ބިންވެރިޔާ ސްކީމުން ގޯތި ލިބުނު ކަމަށް ދެއްކުމަށް ސައްހަ ނޫން ލިޔުމެއް ހަދައި، ހުށަހެޅި ކަމަށް ތުހުމަތުވާ އެމްޑަބްލިޔުއެސްސީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުހައްމަދު ފަޒީލް ރަޝީދުއާ ދުވަހަކުވެސް ބައްދަލުވެފައިނުވާ ކަމަށާއި އޭނާ އާއެކު އެއްވެސް މުއާމަލާތެއްވެސް ކޮށްފައިނުވާނެ ކަމަށް ހައުސިން މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން ވިދާޅުވެއްޖެއެވެ.

ފަޒީލަކީ ބިންވެރިޔާ ސްކީމްގެ ދަށުން ހުޅުމާލެ އިން ގޯއްޗަށް ޝަރުތު ހަމަވާ މީހެއް ނޫން ކަމަށް އޮތީ ކަނޑައަޅައިފައެވެ. ނަމަވެސް އޭނާއަށް ގޯތި ލިބިފައިވާ ކަމަށް ބުނާ ރަޖިސްޓްރީ އާއެކު އެ ބިމުގެ ވަށާފާރު ރޭނުމުގެ ހުއްދައަކަށް މިދިޔަ ޖޫން މަހުގެ ތެރޭގައި އެޗްޑީސީގައި އެދުނެވެ. ފަޒީލް އެ ހުއްދައަށް އެދިފައި އޮއްވައި، ހއ. ދިއްދޫގައި ރަޖިސްޓަރީ އޮތް އަބްދުލް މަޖީދު މާހިރު ކިޔާ މީހަކު ވެސް ހަމަ އެ ގޯތީގެ ވަށާފާރު ރޭނުމުގެ ހުއްދައަށް އެދުނެވެ. އެހެންވެ އެ ގޯތީގެ ވެރިފަރާތް ޔަގީންކުރަން އެޗްޑީސީން ހައުސިން މިނިސްޓްރީއަށް ސިޓީ ފޮނުވިއެވެ.

އެ ސިޓީގެ ޖަވާބުގައި ހައުސިން މިނިސްޓްރީން އެޗްޑީސީއަށް މިދިޔަ އޮގަސްޓު މަހު ފޮނުވި ސިޓީގައި ބުނެފައިވަނީ ގޯތީގެ ފާރު ރޭނުމަށް އެދިފައިވާ ދެ މީހުންނަކީވެސް ބިންވެރިޔާ ސްކީމުން ގޯއްޗަށް އެދިފައިވާ ބައެއް ނޫން ކަމަށެވެ. އަދި ފާރު ރާނަން އެދިފައިވާ ގޯއްޗަކީ މިނިސްޓްރީން އެއްވެސް މީހަކާ ހަވާލުކޮށްފައިނުވާ ގޯއްޗެއް ކަމަށްވެސް އެ ސިޓީގައި ބުނެފައިވެއެވެ.

އެ މައްސަލައާ ގުޅިގެން ފުލުހުން ހިންގަމުން އަންނަ ތަހުގީގާ ގުޅޭ މައުލޫމާތު ދިނުމަށް އިސްކަންދަރު ކޮށީގައި ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ސެންޓްރަލް އިންވެސްޓިގޭޝަން ކޮމާންޑުގެ ވެރިޔާ އެސިސްޓަންޓް ކޮމިޝަނާ އޮފް ޕޮލިސް އަބްދުﷲ ޝަރީފު ވިދާޅުވީ، އަކްރަމްއާ ބައްދަލުކޮށް، ގޯއްޗަށް ޝަރުތު ހަމަނުވުމުގެ ޝަކުވާ ކުރި ކަމަށް ފަޒީލް ފުލުހުންނަށް މައުލޫމާތު ދީފައިވާ ކަމަށެވެ. އަދި މައްސަލައިގައި ހިމެނޭ ލިޔުމަކީވެސް ކުރީ ސަރުކާރުން ދިން ލިޔުމެއް ކަމަށް ފަޒީލް ބުނާ ކަމަށްވެސް ޝަރީފު ވިދާޅުވިއެވެ.

ފުލުހުންގެ އެ ވާހަކަތަށް ދޮގުކޮށް އަކުރަމް މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އުސޫލުން ބޭރުން ހުޅުމާލެއިން ގޯތިތަކެއް ދޫކުރި މައްސަލަ ފެންމަތިވުމުން އާންމުންގެ ސަމާލުކަން އަނބުރާލުމަށް ސަރުކާރުން ކުރަމުންގެންދާ ކަންކަމުގެ ތެރެއިން ރޭ ފުލުހުން ބޭއްވި ޕްރެސް ކޮންފަރެންސަކީ ސިޔާސީ ކަމެއް ކަމަށެވެ.

އެގޮތުން ގޯތީގެ ރަޖިސްޓްރީއެއް ކަމަށް ބުނެ ހަދާފައިވާ ލިޔުމަކާމެދު ސުވާލު އުފެދުމުންވެސް އެ ލިޔުމުގެ ސައްހަކަން ކަށަވަރު ކުރުމަށް ފޮރެންސިކް ތަހުލީލެއްވެސް ނުހަދައި އެއީ ކުރީ ސަރުކާރުން ދޫކުރި ލިޔުމެއްގެ ގޮތުގައި ފުލުހުން އެ ވާހަކަ ދެއްކީ ރައްޔިތުންނަށް ހަގީގަތް އޮޅުވާލުމަށް ކަމަށް އަކުރަމް ވިދާޅުވިއެވެ.

"ފުލުހުން އެ ބުނާ ފަޒީލްއާ އަޅުގަނޑާ ދުވަހަކުވެސް ބައްދަލުވެފައި ނުވެ އެވެ. އަދި، އެއްވެސް މުއާމަލާތެއް ވެސް އޭނާއާ ކޮށްފައި ނުވާނެ އެވެ. އެއްވެސް ކަމެއްގައި ބައްދަލުކުރަން އޭނާ އެދިފައެއްވެސް ނުވެ އެވެ. ބިންވެރިޔާ އަދި ގެދޮރުވެރިޔާ ސްކީމްގެ ދަށުން އެއްވެސް ލިޔުމެއް އުސޫލުން ބޭރުން ނުވަތަ ގަވާއިދާ ހިލާފަށް ނުވަތަ ނުރަސްމީކޮށް އެއްވެސް ފަރާތަކަށް ކުރީގެ ހައުސިން މިނިސްޓްރީން ދޫކޮށްފައި ނުވާނެކަމުގެ ޔަގީންކަން އަރުވަމެވެ." އަކުރަމް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، ސަރުކާރުގައި އޭނާ އަދާކުރި މަގާމުގެ ހައިސިއްޔަތުން ކޮށްފައިވާ މަސައްކަތްތަކާ ގުޅޭ ގޮތުން އޭނާއަށް ޖަވާބުދާރީ ނުވެވޭނެ އެއްވެސް ކަމެއް ނޯންނާނެ ކަމަށެވެ.