އެކިއެކި އިންތިހާބުތަކާ ދިމާކޮށް ކުރީ ސަރުކާރުން 1،900 ކުށްވެރިން ދޫކޮށްލާފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

އއ. އަދި ކ. އަތޮޅުގެ ބައެއް ރަށްތަކަށް މިއަދު ފެއްޓެވި ދަތުރުފުޅުގައި ތޮއްޑޫއަށް ވަޑައިގެން އެ ރަށު ރައްޔިތުންނާ ބައްދަލުކުރައްވައި ރައީސް ވިދާޅުވީ ކުރީ ސަރުކާރުގައި ރިޔާސީ އިންތިހާބާ ދިމާކޮށް 429 ކުށްވެރިން، ކައުންސިލް އިންތިހާބާ ދިމާކޮށް 458 ކުށްވެރިން އަދި މަޖިލިސް އިންތިހާބާ ދިމާކޮށް 762 ކުށްވެރިން ދޫކޮށްލި އިރު، 2022 ވަނަ އަހަރު 256 ކުށްވެރިން ދޫކޮށްލާފައިވާ ކަމަށެވެ.

ނަމަވެސް އެ މަނިކުފާނުގެ ސަރުކާރުން މިހާތަނަށް ދޫކޮށްލާފައިވަނީ 86 ކުށްވެރިން ކަމަށްވެސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ މި އަހަރު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބާ ދިމާކޮށް ސިޔާސީ ފައިދާއަށް ޖަލުގައި ތިބި ކުށްވެރިން މިނިވަންކޮށްފައި ނުވާނެ ކަމަށެވެ. އޭގެ ބަދަލުގައި ސަރުކާރުން މިހާރު ނިންމާފައިވާނީ ޖަލުގައި ތިބޭ ގައިދީންނަށް ރިހެބިލިޓޭޝަނާއި ސަރުކާރުގެ މަޝްރޫއުތަކުގައި ބައިވެރިވެވޭ ގޮތަށް ހަދައި، ގައިދީން ޖަލުން ނުކުންނައިރު މުޖުތަމައަށް ބޭނުންވާ މަސައްކަތަކެއް ދަސްކޮށްދިނުމަށް ކަމަށް ވިދާޅުވިއެވެ.