އއ. ހިމަންދޫގެ ރަށް ގިރުމުގެ މައްސަލައަށް އަވަސް ހައްލެއް ހޯއްދަވައިދެއްވާނެކަމުގެ ޔަގީންކަން ރައީސް ޑރ. މުހައްމަދު މުއިއްޒު ދެއްވައިފިއެވެ.

އއ. އަތޮޅުގެ ރަށްތަކަށް ރައީސް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން އެ މަނިކުފާނު މިއަދު ވަނީ ހިމަންދޫ ކައުންސިލާއި އެރަށުގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީއާ ބައްދަލުކުރައްވައި، އެ ރަށު ރައްޔިތުންނަށް އެންމެ ބޭނުން ޖެހިފައިވާ ކަންކަމާ ގުޅޭގޮތުން މަޝްވަރާކުރައްވައިފައެވެ. އެ ބައްދަލުކުރެއްވުން ކުރިއަށްދިޔައީ މިއަދު ހަވީރު އއ. މަތިވެރި ކައުންސިލް އިދާރާގައެވެ.

ރައީސް އޮފީހުން ބުނީ އެ ބައްދަލުކުރެއްވުމުގައި ރަށުގެ ނެރުގެ މައްސަލަ ހުރިކަން ފާހަގަކޮށް، އެކަމުގެ ސަބަބުން ކުރިމަތިވާ ގޮންޖެހުންތައް ރައީސްއާ ކައުންސިލުން ހިއްސާކުރި ކަމަށާއި ރަށުގައި ކުޅިވަރުގެ ދާއިރާ ކުރިއެރުވުމަށް ބޭނުންވާކަމާއި، ރަށުގެ ގިރާ ސަރަހައްދު ހިމާޔަތްކުރުމަށް ބޭނުންވާކަން ވެސް ފާހަގަކުރި ކަމަށެވެ. އޭގެ އިތުރުން ބިމުގެ ދަތިކަމާއި، ސްކޫލުގެ ޖާގައިގެ ދަތިކަންވެސް ކައުންސިލުން ފާހަގަކުރި ކަމަށް ރައީސް އޮފީހުން ބުންޏެވެ.

އެ ބައްދަލުކުރެއްވުމުގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ ކައުންސިލުން ފާހަގަކުރެއްވި ކަންކަމުގެ ތެރެއިން ރަށް ގިރުމުގެ މައްސަލައަށާއި ސުކޫލުގެ ޖާގައިގެ ދަތިކަމަށް އަވަސް ހައްލެއް ހޯއްދަވައިދެއްވުމަށް މަސައްކަތްޕުޅު ކުރައްވާނެ ކަމަށެވެ. އަދި ކައުންސިލުން ފާހަގަކުރެއްވި އެހެނިހެން ކަންކަންވެސް ބައްލަވާނެ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

ރައީސް އޮފީހުން ބުނީ އެ ބައްދަލުކުރެއްވުމުގައި ރައީސްގެ އަރިހުގައި ބައިވެރިވެވަޑައިގެންނެވި ވަޒީރުން ވަނީ ހިމަންދޫގެ ތަރައްގީއަށް ސަރުކާރުން ކުރިއަށްގެންދާ މަޝްރޫއުތަކުގެ އެންމެ ފަހުގެ މައުލޫމާތުތައް ހިއްސާކުރައްވާފައި ކަމަށެވެ. އަދި ކައުންސިލުން ފާހަގަކުރެއްވި އެކި ކަންކަމަށް ހައްލު ހޯދުމުގައި މިހާރު ކުރަމުން އަންނަ މަސައްކަތްތައް ވެސް ވަޒީރުން ހިއްސާކުރެއްވި ކަމަށް ރައީސް އޮފީހުން ބުންޏެވެ.

އެ ބައްދަލުކުރެއްވުމުގައި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީން ވަނީ އާމްދަނީ ހޯދުމަށް އެ ކޮމިޓީން ކުރަން ބޭނުންވާ ކަންކަން ހިއްސާކޮށްފައި ކަމަށާއި އެކި ކަންކަމުގައި ސްޓެލްކޯއިން ދޭ އެއްބާރުލުމަށް އެ ކޮމިޓީން ޝުކުރު އަދާކުރި ކަމަށް ރައީސް އޮފީހުން ބުންޏެވެ.