ސީރިއާގެ ވެރިރަށް ދިމިޝްގު ހިފާފައިވާ ކަމަށާއި ރައީސް ބައްޝާރުލް އަސަދު ގައުމު ދޫކޮށް ފިއްލަވާފައިވާ ކަމަށް ސީރިއާ ސަރުކާރާ ދެކޮޅު ހަނގުރާމަވެރިން އިއުލާންކޮށްފި އެވެ.

މިދިޔަ މަހުގެ ފަހުކޮޅުން ފެށިގެން ސީރިއާގެ ހަނގުރާމަވެރިން ވަނީ ބޮޑެތި ކުރިއެރުންތަކެއް ހޯދައި މުހިންމު އެތައް ސިޓީއެއް ހިފައިފައެވެ. އެގޮތުން ރޭގެ ވަގުތެއްގައި ސީރިއާގެ ތިންވަނަ އަށް އެންމެ ބޮޑު ސިޓީ، ހިމްސް ހިފާފައިވާކަން ހަނގުރާމަވެރިން އިއުލާން ކުރި އިރު، ދިމިޝްގަށް ވަދެފައިވަނީ މިއަދު ހެނދުނެވެ.

ރިޕޯޓްތައް ބުނާ ގޮތުން މިއީ މިދިޔަ 13 އަހަރުގެ ތެރޭގައި ހަނގުރާމަވެރިން މިހާ ބޮޑު ކުރިއެރުމެއް ހޯދި ފުރަތަމަ ފަހަރެވެ. އަދި ހަނގުރާމަވެރިން ދިމިޝްގަށް ވަނުމުން އަސްކަރިއްޔާ އިން ދެކޮޅުވެރިކަމެއް ނުދައްކައި، މަގާމު ދޫކޮށްލި ކަމަށާއި އެ ފަހުން ޕަބްލިކް ރޭޑިއޯ އާއި ޓީވީ އިމާރާތް ހަނގުރާމަވެރިންގެ ބާރުގެ ދަށަށް ގެނެސްފައިވާ ކަމަށްވެސް ރުޕޯޓްތައް ބުނެއެވެ.

ހަނގުރާމަވެރިން ދިމިޝްގަށް ވަނުމުން އަސަދު ގައުމު ދޫކޮށް ވަޑައިގެންފައިވާ ކަމަށް ރޮއިޓާސް އިން ރިޕޯޓް ކުރި ނަމަވެސް އޭނާ ވަޑައިގަތީ ކޮން ތަނަކަށް ކަމެއް ނޭނގެއެވެ.

އޯޕަން ސޯސް ފްލައިޓް ޓްރެކްކުރާ ވެބްސައިޓުތަކާ ހަވާލާދީ ރިޕޯޓްތައް ބުނާ ގޮތުން ހަނގުރާމަވެރިން ދިމިޝްގުގެ އެއާޕޯޓް ހިފުމުގެ ކުރިން އެ ގައުމުގެ ވައިގެ ސަރަހައްދުގައި އުޅެފައިވަނީ އެންމެ ފްލައިޓެކެވެ. އެއީ ދިމިޝްގުން ފުރި އެންމެ ފަހު ފްލައިޓެވެ. ނަމަވެސް ހިމްސް މަތިން ދަތުރުކުރުމަށްފަހު ސިގްނަލް ވަނީ ގެއްލިފައެވެ.

ހަނގުރާމަވެރިން ދިމިޝްގު ހިފުމުން 24 އަހަރު ވަންދެން ސީރިއާގެ ވެރިކަމުގައި ހުންނެވި ބައްޝާރު އާއި އޭނާގެ އާއިލާގެ 54 އަހަރުވީ ވެރިކަން މިވަނީ ނިމުމަކަށް އައިސްފަ އެވެ.

ބައްޝާރު ވެރިކަމަށް ވަޑައިގަތީ 14 މާޗް 1971 އިން ފެށިގެން ވެރިކަމުގައި ހުންނެވި ބައްޕާފުޅު ހާފިޒުލް އަސަދު ޖޫން 2000 ވަނަ އަހަރު އަވަހާރަވުމާ ގުޅިގެންނެވެ. އަދި ޖެހިގެން އައި މަހު ގައުމުގެ ވެރިކަމަށް ބައްޝާރު އިންތިހާބު ކުރިއެވެ.

ސީރިއާގައި ދާހިލީ ހަނގުރާމައަށް ފެށުނީ ވެރިކަމުން ބައްޝާރު ދުރުކުރުމަށް 2011 ވަނަ އަހަރު ފެށި މުޒާހަރާތައް ރޫޅާލުމަށް ބާރުގެ ބޭނުންކުރުމާ އެކުއެވެ. އެ ހަނގުރާމައިގައި މިހާތަނަށް 500،000 އަށް ވުރެ ގިނަ މީހުން ސީރިއާގައި ވަނީ މަރުވެފައެވެ. އަދި ރައްޔިތުންނާ ދެކޮޅަށް ކެމިކަލް ހަތިޔާރު ބޭނުންކުރިކަމުގެ ތުހުމަތު ބައްޝާރަށް ކުރެއެވެ.