ވައްކަންކުރާ މީހުންނަށް ދެން ދައުލަތުގެ މަގާމުތަކުގައި ތިބެވިގެން ނުވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނާއިބު ރައީސް އަދި ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ނާޒިމް ވިދާޅުވެއްޖެއެވެ.
ނާޒިމް މިހެން ވިދާޅުވީ، މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އަށް ބޭނުންވާ ޑީސަލް ގަތުމަށް ފިއުލް ސަޕްލައި މޯލްޑިވްސް (އެފްއެސްއެމް)އާއެކު ހިންގި މުއާމަލާތްތަކުން، 28.3 މިލިއަން ރުފިޔާގެ ތެލުގެ ހިޔާނާތްތަކެއް، ވެފައިވާކަމަށް އޮޑިޓް ރިޕޯޓުން ދައްކާ މައްސަލައާއި، ހިޔާ މަޝްރޫއުގެ ދަށުން އެމްޕީއެލް އިން ހުޅުމާލެ ފޭސް ދޭއްގައި އިމާރާތްކޮށްފައިވާ ތިން ޓަވަރު އިމާރާތްކުރުމުގައި ކޮރަޕްޝަން ހިންގާފައިވާ ކަމަށް އޮޑިޓް ރިޕޯޓުގައި ހިމަނާފައިވާ ކަންތައްތަކާބެހޭ ގޮތުން ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގައި މަޝްވަރާ ކުރައްވަމުންނެވެ.
ކޮރަޕްޝަން ހިންގާ ފަރާތްތަކަށް ފިޔަވަޅު އެޅުމަށް ރައްޔިތުންގެ މަޖިލީހުން ކުރެވޭނެ މާބޮޑު ކަމެއް ނެތްކަމަށް އެ ކޮމެޓީގެ މުގައްރިރު އަދި މާމިގިލީ ދާއިރާގެ މެންބަރު ގާސިމް އިބްރާހިމް ވަނީ ވިދާޅުވެފައެވެ.
"މާލިއްޔަތުގެ ގާނޫނާއި މާލިއްޔަތުގެ ގަވާއިދާ ހިލާފަށް ކަންތައްތައް ކޮށްފައިވާކަމަށް އޮޑިޓް ރިޕޯޓްގައި މިއޮތީ، ބުނެފަ، ދެން އަޅުގަނޑުމެން، މިބޭފުޅުން މިތަނަށް ގެނެސްގެން ސުވާލު ކުރީމާ އޮޑިޓް ރިޕޯޓްގައި އޮތީ ރަނގަޅަށްތޯ ބަލައި ސާފުކޮށްފަ، މަޖިސް ތަޅުމަށް ފޮނުވާފަ ދަންނަވާނީ ސަރުކާރުގައި،" ގާސިމް ވިދާޅުވިއެވެ.
ގާސިމް ވިދާޅުވީ، މިކަމާ މަޖިލިސް މެންބަރުން ކިތަންމެ ވާހަކައެއް ދެއްކެވިޔަސް ކުރެވޭނެ ކަމެއް ނޯންނަ ކަމަށެވެ.
"އަޅުގަނޑުމެންނަކަށް މީހުން ބަންދެން ނުކުރެވޭނެ މީހުން ހައްޔަރެއްވެސް ނުކުރެވޭނެ، މިތަނަށް ގެނެސްގެން ސުވާލު ކުރެވޭނީ، ޖަވާބު ދިން އެއްޗެއް ފެންނަން އޮންނާނީ." ގާސިމް ވިދާޅުވިއެވެ.
ގާސިމްގެ ވާހަކަތަކާ ގުޅިގެން ނާޒިމް ވިދާޅުވީ، މާލިއްޔަތާބެހޭ ގާނޫނާއި މާލިއްޔަތާބެހޭ ގަވާއިދު އިސްލާހު ކޮށްގެން ނަމަވެސް އެކަން، ކޮރަޕްޝަން ހުއްޓުވަން ޖެހޭ ކަމަށެވެ.
"މިހާރު ކޮރަޕްޝަނާއި ނުހައްގު މުއްސަނދިކަން ވެސް ވައްކަންވެސް މި ކުރަނީ ތިންބުރި ނަނު ކޮޅުން، އެހެންވީމާ ވައްކަންކުރާ މީހުން އެކަން ކުރީމަ ހިފޭނެ ގޮތެއް ނޯވޭ، އަދި އެމީހުން ފަނޑިޔާރެއްގެ ކުރިމައްޗަށް ގެންގޮސްގެން އަދަބެއް ލިބުން މި އޮންނަނީ މާ ދުރުގަ، އެއީ މިދެންނެވި ސަބަބުތަކާހެދި،"
އެހެން ނަމަވެސް ނާޒިމް ވިދާޅުވީ، އެކަންކަމުގައި ކޮމެޓީންވެސް ރައްޔިތުންގެ މަޖިލީހަށްވެސް ކުރެވޭނެ ކަންކަން އެބަހުރި ކަމަށެވެ.
"އަޅުގަނޑުމެނަށް ހަަމަ ފާޅުގައި ހިޔާނާތްތެރިވެެފައިވާކަމަށް އޮޑިޓް ރިޕޯޓުތަކުން، މި ފެންނަނީ މިކަންކަމުގަ ޒިންމާވާ މީހުން ދެން ދައުލަތުގެ މަގާމުތަކުގަ، ތިބެގެން ނުވާނެ، އެވަރު އަަޅުގަނޑުމެނަށް ކުރެވެން ވާނެ، ފަނޑިޔާރެއްގެ ކުރިމައްޗަށް ގެނެސް ހުކުމެއް ނުކުރެވިދާނެ، ނަމަވެސް ރޯމާ ދުވާލު ވައްކަންކުރާ މީހުން ދެން ދައުލަތުގެ މަގާމެއްގައި ތިބެގެން ނުވާނެ،"
ނާޒިމް ވިދާޅުވީ، އެކަން ކުރެވޭނީ ކޮން ގާނޫނަކަށް އިސްލާހު ގެނެސްގެންތޯ ބަލައިގެން އެކަން ކުރަންޖެހޭ ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު