ހައުސިން މިނިސްޓްރީގައި އިއްޔެ ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން އެ އޮފީސް އެއްކޮށް އަނދައި ހުލިވެފައިވާތީ ސާވާތަކުގައި ހުރި ޑޭޓާތައް އަނބުރާ ލިބޭނެ ކަމަށް ނުބެލެވޭ ކަމަށާއި ނަމަވެސް ގެދޮރުވެރިޔާ އަދި ބިންވެރިޔާ މަޝްރޫއުގެ މައުލޫމާތުތައް ހޯދުމުގައި ދައްޗެއް ނެތް ކަމަށް ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރު ވިދާޅުވެއްޖެއެވެ.
ހައުސިން މިނިސްޓްރީގައި ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓްރީ އަދި އެންވަޔަރަމެންޓް މިނިސްޓްރީގެ މަސައްކަތްތައް ދަރުބާރުގެއަށް ބަދަލުކުރުމުގެ މަސައްކަތް ވަނީ ފަށައިފައެވެ.
ދަރުބާރުގޭގައި ހުންނަވައިގެން ދައުލަތުގެ މީޑިއާ، ޕީއެސްއެމްއަށް ހައިދަރު ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ އަލިފާނުގެ ހާދިސާގައި އެ މިނިސްޓްރީގެ ސާވާ ސަލާމަތް ކުރެވިފައިނުވާ ކަމަށެވެ.
"ވުޒާރާއަށް ބަލާއިރު ހަމަ ގާތްގަނޑަކަށް ވުޒާރާގައި ހުރި ހުރިހާ ލިޔެކިޔުމަކާ ޑޭޓާއަކާ އެއްކޮށް އެ ދިޔައީ. ހާއްސަކޮށް އަޅުގަނޑުމެންގެ ސާވާ ސަލާމަތް ނުކުރެވި، ނުކުރެވޭނެ ކަމަށް މިހާރު އަންދާޒާ ކުރެވެނީ، އެހެންވެއްޖެއްޔާ އެއީ ވަރަށް ބޮޑު ގެއްލުމެއް. އެއީ އަޅުގަނޑުމެންގެ އަތުގައި ހުރި ހުރިހާ މައޫލޫމާތެއް އެ ގެއްލިގެން ދިޔައީ. ހުރިހާ މުވައްޒަފުންގެ މައުލޫމާތާ އަދި އަޅުގަނޑުމެން ކުރަމުންދިޔަ ހުރިހާ މަޝްރޫއުތަކެއްގެ މައުލޫމާތު ވެސް ރައްކާކުރެވިފައި ހުންނާނީ ސާވާގައި. ސާވާއަށް އެކްސެސް ނުލިބޭ ކަމަށްވަންޏާ އަޅުގަނޑުމެންނަކަށް އަލުން އެ މައުލޫމާތެއް ހޯދޭނެ ގޮތެއް ނޯންނާނެ. ދެން ހުރިހާ ލިޔެކިޔުމެއް ވެސް އަނދައި ދިޔައީ. އެހެންވީމާ އެއީ ވަރަށް ބޮޑު ގެއްލުމެއް،" ހައިދަރު ވިދާޅުވިއެވެ.
ހައިދަރު ވިދާޅުވީ ސާވާއަށް ގެއްލުންވި ނަމަވެސް، ގެދޮރުވެރިޔާ އަދި ބިންވެރިޔާ މަޝްރޫއުގެ މައުލޫމާތުތައް ރައްކާކުރެވިފައިވަނީ ކްލައުޑުގައި ކަމަށާއި އެހެންވީމަ ސާވާއަށް ގެއްލުން ލިބުނަސް އެ މައުލޫމާތު ލިބެން ހުންނާނެ ކަމަށެވެ.
ހައުސިން މިނިސްޓްރީން އިއްޔެ ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ އެ މިނިސްޓްރީގެ އޮފީސް އެއްކޮށް އެނދި ނަމަވެސް ގެދޮރުވެރިޔާގެ ފޯމުތަކަށް އެއްވެސް އަސަރެއް ކޮށްފައިނުވާ ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު