ބިންވެރިޔާ ސްކީމްގައި ނުހިމެނޭ ބަޔަކަށް ގޯތިތަކެއް ދީފައިވާ ކަމަށް ބުނާ މައްސަލައިގައި އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ފަޒުލް ރަޝީދަށް މިހާތަނަށް އެއްވެސް ތުހުމަތެއް ނުކުރާ ކަމަށް ފުލުހުން މިރޭ ބުނެފިއެވެ.

އެ މައްސަލައާ ގުޅޭ ލިޔުންތަކެއް ސޯޝަލް މީޑިއާގައި ދައުރުވާން ފެށުމުން ފެށި ތަހުގީގާ ގުޅޭގޮތުން މައުލޫމާތު ދިނުމަށް މިރޭ ފުލުހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ސެންޓްރަލް އިންވެސްޓިގޭޝަން ކޮމާންޑުގެ ވެރިޔާ އެސިސްޓަންޓް ކޮމިޝަނާ އޮފް ޕޮލިސް އަބްދުﷲ ޝަރީފު ވިދާޅުވީ އެ ތަހުގީގުގެ ތެރެއިން މިހާތަނަށް ހަ މީހަކާ ސުވާލުކޮށްފައިވާ ކަމަށާއި ނަމަވެސް މިހާތަނަށް ފަޒުލްއަކަށްވެސް އަދި އެއްވެސް މީހަކަށް ތުހުމަތެއް ކޮށްފައި ނުވާނެ ކަމަށެވެ.

އަދި މައްސަލައާ ގުޅިގެން އެއްވެސް މީހެއްގެ ޕާސްޕޯޓް ހިފަހައްޓަންވެސް އެދިފައި ނުވާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

އަބްދުﷲ ޝަރީފު ވިދާޅުވީ، މިހާތަނަށް ބެލި ބެލުމުން ހުޅުމާލޭގެ ތިން ގޯއްޗަކަށް އެކަކަށްވުރެ ގިނަ މީހުން ވަށާފާރު ރޭނުމުގެ ހުއްދައަށް އެދި ހުށަހަޅާފައިވާކަން ފާހަގަވެފައިވާ ކަމަށެވެ. އަދި އެ ހުރިހާ މީހުންނަކީވެސް ބިންވެރިޔާ ސްކީމުގެ ދަށުން ޝަރުތު ފުރިހަމަ ނުވާ އަދި ސްކީމުގައި ބައިވެރިވާން ހުށަވެސް ނާޅާ މީހުން ކަމަށްވެސް ވިދާޅުވިއެވެ.