އދ. އޮމަދޫ ބަނދަރުގެ މަސައްކަތް އަންނަ އަހަރު ފަށާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް އަތޮޅުތެރެއަށް މިހާރު ކުރައްވަމުން އަންނަ ދަތުރުފުޅުގައި އޮމަދުއަށް މިއަދު ވަޑައިގެން އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވި ޖަލްސާގައި އެ މަނިކުފާނު ވިދާޅުވީ އޮމަދުއަށް ކުރިމަތިވެފައި އޮތް އެންމެ ބޮޑު މައްސަލައަކީ ބަނދަރުގެ މައްސަލަ ކަމަށާއި އެ ބަނދަރުގެ އަމަލީ މަސައްކަތް އަންނަ އަހަރު ފަށާނެ ކަމަށެވެ.

"އަންނަ އަހަރު އެ މަސައްކަތް ފަށާނަން. އަހަރުގެ އެންމެ ކުރީކޮޅު މަސައްކަތް ފަށާނެކަމުގެ ޔަގީންކަންދެން" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، ބަނދަރު މަޝްރޫއާއެކު އެ ރަށުގެ ރަށްގިރުމުގެ މައްސަލައަށް ހައްލެއް ގެނައުމަށް ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއެއްވެސް ކުރިއަށްގެންދާނެ ކަމަށެވެ.

ރައީސް ވިދާޅުވީ އޮމަދޫ ސްކޫލުގައި މަލްޓި ޕާޕަސް ހޯލަކާއި އިތުރު ކްލާސްރޫމްތައްވެސް އަންނަ އަހަރު ހަދައިދެއްވާނެ ކަމަށެވެ. އަދި ސިއްހީ މަރުކަޒުގެ ފެންވަރު ރަނގަޅުކޮށް ބޭނުންވާ އިކުއިޕްމަންޓްތައް ދެއްވާނެ ކަމަށެވެ،

ރައީސް އިތުރަށް ވިދާޅުވީ، އޮމަދޫގައި އަންހެނުންނަށް ހާއްސަ ހޭންޑް ބޯލް ކޯޓަކާއި ފުޓްބޯޅަ ދަނޑުގެ މަސައްކަތްވެސް ކުރިއަށް ގެންދަވާނެ ކަމަށެވެ.