ސަރުކާރަށް އަމާޒުވާ އެއްވެސް ކޮރަޕްޝަނެއްގައި އޭނާގެ ދައުރެއް ނޯންނާނެ ކަމަށް، ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ)ގެ ޑެޕިއުޓީ ސީއީއޯގެ މަގާމުން ވަކިކުރި ޝިއުނާ އަހުމަދު ވިދާޅުވެއްޖެއެވެ.
އެންސްޕާގެ ސީއީއޯގެ މަގާމުން ޝިއުނާ ވަކިކޮށްފައިވަނީ އިއްޔެއެވެ. ނަމަވެސް އޭނާ މަގާމުން ވަކިކުރި ސަބަބެއް ސާފުވެފައެއް ނުވެއެވެ.
އެންސްޕާގެ ޑެޕިއުޓީ ސީއީއޯ، ޝިއުނާ މަގާމުން ވަކިކޮށްފައި މިވަނީ، އެންސްޕާ ހިންގާނެ އިމާރާތެއް ހޯދުމުގެ ފަހަތުގައި ކޮރަޕްޝަން ހިމެނޭ ކަމަށްބުނެ ތުހުމަތުތަކެއް އަމާޒުވެފައިވާތީ، އެ މައްސަލަ ބަލައިދިނުމަށް އެންސްޕާގެ ފަރާތުން އޭސީސީގައި އެދުމުން އެ މައްސަލަ ތަހުގީގުކުރަން ފަށާފައިވަނިކޮށެވެ. ނަމަވެސް އެ މައްސަލައާ ޝިއުނާއާ ގުޅުމެއްވާ ކަމެއް ކަށަވަރުވެފައެއް ނުވެއެވެ.
އެކަމާ ގުޅޭގޮތުން ޝިއުނާ ރޭ ނެރުއްވި ބަޔާނެއްގައި ވިދާޅުވީ އެންސްޕާގެ މައްޗަށް ތުހުމަތުކޮށްފައިވާ ކޮރަޕްޝަންގެ ތުހުމަތުގެ ބައިވެރިއެއް ކަމަށް ދޭހަވާހެން ސަރުކާރުގެ ކޮރަޕްޝަންތަކެއް ފެންމަތިވެފައިވާ ދަނޑިވަޅެއްގައި، އޭނާ ވަޒީފާއިން ވަކިކޮށްފައިވީ ނަމަވެސް، ސަރުކާރަށް އަމާޒުވާ އެއްވެސް ކޮރަޕްޝަންގެ މައްސަލައެއްގައި އޭނާގެ ބައިވެރިވުމެއް ނޯންނާނެކަމުގެ ފުރިހަމަ ޔަގީންކަން އަރުވާ ކަމަށެވެ.
"އަދި ދަންނަވަމަވެ. އެންސްޕާގެ ޑެޕިއުޓީ ޗީފް އެގްޒެކެޓިވް އޮފިސަރަކަށް އައްޔަންކުރެވުނު ތާރީހުން ފެށިގެން މިއަދާ ހަމައަށް އެންސްޕާއިން އެމްއެމްޓީވީއާ ގުޅިގެން ބާއްވާފައިވާ އެއްވެސް ބައްދަލުވުމެއްގައި ވެސް އަޅުގަނޑު ބައިވެރިވެފައެއް ނުވާނެއެވެ." އޭނާގެ ބަޔާނުގައި ވިދާޅުވިއެވެ.
ޝިއުނާ އިތުރަށް ވިދާޅުވީ އެންސްޕާގެ ޑެޕިއުޓީ ސީއީއޯގެ މަގާމުގައި މަސައްކަތްކުރައްވާފައިވާނީ އިހުލާސްތެރިކަމާއެކު ރައްޔިތުންނަށް ކޮށްދޭ ހިދުމަތެއްގެ ގޮތުގައި، ވަކި ޕާޓީއަކަށް ނުވަތަ ވަކި މީހަކަށް ބެލުމެއްނެތި ކަމަށާއި ކޮރަޕްޝަންގެ އަމަލުތައް ފޮރުވުމަށް ކުރާ މަސައްކަތްތައް ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށެވެ.
އެންސްޕާއަށް ތުހުމަތުވާ މައްސަލައާ ގުޅިގެން މިމަހުގެ ކުރީކޮޅު އޭސީސީގެ ތަހުގީގު ޓީމުން ވަނީ އެންސްޕާ އާއި ފިނޭންސް މިނިސްޓްރީއަށް ވަދެ، ތަހުގީގަށް ބޭނުންވާ މައުލޫމާތު ވެސް އެއްކޮށްފައެވެ.
އެންސްޕާއަށް ކޮރަޕްޝަންގެ ތުހުމަތުތަކެއް އުފެދުނީ އެމްއެމްޓީވީގެ ނަމުގައި ދާދި ފަހުން ހިންގަން ފެށި ޓީވީ ޗެނަލްގެ ކުންފުނި، މޯލްޑިވްސް މީޑިއާ ހައުސް އިން ފަސް އަހަރު ދުވަހަށް، ޖުމުލަ 34 މިލިއަން ރުފިޔާއަށް އިމާރާތެއް ކުއްޔަށް ހިފުމުންނެވެ. އެތަން އެންސްޕާ އިން ކުއްޔަށް ހިފީ ނެޝަނަލް ޓެންޑާ ބޯޑުން ހުއްދަ ދީ، އަދި އޯޕަން ޓެންޑާގެ އުސޫލުންނެވެ.
އެންސްޕާ އިން މިމަހުގެ ދެވަނަ ދުވަހު ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ، އެ އެޖެންސީ ހިންގަން މޯލްޑިވްސް މީޑިއާ ހައުސް އަތުން ކުއްޔަށް ހިފި އިމާރާތާ ގުޅޭ މުއާމަލާތާ ގުޅިގެން އެ ކުންފުނީގެ އަގު ވައްޓާލައި، ބަދުނާމު ކުރުމަށް ހަގީގަތާއި ހިލާފު އެތައް ވާހަކައެއް ދައްކައި މީޑިއާގެ އެކި ވަސީލަތްތައް ބޭނުންކޮށްގެން އެއްވެސް އަސްލެއް ނެތް ދޮގު ވާހަކަތައް ފަތުރަމުންދާ ކަމަށެވެ.
އެކަމުގެ ސަބަބުން އެ ކުންފުންޏަށް މާއްދީ އަދި މައުނަވީ ގޮތުން ފޫނުބެދޭ ވަރުގެ ބޮޑު ގެއްލުމެއް ކުރިމަތިވެފައިވާތީ، އެ އެއްބަސްވުން ނިމުމަކަށް ގެނައުމަށް އެ ކުންފުނިން ހުށަހަޅާފައިވާ ކަމަށް ބުނެފައިވެއެވެ. އެންސްޕާ އިން ބުނެފައިވަނީ، އެކަމާ ގުޅޭގޮތުން ފިނޭންސް މިނިސްޓްރީއާ މަޝްވަރާކުރުމަށްފަހު އެ އެއްބަސްވުން ނިމުމަކަށް ގެނައުމަށް އެ އެޖެންސީން ނިންމާފައިވާ ކަމަށެވެ. އަދި އެކަމާ ގުޅިގެން އިތުރަށް ކުރަންޖެހޭ މުއާމަލާތްތައް ކުރުމާއި އެ އެއްބަސްވުން ނިމުމަކަށް ގެނައުމަށްފަހު ފުރިހަމަކުރަން ޖެހޭ އިޖުރާއަތްތައް ފުރިހަމަކުރުމުގެ މަސައްކަތް ފިނޭންސް މިނިސްޓްރީގެ އިރުޝާދުގެ ދަށުން ކުރިއަށްގެންދާ ކަމަށްވެސް ބުނެފައިވެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު