ބިންވެރިޔާ ސްކީމުގެ ދަށުން ދޫކުރި ގޯއްޗެއްގެ ވަށާފާރު ރޭނުމުގެ ހުއްދަ ހޯދަން ދެ ފަރާތަކުން ހުށަހެޅިކަން ފާހަގަވެ، އެކަން ހައުސިން މިނިސްޓްރީން ކަށަވަރު ކުރަން ހުށަހެޅީ އެޗްޑީސީގެ ފަރާތުން ކަމަށް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ފަޒުލް ރަޝީދު ވިދާޅުވެއްޖެއެވެ.

ކުރީގެ ސަރުކާރުން މާލޭ މީހުންނަށް ގޯތި ދިނުމަށް ހިންގި ބިންވެރިޔާ ސްކީމުގެ ބޭރުން ގޯތިތަކެއް ދިން ކަމަށް ބުނާ މައްސަލަ ފެންމަތިވުމާއި ގުޅިގެން އެޗްޑީސީގެ މައި އިމާރާތުގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފަޒުލް ވިދާޅުވީ، އެޗްޑީސީއަކީ ބިންވެރިޔާ ސްކީމުގެ ރަޖިސްޓްރީ ދޫކުރާ އަދި ދޫކުރި ތަނެއްވެސް ނޫން ކަމަށެވެ. އަދި އެ ސްކީމުގެ ދަށުން ދޫކުރާ ބިންތަކުގެ އެއްބަސްވުންތަކާއި އެ ބިން ހަވާލުކުރަނީވެސް އެ ކުންފުނިން ނޫން ކަމަށް ވިދާޅުވިއެވެ.

ފަޒުލް ވިދާޅުވީ، ގޯތި ލިބިފައިވާ މީހަކު، އޭނާގެ ގޯތީގައި ވަށާފާރު ރާނަން ހުށަހަޅަން ޖެހެނީ އެޗްޑީސީގެ ޕޯޓަލް މެދުވެރިކޮށް ކަމަށާއި އެކަމަށް ހުއްދަ ދޫކުރުމުގެ ކުރިން އެ ހުށަހަޅާ ފަރާތަކީ ބިމުގެ ރަޖިސްޓްރީ އޮންނަ ފަރާތެއްކަން ހައުސިން މިނިސްޓްރީން އެކަން ކަށަވަރުކުރާ ކަމަށެވެ.

ނަމަވެސް ފެންމަތިވި މައްސަލައަކީ އެއް ބިމެއްގެ ވަށާފާރު ރޭނުމުގެ ހުއްދައަށް އެދި ދެ މީހަކު ފޮނުވި މައްސަލައެއް ކަމަށާއި ހައުސިން މިނިސްޓްރީއަށް ފޮނުވީ އެ ބިމުގެ ރަޖިސްޓްރީ އޮތީ ކާކުގެކަން ދެނެގަތުމަށް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ސޯޝަލް މީޑިއާގައި އާންމުވެފައިވާ ސިޓީގައިވާ ގޮތުން ގޯތީގައި ފާރު ރޭނުމުގެ ހުއްދަ އަށް އެދިފައިވަނީ ފަޒުލްގެ ބޭބެ މުހައްމަދު ފަޒީލް ރަޝީދާއި އަބްދުލްމަޖީދު މާހިރު ކިޔާ ދިއްދޫ މީހެކެވެ.

"އަޅުގަނޑު ކަންނޭނގެ މިކަން މި އިންފޯމް ކުރީވެސް ހައުސިންއަށް. އަޅުގަނޑުގެ ލޭ ހިނގާ ބޭބެއަކު ހުރިކަމުގައިވިޔަސް، ބޭބެއިން ތިބިކަމުގައި ވިޔަސް މި ދެންނެވި ފަރާތަކީ ހައްގުވާ މީހެއްތޯ ނޫންތޯ ކަނޑައަޅާނީ ހައުސިން އިން އިނގޭތޯ. އެއީ އަޅުގަނޑުގެ ޒިންމާއެއް ނޫން. އެޗްޑީސީގެ ޒިންމާ އެ އޮތީ އަދާކޮށްފައި. އެޗްޑީސީގެ ޒިންމާ، އަޅުގަނޑުގެ ޒިންމާ ވަރަށް ފުރިހަމައަށް އަދާކޮށްފައި އެ އޮތީ. އެހެންވީމަ އަޅުގަނޑު މިތަނުގައި ހުރުމަކުން ނެތުމަކުން މިކަމަށް ހުރަހެއް ނާންނާނެ،" ފަޒުލް ވިދާޅުވިއެވެ.