ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ)ގެ ޑެޕިއުޓީ ސީއީއޯ، ޝިއުނާ އަހުމަދު މަގާމުން ވަކިކޮށްފިއެވެ.
ޝިއުނާ މަގާމުން ވަކިކޮށްފައިވާކަން "ވަން"އަށް މިރޭ ކަށަވަރުވެފައިވީ ނަމަވެސް، އޭނާ ވަކިކުރި ވަކި ސަބަބެއް ސާފެއް ނުވެއެވެ.
އެންސްޕާގެ ޑެޕިއުޓީ ސީއީއޯ، ޝިއުނާ މަގާމުން ވަކިކޮށްފައި މިވަނީ، އެންސްޕާ ހިންގާނެ އިމާރާތެއް ހޯދުމުގެ ފަހަތުގައި ކޮރަޕްޝަން ހިމެނޭ ކަމަށްބުނެ ތުހުމަތުތަކެއް އަމާޒުވެފައިވާތީ، އެ މައްސަލަ ބަލައިދިނުމަށް އެންސްޕާގެ ފަރާތުން އޭސީސީގައި އެދުމުން އެ މައްސަލަ ތަހުގީގުކުރަން ފަށާފައިވަނިކޮށެވެ. ނަމަވެސް އެ މައްސަލައާ ޝިއުނާއާ ގުޅުމެއްވާ ކަމެއް ކަށަވަރުވެފައެއް ނުވެއެވެ.
އެ މައްސަލައާ ގުޅިގެން މިމަހުގެ ކުރީކޮޅު އޭސީސީގެ ތަހުގީގު ޓީމުން ވަނީ އެންސްޕާ އާއި ފިނޭންސް މިނިސްޓްރީއަށް ވަދެ، ތަހުގީގަށް ބޭނުންވާ މައުލޫމާތު ވެސް އެއްކޮށްފައެވެ.
އެންސްޕާއަށް ކޮރަޕްޝަންގެ ތުހުމަތުތަކެއް އުފެދުނީ އެމްއެމްޓީވީގެ ނަމުގައި ދާދި ފަހުން ހިންގަން ފެށި ޓީވީ ޗެނަލްގެ ކުންފުނި، މޯލްޑިވްސް މީޑިއާ ހައުސް އިން ފަސް އަހަރު ދުވަހަށް، ޖުމުލަ 34 މިލިއަން ރުފިޔާއަށް އިމާރާތެއް ކުއްޔަށް ހިފުމުންނެވެ. އެތަން އެންސްޕާ އިން ކުއްޔަށް ހިފީ ނެޝަނަލް ޓެންޑާ ބޯޑުން ހުއްދަ ދީ، އަދި އޯޕަން ޓެންޑާގެ އުސޫލުންނެވެ.
އެންސްޕާ އިން މިމަހުގެ ދެވަނަ ދުވަހު ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ، އެ އެޖެންސީ ހިންގަން މޯލްޑިވްސް މީޑިއާ ހައުސް އަތުން ކުއްޔަށް ހިފި އިމާރާތާ ގުޅޭ މުއާމަލާތާ ގުޅިގެން އެ ކުންފުނީގެ އަގު ވައްޓާލައި، ބަދުނާމު ކުރުމަށް ހަގީގަތާއި ހިލާފު އެތައް ވާހަކައެއް ދައްކައި މީޑިއާގެ އެކި ވަސީލަތްތައް ބޭނުންކޮށްގެން އެއްވެސް އަސްލެއް ނެތް ދޮގު ވާހަކަތައް ފަތުރަމުންދާ ކަމަށެވެ.
އެކަމުގެ ސަބަބުން އެ ކުންފުންޏަށް މާއްދީ އަދި މައުނަވީ ގޮތުން ފޫނުބެދޭ ވަރުގެ ބޮޑު ގެއްލުމެއް ކުރިމަތިވެފައިވާތީ، އެ އެއްބަސްވުން ނިމުމަކަށް ގެނައުމަށް އެ ކުންފުނިން ހުށަހަޅާފައިވާ ކަމަށް ބުނެފައިވެއެވެ.
އެންސްޕާ އިން ބުނެފައިވަނީ، އެކަމާ ގުޅޭގޮތުން ފިނޭންސް މިނިސްޓްރީއާ މަޝްވަރާކުރުމަށްފަހު އެ އެއްބަސްވުން ނިމުމަކަށް ގެނައުމަށް އެ އެޖެންސީން ނިންމާފައިވާ ކަމަށެވެ.
އަދި އެކަމާ ގުޅިގެން އިތުރަށް ކުރަންޖެހޭ މުއާމަލާތްތައް ކުރުމާއި އެ އެއްބަސްވުން ނިމުމަކަށް ގެނައުމަށްފަހު ފުރިހަމަކުރަންޖެހޭ އިޖުރާއަތްތައް ފުރިހަމަކުރުމުގެ މަސައްކަތް ފިނޭންސް މިނިސްޓްރީގެ އިރުޝާދުގެ ދަށުން ކުރިއަށްގެންދާ ކަމަށްވެސް ބުނެފައިވެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު