ބިންވެރިޔާ ސްކީމުގެ ބޭރުން ގޯތިދިނުމުގައި ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ ބައިވެރިވުމެއް ނޯންނާނެ ކަމަށް އެ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ފަޒުލް ރަޝީދު ވިދާޅުވެއްޖެއެވެ.
ބިންވެރިޔާ ސްކީމުގެ ބޭރުން ގޯތި ދިން މައްސަލައެއް ބަލަން ފަށައި، ތަހުގީގުގެ ބޭނުމަށް ފުލުހުން މިއަދު ވަނީ އެޗްޑީސީގެ އިމާރާތަށް ވަދެފައެވެ.
އެ މައްސަލައިގައި އެޗްޑީސީންް ހައުސިން މިނިސްޓްރީއަށް ފޮނުވި ކަމަށްބުނާ ސިޓީއެއްގައި ވަނީ، އެއް ޕްލޮޓަކުން ދެ މީހަކަށް ދޫކުރި 1250 އަކަަފޫޓުގެ ދެ ގޯއްޗެއްގެ ވަށައިފާރު ރޭނުމުގެ ހުއްދައަށް އެދިފައިވާކަން ފާހަގަކޮށްފައެވެ. އެ ސިޓީގައި އެ ދެ ފަރާތުގެ ތަފްސީލު ވެސް ވަނީ ހިމަނައިފައެވެ.
އެ ސިޓީއަށް ހައުސިން މިނިސްޓްރީން ދިން ޖަވާބު ކަމަށްބުނާ ސިޓީއެއް ވެސް ވަނީ ސޯޝަަލް މީޑިއާގައި އާންމުވެފައެވެ. އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ފަޒުލް ރަޝީދަަށް އެޑްރެސްކުރައްވައި، ހައުސިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އިބްރާހިމް ނިޒާމު ފޮނުއްވި ސިޓީގައި ވިދާޅުވެފައިވަނީ، އެ ދެ ފަރާތަކީ ބިންވެރިޔާ ސްކީމުން ގޯއްޗަށް އެދި އެޕްލިކޭޝަން ހުށަހަޅާފައިވާ ފަރާތްތަކެއް ނޫންކަން އެ ސްކީމުގެ ޑޭޓާބޭސް އިން ދައްކާ ކަމަށެވެ.
އެ މައްސަލައިގައި އެޗްޑީސީން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ފަޒުލް ވިދާޅުވީ ފުލުހުންގެ ތަހުގީގަށް އެޗްޑީސީން ފުރިހަމަ އެއްބާރުލުން ދޭނެ ކަމަށާއި ބިންވެރިޔާ ސްކީމުގެ ދަށުން ގޯތި ލިބުނު އެއްވެސް މީހަކަށް ގެއްލުމެއް ލިބޭނެ ފަދަ އެއްވެސް ކަމެއް އެ ކުންފުނިން ކޮށްފައި ނުވާނެ ކަމުގެ ޔަގީންކަން އަރުވާ ކަމަށެވެ.
"ބިންވެރިޔާ ސްކީމުގެ ރަޖިސްޓަރީ އިޝޫކުރަނީ އެޗްޑީސީގެ ފަރާތަކުން ނޫން، އިޝޫ ކޮށްފައި އޮތީކީ ވެސް އަޅުގަނޑުމެންނެއް ނޫން. ކުރީ ސަރުކާރުގައި އިޝޫ ކޮށްފައި ހުރި ބިންވެރިޔާ ޕްލޮޓްތަކެއްގެ ރަޖިސްޓަރީ އެބަހުރި. އެގްރިމަންޓް ހަދަނީ އެޗްޑީސީގެ ފަރާތަކުން ނޫން. ބިން ހަވާލުކުރަނީ އެޗްޑީސީގެ ފަރާތަކުން ނޫން. އަޅުގަނޑުމެން ޝާމިލުވާ ހިސާބަކީ އަޅުގަނޑުމެންގެ ޕޯޓަލް މެދުވެރިވެގެން އެޕްލިކޭޝަނެއް އަންނަ ހިސާބަކީ އަޅުގަނޑުމެން އޭގައި ޝާމިލުވާ ހިސާބު،" އޭނާ ވިދާޅުވިއެވެ.
ފަޒުލް ވިދާޅުވީ އެޗްޑީސީގެ ޕޯޓަލް މެދުވެރިކޮށް ވަށާފާރު ރޭނުމުގެ ހުއްދައަށް އެދޭ ފަރާތްތަކަކީ އެ ރަޖިސްޓަރީއެއް އޮންނަަ ފަރާތެއް ކަމަށް ގަބޫލުކުރާ ކަމަށާއި ނަމަވެސް މައްސަލަ ފާހަގަވި ބައެއް ގޯތިތަކަށް ވަށާފާރު ރޭނުމުގެ ހުއްދަ ބާތިލުކޮށްފައިވާނެ ކަމަށެވެ.
"އެހެންވީމާ އެ ހިސާބުން ފަށައިގެން އަޅުގަނޑުމެން ބައުންޑަރީ ޕާމިޓް އަޅުގަނޑުމެން ދޫކޮށްލަނީ. ދޫކޮށްލާ ހާލަތުގައި އަޅުގަނޑުމެން ވެރިފިކޭޝަން ޕްރޮސެސްއެއް އިނީޝިއޭޓްކޮށްފައިވާނެ. އެހެންވީމާ މިއީ އާންމުގޮތެއްގައި އަޅުގަނޑުމެން ކުރިއަށްގެންދާ ގޮތަކީ. ބިންވެރިޔާގެ ޕްލޮޓްތަކަކީ އަޅުގަނޑުމެން އެއްވެސް ހާލަތެއްގައި، އެއްވެސް އިރެއްގައި ޝާމިލުވެގެން ރައްޔިތުންނާ ހަވާލުކުރި ޕްލޮޓްތަކެއް ނޫން." އޭނާ ވިދާޅުވިއެވެ.
ފަޒުލް އިތުރަށް ވިދާޅުވީ އެކަމުގައި ބޭބެއެއް ހިމެނުމަކީ އިއްތިފާގެއް ކަމަށާއި ބޭބެއެއް ވިޔަސް އެ މައްސަލަ ފާހަގަވެގެން ހައުސިން މިނިސްޓްރީއަށް އަންގާފައިވާނީ ވެސް އެޗްޑީސީން ކަމަށެވެ. އަދި ހައްގުވެރިޔާ ނިންމާނީ މިނިސްޓްރީން ކަމަށް އޭނާ ވިދާޅުވިއެވެ.
ފުލުހުން މިއަދު ބުނީ ބިންވެރިޔާ ސްކީމުގެ ދަށުން ގޯތި ނުލިބޭ ބަޔަކަށް އެޗްޑީސީން ގޯތިތަކެއް ދީފައިވާ ކަމަށް ބެލެވޭ މައްސަލައެއް ފެންމަތިވުމާ ގުޅިގެން އެ މައްސަލައިގެ ޖިނާއީ ތަހުގީގެއް ހިންގަމުންދާ ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު