އަމީނިއްޔާ ސްކޫލަށް 80 އަހަރު ފުރުމުގެ މުނާސަބާގައި ކުރިޔަށް ގެންދިޔަ "އަމީނީ އުފާ" ހަރަކާތް ކާމިޔާބުކަމާއެކު ނިންމާލައިފި އެވެ.

އަމީނިއްޔާ ސްކޫލުގެ ޑެޕިއުޓީ ޕްރިންސިޕަލް ސުވެއިބަތު ސައީދު "ވަން" އަށް މިއަދު ވިދާޅުވީ އަމީނީ އުފާ ކުރިޔަށް ގެންދެވީ އަމީނިއްޔާ ސްކޫލުގެ މިހާރުގެ ދަރިވަރުންނާއި ބެލެނިވެރީންނާއި ސްކޫލު ޓީޗަރުންނާއި މުވައްޒަފުންގެ އިތުރުން އަމީނިއްޔާ ސްކޫލުގައި ކުރީން ކިޔަވާފައި ތިބި ދަރިވަރުންނަށް އަމަޒުކޮށްގެން ކަމަށެވެ.

އެ އުފަލުގައި 3500 އަށްވުރެ ގިނަ މީހުން ޓިކެޓު ގަނެގެން ބައިވެރިވި ކަމަށާއި އަމީނީ އުފާ ކުރިޔަށް ގެންދިޔައީ އެ ސްކޫލުގައި ކުޅިވަރުގެ އެކި ހަރަކާތްތަކާއެކުގައި ކަމަށެވެ.

" މިއީ ފެއާއެއް ގޮތަށް ގެންދިޔަ ހަރަކާތެއް. ޓާގެޓް ކުރީ 3000 އަށް. ނަމަވެސް 3500 ޕްލަސްގެ އޯޑިއަންސެއް ލިބުނު. ފެށީ ބުރާސްފަތި ދުވަހުގެރޭ 8:00 އިން 9:30 އާ ދޭތެރޭ. ހުކުރު ދުވަސް ދޫކޮށްލާފައި ހޮނިހިރު ދުވަހުގެ 10:00 އިން ނަމާދު ވަގުތަށް މެދުކަނޑާލުމަށްފަހު، ހޮނިހިރު ދުވަހުގެރޭ 9:30 ވަންދެން ކުރިޔަށްގެންދިޔައިން" ސުވެއިބަތު ވިދާޅުވިއެވެ.

ޑެޕިއުޓީ ޕްރިންސިޕަލް އިތުރަށް ވިދާޅުވީ މި ފެއާގައި އަމީނިއްޔާ ސްކޫލުގެ 80 އަހަރުގެ މާޒީ ދައްކައިދޭ ފޮޓޯ މައުރަޒެއް ކުރިޔަށް ގެންދިޔަ ކަމަށާއި މިހާރުވެސް ހެނދުނު 9:00 އިން 18:00 އަށް އެ މައުރަޒު ބަލައިލުމަށް ފުރުސަތު ހުޅުވައިލެވިފައިވާ ކަމަށެވެ.

"އެކަންތައް ނިމޭނީ ނުވައެއްގައި. އަމީނީ އުފަލާއެކީ ފޮޓޯ ގެލެރީވެސް ހުޅުވާލީ. އެ މައުރަޒު މިހާރުވެސް އަމިނިއްޔާ ސްކޫލު ހޯލުގައި ކުރިޔަށް އެބަދޭ. ފެންނަން ހުންނާނީ 1944 އިން ފެށިގެން 2024 އަށް ސްކޫލުގައި ގެންދިޔަ ހަރަކާތްތަކާއި ޕްރިންސިޕަލުންގެ ފޮޓޯތަކާ އެކުގައި. އެތަނަށް ވަނީމަ އެންމެ ފުރަތަމަ ދުވަހުންފެށިގެން މިއަދާ ހަމަޔަށް އަމީނިއްޔާ ސްކޫލު ފެންނާނެ." ޝުއެއިބަތު ވިދާޅުވިއެވެ.

ގާތްގަނޑަކަށް 500 އަށްވުރެ ގިނަ ފޮޓޯ ހިމެނޭ ގޮތަށް، އެ ގެލެރީ އަދި ފެއާ ކުރިޔަށް ގެންދިއުމުގައި އެޑިއުކޭޝަން މިނިސްޓްރީ، އަމީނިއްޔާގެ ކުރީގެ ދަރިވަރުންގެ އިތުރުން ސްކޫލުގެ ޓީޗަރުން އަދި ބެލެނިވެރިން މުހިންމު ރޯލުތަކެއް އަދާކުރި ކަމަށް ޑެޕިއުޓީ ޕްރިންސިޕަލް ވިދާޅުވިއެވެ.

އޭގެ އިތުރުން ނޮވެމްބަރު 28 ވަނަ ދުވަހު އެ ސްކޫލުގެ ކުރީގެ ދަރިވަރުން ހާއްސަ ހަފުލާއަކާއި ކްލާސް ޕާޓީއަކާއި ދަރިވަރުންގެ ހިތުގައި ލޯބި ޖެއްސުމަށް އެކިގޮތްގޮތަށް 80 އެޅުމަށް ފުރުސަތު ފަހިކޮށްދީފައި ވާނެ ކަމަށާއި އެ ފޮޓޯތައްވެސް އަމީނިއްޔާ ސްކޫލުގެ އެފްބީ އަދި އިންސްޓާގްރާމް ޕޭޖުން ފެންނަން ހުންނާނެ ކަމަށް ސުވެއިބަތު ވިދާޅުވިއެވެ.