޓަވަރުގެ މަސައްކަތުގެ 88 ޕަސެންޓު ވަރު މިވަނީ ނިމިފައި. ހެގަރެއް ވެސް މިތާންގައި ހެދިގެން އަންނާނެ. ހެގަރަކީ އެއާ ކްރާފްޓަށް ގެންގޮސްގެން އެއާކްރާފްޓަށް ސާވިސްދިނުމާއި އެކިއެކި ކަންތައްތަކަށް ބޭނުންކުރުމަށްޓަކައި، ހެގަރުގެވެސް ބޮޑުބައެއް ނިންމާލެވިފައި، ކާގޯ ބިލްޑިން 90 ޕަސެންޓު ނިންމާލެވިފައިވަނީ،" މުބީން ވިދާޅުވިއެވެ.
އެ މަސައްކަތުގެ މުޅި ގްރައުންޑް ހެނޑްލްއަށް ބޭނުންވާ އިކުއިޕްމަންޓްތައް ވެސް ލިބިފައިވާ ކަމަށާއި ކުރިޔަށް އޮތް ތަނުގައި މަސައްކަތްތައް ނިމޭ ވަރަކުން، ބާކީ ހުރި ވެހިކަލްތަކާއި ފަޔާ ޓްރަކްތަކާއި ވަރަށް ގިނަ އާ ވެހިކަލްތައް ގެންނަން ނިންމާފައިވާ ކަމަށް މުބީން ވިދާޅުވިއެވެ.
"ބޮޑު ފިއުލް ޖެޓީއަކާވެސް އެއްކޮށް ފިއުލް ސްޓޯރޭޖު ޓޭންކުތަކެއްވެސް ހެދިގެންދާނެ. މި އެއާޕޯޓު ފުރިހަމަވެގެން އަންނަ އިރުގައި، މި ވެލާނާ އިންޓާނޭޝަނަލް އެއާޕޯޓުން މިހާރުދެމުން އަންނަ ގިނަގުނަ ހިދުމަތްތަކެއް. 1.2 މިލިޔަން ފަސެންޖަރުންނަށް އަހަރަކު ހިދުމަތް ދެވޭ ވަރުގެ ބޮޑު އެއާޕޯޓެއް މި އެއާޕޯޓަކީ،" މުބީން ވިދާޅުވިއެވެ.
މުބީން އިތުރަށް ވިދާޅުވީ އެ ޕްރޮޖެކްޓަށް ގެންނަންޖެހޭ ބަދަލުތައް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ އިރުޝާދުގެ ދަށުން، މަސައްކަތާ ހަވާލުވެ ތިބި ފަރާތްތަކާ މަޝްވަރާކޮށް، ގެންނެސްގެން އެއާޕޯޓު ނިންމަން އަމާޒު ހިފާފައިވާ ކަމަށެވެ.
"ވިއްސާރައިގެ ސަބަބުން ކޮންމެވެސް ވަރެއްގެ ދުވަސްތަކެއް ގެއްލިގޮސްފައި. އެހެން ނަމަވެސް ވަރަށް ރަނގަޅަށް ހިންގަަމުން އަންނަ ޕްރޮޖެކްޓެއް. އެޕްރޯންއެއްވެސް ހައްދަވާ. ބައިވަރު ބަދަލަުތައް ގެނެވިއްޖެ. ގިނަގުނަ މަސައްކަތްތައް މިއަދާ ހަމަޔަށް ކުރެވިއްޖެ" މުބީން ވިދާޅުވިއެވެ.
އިންޑިއާގެ އެގްޒިމް ބޭންކުން 136 މިލިއަން ޑޮލަރު ހަރަދު ކޮށްގެން ކުރިއަށް ގެންދާ ހަނިމާދޫ އެއާޕޯޓު ތަރައްގީ ކުރުމުގެ މަޝްރޫއުގެ ތެރެއިން އަލަށް ގާއިމު ކުރި ރަންވޭ އަކީ 2.7 ކިލޯމީޓަރުގެ ދިގު ރަންވޭ އެކެވެ.
ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓުގެ ތަރައްގީކުރުމުގެ މަޝްރޫއު ފަށާފައިވަނީ 18 ޖެނުއަރީ 2023ގައެވެ. އިންޑިއާގެ އެގްޒިމް ބޭންކާއި ދިވެހި ސަރުކާރާ ދެމެދު 2019 ވަނަ އަހަރުގައި ސޮއިކުރި ކްރެޑިޓް ލައިންގެ ދަށުން ކުރިއަށް ގެންދާ އެ މަޝްރޫއުގެ ދަށުން އަހަރަކު 1.3 މިލިއަން ފަސިންޖަރުންނަށް ހިދުމަތް ދެވޭނެ ޖާގައިގެ ޓާމިނަލެއް އިމާރާތް ކުރާނެއެވެ.
އަދި އިންޓަނޭޝަނަލް ދަތުރުތައް ފުޅާކުރުމަށް ބޭނުންވާ އެހެނިހެން ވަސީލަތްތައްވެސް ގާއިމުކުރެއެވެ. ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީކޮށް ނިމުމުން އިންޓަނޭޝަނަލް ދަތުރުތަކުގައި ބޭނުންކުރާ އެއާބަސް އޭ320 އާއި ބޯއިން 737 މަރުކާގެ ބޯޓުފަހަރަށް ހިދުމަތް ދެވޭނެ ކަމަށް ސަރުކާރުން ބުނެފައިވެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު