ރައްޔިތުންގެ މަޖިލީހުގައި ސާވިސްގެ ވަޒީފާއަދާކުރާ މުވައްޒަފުން އުމުރުން 70 ވަންދެން އެ ވަޒީފާގައި ދެމިހުރެވޭގޮތަށް، ޕާލަމެންޓްރީ ސާވިސް ގަވާއިދު ރައްޔިތުންގެ މަޖިލީހުގެ އާއްމު ކޮމިޓީން ފާސްކޮށްފިއެވެ.

ޕާލަމެންޓްރީ ސާވިސްގެ ގަވާއިދުގައި މިހާރު އޮންނަގޮތުން ޕާލިމަންޓްރީ ސާވިސްގެ މުވައްޒަފެއްގެ އުމުރުން 65 އަހަރުވުމުން ޕާލިމަންޓްރީ ސާވިސްގެ ވަޒީފާއިން މުސްކުޅިކޮށް ވަޒީފާއިން ވަކިކުރެވޭނެއެވެ.

ނަމަވެސް ގަވާއިދުގެ އެބަޔަށް އިސްލާހު ގެނައުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީިމް އަބްދުﷲ ވަނީ މަޖިލީހުގެ އާއްމު ކޮމިޓީގައި އެދިފައެވެ.

އެހެންކަމުން އެ ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި ވަނީ ޕާލިމެންޓްރީ ސާވިސްގެ ވަޒީފާގައި ދެމިތިބުމަށް އެދޭ ފަރާތްތަކަށް އުމުރުން 70 ވަންދެން އެ ފަރާތަކުން އަދާކުރަމުންދާ މަގާމުގައި، ދެމިތިބުމުގެ ފުރުސަތު ދިނުމުގެ އިހްތިޔާރު ރައްޔިތުންގެ މަޖިލީހުގެ އަމީން އާއްމަށް ލިބިގެންވާ ކަމަށް ފާސްކޮށްފައެވެ.

އެހެންކަމުން ޕާލަމެންޓްރީ ސާވިސްގައި ކޮންޓްރެކްޓް އުސޫލުން މުވައްޒަފަކު ގެންގުޅެންވާނީ ޕާލަމެންޓްރީ ސާވިސް ވަޒީފާއިން މުސްކުޅި ކުރެވޭ ފަރާތްތަކަށް ވަޒީފާ ދިނުމާބެހޭގޮތުން ގޮތެއް ނިންމުމަށްފަހުގައި ކަމަށްވެސް ގަވާއިދުގައި ވަނީ ހިމަނައިފައެވެ.

ގަވާއިދަށް އާއްމު ކޮމިޓީން މި ބަދަލު ގެންނަން ފާސްކުރީ ފޭދޫ ދާއިރާގެ މެންބަރު އިބްރާހިމް ދީދީ ހުށަހަޅުއްވައި ހޮޅުދޫ ދާއިރާގެ މެންބަރު އަބްދުއްސައްތާރު މުހައްމަދު ތާއީދުކޮށް ވޯޓަށް އަހައިގެންނެވެ.