އާސަންދަ އާއި ސަބްސިޑީ ދިނުމުގައި ވަމުންދާ އިސްރާފު ކުޑަކުރަން ސަރުކާރުން އަޅަން ފަށާފައިވާ ފިޔަވަޅުތަކާއެކު އެ ކަންކަމަށް ދައުލަތުން ކުރާ ހަރަދު ކުޑަވާން ފަށާފައިވާ ކަމަށް ފިނޭންސް މިނިސްޓްރީގެ ހިސާބުތަކުން ދައްކައިފިއެވެ.

ފިނޭންސް މިނިސްޓްރީން ކޮންމެ ހަފުތާއަކު އާންމުކުރާ ތަފާސްހިސާބުތައް ދައްކާގޮތުން މި މަހުގެ ފަސްވަނަ ދުވަހާ ހަމައަށް އާސަންދައަށް ހަރަދުކޮށްފައިވަނީ 1.88 ބިލިއަން ރުފިޔާއެވެ. އެއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ހަރަދުކުރި 1.98 ބިލިއަން ރުފިޔާއަށްވުރެ 101 މިލިއަން ރުފިޔާގެ ދަށްވުމެކެވެ.

ކޮންމެ އަހަރަކު ވެސް ބަޖެޓުކުރާ އަދަދަށްވުރެ އެތައް މިލިއަން ރުފިޔާއެއް އިތުރަށް އާސަންދައަށް ހަރަދުވެއެވެ. ނަމަވެސް އެހެން އަހަރުތަކާ ހިލާފަށް މި އަހަރު އާސަންދައަށް ކަނޑައެޅި ބަޖެޓަށްވުރެ އިތުރަށް އަދި ހަރަދެއް ނުވެއެވެ. މި އަހަރަށް ފާސްކުރި ދައުލަތުގެ ބަޖެޓުގައި އާސަންދައަށް ކަނޑައަޅާފައިވަނީ 1.99 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ.

ސަބްސިޑީ ދިނުމަށް ދައުލަތުން ކުރި ހަރަދަށް ބަލާއިރު މި މަހުގެ ފަސްވަނަ ދުވަހާ ހަމައަށް ސަބްސިޑީގެ ގޮތުގައި ހަރަދުކޮށްފައިވަނީ 3.44 ބިލިއަން ރުފިޔާއެވެ. އެއީ މިދިޔަ އަހަރާ އަޅާބަލާއިރު 233 މިލިއަން ރުފިޔާގެ ދަށްވުމެކެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި ސަބްސިޑީ ދިނުމަށް ހަރަދުކޮށްފައިވަނީ 3.68 ބިލިއަން ރުފިޔާ ހަރަދުކޮށްފައެވެ.

ސަބްސިޑީ ދިނުމަށް މި މަހުގެ ފަސްވަނަ ދުވަހުގެ ނިޔަލަށް ހަރަދުކުރި 3.44 ބިލިއަން ރުފިޔާއަކީ މި އަހަރަށް ބަޖެޓް ކުރި އަދަދަށްވުރެ 614 މިލިއަން އިތުރު އަދަދެކެވެ. މި އަހަރު ސަބްސިޑީ ދިނުމަށް ބަޖެޓްކުރީ 2.8 ބިލިއަން ރުފިޔާއެވެ.