ރައީސް ޑރ. މުހައްމަދު މުއިއްޒު، އއ. އަދި ކ. އަތޮޅުގެ ބައެއް ރަށްތަކަށް ކުރައްވާ ރަސްމީ ދަތުރުފުޅެއްގައި ފުރާވަޑައިގެންފިއެވެ.

ދެ ދުވަހަށް ކުރައްވާ މި ދަތުރުފުޅުގައި ރައީސް އެންމެ ފުރަތަމަ ވަޑައިގެންފައިވަނީ އއ. ތޮއްޑޫއަށެވެ. މިއަދު ހެނދުނު ތޮއްޑޫއަށް ވަޑައިގެން މިރަށުގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ. އަދި މިރަށު ކައުންސިލާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީއާ ވެސް ބައްދަލުކުރައްވާނެއެވެ.

މި ދަތުރުފުޅުގައި މިއަދު ރަސްދޫ އަދި މަތިވެރިއަށް ވެސް ރައީސް ވަޑައިގަންނަވާނެއެވެ. އަދި އެ ދެ ރަށުގެ ރައްޔިތުންނާއި ކައުންސިލާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީއާ ވެސް ބައްދަލުކުރައްވާނެއެވެ.

މީގެ އިތުރުން އުކުޅަހު ކައުންސިލާއި ހިމަންދޫ އާއި މާޅޮހާއި ފެރިދޫ އަދި ބޮޑުފޮޅުދޫގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީއާ ވެސް ބައްދަލުކުރައްވާނެއެވެ.

ރައީސްގެ މި ދަތުރުފުޅުގައި މާދަމާ ކ. ހިންމަފުއްޓާއި ހުރާ އަދި ގާފަރަށް ވަޑައިގަންނަވާނެ އެވެ. އެ ތިން ރަށުގެ ރައްޔިތުންނާއި ކައުންސިލާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީއާ ވެސް ބައްދަލުކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.

މި ދަތުރުފުޅު ނިންމަވައިލެއްވުމަށްފަހު ރައީސް މާލެ ވަޑައިގަންނަވާނީ މާދަމާއެވެ.