މިހާރުވެސް ގޯތި ދޫނުކުރާތާ، 18 އަހަރަށްވުރެ ގިނަ ދުވަސްވެފައިވާ ކ. ގާފަރުގެ ބިން ހިއްކައިދޭން އެ ރަށު ކައުންސިލުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ އަރިހުގައި އެދިއްޖެއެވެ.

ރައީސް މުއިއްޒު ގާފަރަށް މިހާރު ކުރައްވަމުން އަންނަ ދަތުރުފުޅުގައި، އެ ރަށު ކައުންސިލާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީއާއެކު މިއަދު ބޭއްވި ބައްދަލުވުމުގައި، ކައުންސިލުން ވަނީ، އެ ރަށުގެ ތަރައްގީއަށް ބޭނުންވާ ކަންކަން ރައީސާ ހިއްސާކުރައްވައިފައެވެ.

ރައީސް އޮފީހުން ބުނި ގޮތުގައި ގާފަރު ކައުންސިލުން އެންމެ މުހިންމު ކަމެއްގެ ގޮތުގައި ފާހަގަކުރެއްވީ، ރަށުން ގޯތި ދޫނުކުރާތާ 18 އަހަރަށްވުރެ ގިނަ ދުވަސްވެފައިވުމުން ބިން ހިއްކައިގެން ރަށުން ގޯތި ދޫކުރެވޭނެ ގޮތް ހަމަޖައްސަވައިދެއްވުން ކަމަށެވެ. އެ ރަށުގައި ފެންވަރު ރަނގަޅު ސިއްހީ މަރުކަޒެއް ގާއިމުކުރުމުގެ މަސައްކަތް އަވަސްކޮށްދެއްވުމަށާއި ސްކޫލުގެ ޖާގައިގެ ދަތިކަން ހައްލުކޮށްދެއްވުމަށްވެސް ރައީސް އަރިހުން އެދިވަޑައިގެންނެވި ކަމަށެވެ.

ރައީސް އޮފީހުން ބުނި ގޮތުގައި އެ ބައްދަލުވުމުގައި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީން ވަނީ ބަޖެޓުގެ ދަތިކަމާއި ހޭންޑް ބޯލް ދަނޑު ނުނިމި އޮތުމުން ކަންބޮޑުވުން ފާޅުކުރައްވައިފައެވެ.

އެ ބައްދަލުކުރެއްވުމުގައި ރައީސު އަރިހުގައި ބައިވެރިވެވަޑައިގެންނެވި ވަޒީރުން ވަނީ ކައުންސިލުން ކަންބޮޑުވުން ފާހަގަކުރެއްވި ކަންކަމަށް ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތްތަކުގެ މައުލޫމާތާއި، ތަރައްގީއަށް ކުރިއަށްގެންދާ މަޝްރޫއުތަކުގެ އެންމެ ފަހުގެ މައުލޫމާތުތައް ހިއްސާކުރައްވާފައެވެ.

ރައީސް އޮފީހުން ބުނި ގޮތުގައި، ކައުންސިލް ބައްދަލުވުމުގައި ރައީސް ވަނީ، ގާފަރަށް އެ މަނިކުފާނު ވައުދުވެވަޑައިގެންފައިވާ ކަންކަން ކޮށްދެއްވާނެކަމުގެ ޔަގީންކަން ދެއްވައިފައި ކަމަށެވެ. އަދި ތައުލީމާއި ސިއްހީ ދާއިރާގެ މަޝްރޫއުތައް މި އަންނަ އަހަރު ފެށުމަށް ހާއްސަ އިސްކަމެއް ދެއްވާނެކަމުގައި އެ މަނިކުފާނު ވިދާޅުވެފައިވާ ކަމަށް ރައީސް އޮފީހުން ބުންޏެވެ.

ގާފަރަކީ މިހާރު ވަރަށް ބޮޑަށް ފުރިފައި އޮތް ރަށެކެވެ. އެ ރަށުގައި ރައްޔިތުން މައިގަނޑު ގޮތެއްގައި އާމްދަނީ ހޯދަނީ މަސްވެރިކަމުންނާއި ލޯކަލް ޓޫރިޒަމުންނެވެ. ކޮންމެވެސް ވަރަކަށް ދަނޑުވެރިކަންވެސް އެ ރަށުގައި ކުރެއެވެ.