މި އަހަރު ބޭންކް އޮފް މޯލްޑީވްސް (ބީއެމްއެލް)ގެ ސްޓާޓަޕް ގްރާންޓް ލިބޭ ދެ ވިޔަފާރި ހޮވައިފިއެވެ.

ބީއެމްއެލް ސްޓާޓަޕް ގްރާންޓަކީ އުފެދެމުން އަންނަ ވިޔަފާރިވެރިންނަށް ވިޔަފާރިއެއް ފެށުމަށް ނުވަތަ ކުރިއެރުވުމަށް ހިލޭ އެހީގެ ގޮތުގައި 500،000 ރުފިޔާ ދެމުންއަންނަ ފަންޑެކެވެ. މި އަހަރު މި ގްރާންޓް ކާމިޔާބު ކުރި ދެ ވިޔަފާރިވެރިންނިކީ، ނިޔާފް މުހައްމަދު (ވިޔަފާރީގެ ނަން: ދަ އިލެންޑް ފެކްޓްރީ) އަދި މުހައްމަދު ޝާމިން އަލީ (ވިޔަފާރީގެ ނަން: އާފްޓާ ސްކޫލް) އެވެ.

ދަ އައިލެންޑް ފެކްޓްރީއަށް ގްރާންޓު ދިނީ ރާއްޖޭގައި ތައްޔާރު ކުރާ މަހުގެ އުފެއްދުންތަކުގެ ސިނާއަތަށް، ފެންވަރު ރަނގަޅު، އީޖާދީ ލުއިކާނާ އުފެއްދުމަށް ފެކްޓްރީއެއް ގާއިމްކުރުމަށެވެ. އާފްޓާ ސްކޫލަށް ގްރާންޓު ދިނީ އަމިއްލައަށް ފަރުމާކޮށްގެން ރާއްޖޭގައި ސްޓެމް (ސައިންސް، ޓެކްނޮލޮޖީ، އިންޖީނިއަރިން، މެތަމެޓިކްސް) ކިޓު ދަރިވަރުންނަށް ފޯރުކޮށްދިނުމާއި ތަމްރީނު ޕްރޮގްރާމްތައް ހިންގުމަށެވެ.

ބީއެމްއެލުން މިއަދު ބުނީ ސްޓާޓަޕް ގްރާންޓް ކާމިޔާބު ކުރި ފަރާތްތައް ހޮވީ ދެ މަރުހަލާއަކަށް ބަހާލައިގެން ގެންދިޔަ އިވެލުއޭޝަން ޕްރޮސެސްއަކަށް ފަހު ކަމަށެވެ. މި ގްރާންޓު ދިނުމަށް ފުރަތަމަ މަރުހަލާގައި ބިޒްނަސް ޕްލޭންތައް އިވެލުއޭޓް ކުރުމަށް ފަހު އެންމެ ފާހަގަކޮށްލެވޭ 10 ވިޔަފާރި ޝޯޓްލިސްޓު ކުރިއެވެ. އަދި ދެވަނަ މަރުހަލާގައި ޝޯޓްލިސްޓްވި ފަރާތްތަކުން އެފަރާތުގެ ވިޔަފާރިއާ ގުޅޭ ޕްރެސެންޓޭޝަން އިވެލުއޭޝަން ކޮމިޓީއަށް ހުށަހެޅި ކަމަށް ވެސް ބުންޏެވެ.

މިއީ ބީއެމްއެލްއިން މި ގްރާންޓު ދޫ ކުރި ތިން ވަނަ އަހަރެވެ.