ފެމިލީ ކޯޓުގެ ހުރުމަތް ކަނޑައިލި މައްސަލައެއްގައި ތިން ދުވަހަށް ޖަލަށްލުމަށް ހުކުމްކުރި އަންހެނަކަށް މައާފުދީ ހުކުމް ތަންޒީފުކުރަން ނުޖެހޭ ގޮތް ހަދައިފިއެވެ.
އެ މައްސަލައިގައި ހުކުމް ކޮށްފައިވަނީ މާލެ، މ. ހުދުކަނީރުގެ، ފާތިމަތު ޝިއުނާގެ މައްޗަށެވެ. ޝިއުނާގެ މައްޗަށް އެ ހުކުމް ކޮށްފައިވަނީ މިދިޔަ މަހުގެ 26 ގައެވެ.
މި މައްސަލައިގައި ކަން ހިނގައިފައިވާ ގޮތަކީ ފެމިލީ ކޯޓުގައި ކުރިއަށްދިޔަ އަޑުއެހުމެއްގައި ޝިއުނާ ވަނީ ޝަރީއަތުގެ ހުއްދަ ނުހޯދައި ޝަރީއަތްކުރާ މާލަމުން ބޭރަށް ގޮސްފައެވެ. ޝަރީއަތް ފެށުމުގެ ކުރިން އިންޒާރުގެ ގޮތުގައި އެފަދަ ކަމެއް ކޮށްފިނަމަ އެ މީހާކާ މެެދު ވަގުތުން ފިޔަވަޅު އެޅުމުގެ ބާރު މައްސަލަ ބައްލަވާ ގާޒީއަށް ލިބިގެންވާކަން ވަނީ އަންގައިފައެވެ.
ނަމަވެސް ޝިއުނާ ވަނީ ޝަރީއަތުގެ މާލަމުން ގާޒީގެ ހުއްދަ ނުހޯދައި ބޭރަށް ގޮސްފައެވެ.
އެހެންވެ މި މައްސަލަ ބެއްލެވި ގާޒީ މައިޝާ ޔޫސުފް ސަމީރު ކުރެއްވި ހުކުމުގައި ވިދާޅުވީ ކޯޓުގެ ހުރުމަތް ކަނޑައިލައިފައިވާތީ ޝިއުނާ ތިން ދުވަހަށް ޖަލަށްލުމަށް ހުކުމްކުރާ ކަމަށެވެ.
އެ ހުކުމް ކުރުމުން ޝިއުނާ ވަނީ މައާފަށް އެދިފައެވެ. އެހެންވެ ގާޒީ ވިދާޅުވީ ކޯޓުގެ ހުރުމަތް ކެނޑުމުން އަޅާ ފިޔަވަޅެއް މައާފުކުރެވޭނެގޮތެއް ފެމިލީ ކޯޓުގެ އާއިލީ އިޖުރާއަތުގެ ގަވާއިދުގައި ބަޔާންކޮށްފައިނުވާ ކަމަށެވެ. ނަމަވެސް އެފަދަ ހާލަތްތަކުގައި ކޯޓުން އަޅާ ފިޔަވަޅުތައް މައާފުކުރުމަށް ވެސް ހުރަހެއް ނެތްކަން ކޯޓުގެ ހުރުމަތް ރައްކާތެރިކުރުމާ ބެހޭ ގަވާއިދަށް ބެލުމުން އެނގޭ ކަމަށް ގާޒީ ވިދާޅުވިއެވެ.
އެހެންވެ ގާޒީ ނިންމެވީ ޝިއުނާ، ތިން ދުވަހަށް ޖަލަށްލުމަށް ކުރި ހުކުމް ތަންފީޒުނުކޮށް ދޫކޮށްލުމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު