ރައީސް މުހައްމަދު މުއިއްޒު، އއ. ރަސްދޫގެ ގެސްޓް ހައުސް ހިންގާ ފަރާތްތަކާ ބައްދަލުކުރައްވައިފިއެވެ.
ރައީސް އޮފީހުން މިއަދު ބުނީ، ރަސްދޫ އަތޮޅު ގޭގައި ކުރިއަށްދިޔަ އެ ބައްދަލުކުރެއްވުމުގައި ރަސްދޫގެ ގެސްޓް ހައުސް ހިންގާ ފަރާތްތައް ވަނީ ރަސްދޫއާ ކައިރީގައި އޮތް ފިނޮޅު ގިރަމުންދާތީ އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވާފައި ކަމަށެވެ.
ހަމާއެއާއެކު އީއައިއޭ ހަދައިގެން ތިމާވެއްޓަށް ގެއްލުން ނުވާނެ ގޮތަށް އެ ސަރަހައްދު ނެތިދިއުމުން ހިމާޔަތްކޮށްދެއްވުމަށް އެ ފަރާތްތަކުން އެދުނު ކަމަށާއި އޭގެ އިތުރުންވެސް ގެސްޓް ހައުސް ވިޔަފާރި ފުޅާކުރުމަށް ބޭނުންވާކަންކަން ފާހަގަކޮށް އެ ރަށުގެ އިގުތިސާދު ސަލާމަތްކުރުމަށްޓަކައި ބޭނުންވާ ކަންކަން ހިއްސާކުރި ކަމަށެވެ. އަދި ޑޮލަރު އޭޓީއެމްގެ ހިދުމަތް ބޭނުންވާކަންވެސް ގެސްޓް ހައުސް ހިންގާ ފަރާތްތަކުން ފާހަގަކުރި ކަމަށް ރައީސް އޮފީހުން ބުންޏެވެ.
އެ ބައްދަލުކުރެއްވުމުގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ ރަސްދޫގެ ގެސްޓް ހައުސް ހިންގާ ފަރާތްތައް ފާހަގަކުރި ކަންކަން ކަމާ ގުޅުންހުރި އިދާރާތަކާ މަޝްވަރާކުރެއްވުމަށްފަހު އެކަންކަން ބައްލަވާނެ ކަމަށެވެ. އަދި ފިނޮޅު ނެތިދިއުމުގެ މައްސަލައަށް ހައްލު ހޯދުމުގައި ތިމާވެއްޓަށް ގެއްލުން ނުވާނެ ގޮތަށް އެކަން ކުރެވޭނެ ގޮތް ބައްލަވާނެ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު