ސީރިޔާގެ ގޯލާން ހައިޓްސްގެ ބިންތަކުގައި އިޒްރޭލުން ވަޒަންވެރިވުމަށް ކުރަމުންގެންދާ މަސައްކަތްތައް ފުޅާކުރުމަށް އެ ގައުމުގެ ސަރުކާރުން ނިންމާފައިވާ ނިންމުން ދިވެހި ސަރުކާރުން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފިއެވެ.

ދިވެހި ސަރުކާރުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، އިޒްރޭލުގެ އެ ނިންމުމަކީ ބައިނަލްއަގުވާމީ އެންމެހާ ގާނޫނުތަކާ ކަނޑައެޅިގެން ހިލާފު އަދި މެދުއިރުމަތީގެ ސުލްހަ ގާއިމުކުރުމަށް ކުރަމުން އަންނަ މަސައްކަތްތަކަށް އިތުރު ގޮންޖެހުންތަކެއް ކުރިމަތިކުރުވާ ނިންމުމެއް ކަމުގައި ދިވެހި ސަރުކާރުން ގަބޫލުކުރާ ކަމަށެވެ.

"ބައިނަލްއަގުވާމީ ގާނޫނާ ހިލާފަށް ސީރިޔާގެ ގޯލާން ހައިޓްސްގެ ބިންތަކަށް ނުހައްގުން ވެރިވެގަތުމަށް އިޒްރޭލުން ހިންގަމުންގެންދާ ޖަރީމާތައް ހުއްޓުވުމަށާއި އިޒްރޭލުން ސީރިޔާއަށް ދެމުންގެންދާ އުދުވާނީ ހަމަލާތައް ނިމުމަކަށް ގެނައުމަށާއި އަދި އދ. ގެ ކަމާބެހޭ ގަރާރުތަކަށް ހުރުމަތްތެރިކޮށް ހިތުމަށް އިޒްރޭލަށް މަޖުބޫރުކުރުވުމަށް އަޅަންޖެހޭ އަވަސް ފިޔަވަޅުތައް އެޅުމަށް ބައިނަލްއަގުވާމީ މުޖުތަމައަށް ދިވެހި ސަރުކާރުން ގޮވާލަމެވެ..،" ދިވެހި ސަރުކާރުގެ ބަޔާނުގައިވެއެވެ.

އެ ބަޔާނުގައި 1967 ވަނަ އަހަރުން ފެށިގެން ސީރިޔާގެ ގޯލާން ހިފާފައިވާކަން ފާހަގަކޮށް ބުނީ، ސަލާމަތީ މަޖިލީހުގެ ގާރާރު 497 (1981) ފަދަ އދ.ގެ ކަމާގުޅޭ ގަރާރުތަކަށް އަމަލުކުރުމަށް އިޒްރޭލަށް އިލްތިމާސްކުރާ ކަމަށެވެ.

މީގެ އިތުރުން ސީރިޔާގެ މިނިވަންކަމާއި ސިޔާދަތާއި ސަރަހައްދީ ސަލާމަތަށް ތާއީދުކުރުމުގައި ރާއްޖެއިން ދެމިއޮންނާނެ ކަމަށާއި ސީރިޔާގެ ރައްޔިތުންގެ އުންމީދުތައް ހާސިލުވާނެ ގޮތަށް، އެ ގައުމުގައި ސުލްހައާއި ސަލާމަތާއި އިސްތިގުލާލު ގާއިމުކުރުމަށް ކުރެވޭ ސަރަހައްދީ އަދި ބައިނަލްއަގުވާމީ ހުރިހާ މަސައްކަތަކަށް ރާއްޖެއިން ފުރިހަމަ އެއްބާރުލުން ދޭނެ ކަމަށް ބަޔާނުގައިވެއެވެ.