ސިޔާސީ މުވައްޒަފުންގެ މައުލޫމާތަކީ ޒާތީ މައުލޫމާތު ކަމަށާއި އެ މައުލޫމާތުތައް ފޯރުކޮށްދެވެން ނެތް ކަމަށް ރައީސް އޮފީހުން ބުނެފިއެވެ.
ސަރުކާރުގެ އިކޮނޮމިކް ރިފޯމް އެޖެންޑާގެ ދަށުން ދައުލަތުގެ ހަރަދު ކުޑަކުރުމަށްޓަކައި ރައީސް ޑރ. މުހައްމަދު މުއިއްޒު އަޅުއްވާ ފިޔަވަޅެއްގެ ގޮތުން، މިދިޔަ އޮކްޓޯބަރު މަހުގެ 31 ވަނަ ދުވަހުގެ ނިޔަލަށް 228 މުވައްޒަފަކު ވަކިކުރެއްވުމަށް ނިންމަވާފައިވާކަން ރައީސް އޮފީހުގެ ސްޕޯކްސްޕާސަން ހީނާ ވަލީދު މިދިޔަ މަހުގެ އެއްވަނަ ދުވަހު ވިދާޅުވެފައިވީ ނަމަވެސް، ވަކިކުރި މުވައްޒަފުންގެ ތަފްސީލުތައް ހާމަކުރައްވާފައެއް ނުވެއެވެ.
ސަރުކާރުން ވަކިކުރި ސިޔާސީ މުވައްޒަފުންގެ ނަމާއި އެ މުވައްޒަފުން ވަޒީފާ އަދާކުރަމުންދިޔަ އިދާރާތަކުގެ މައުލޫމާތު ހާމަކޮށްފައިނުވުމުން، މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ދަށުން އަމިއްލަ ފަރާތަކުން ވަނީ އެ މައުލޫމާތު ހޯދުމަށް އެދިފައެވެ.
އެ މައުލޫމާތުތައް ހޯދުމަށް އެދުމުން ރައީސް އޮފީހުން މިއަދު ފޮނުވި ޖަވާބުގައި ބުނީ، އެ މައުލޫމާތުތަކުގެ ތެރެއިން ސިޔާސީ މުވައްޒަފުންގެ ނަމަކީ ޒާތީ މައުލޫމާތަށްވެފައި، އެ ފަރާތްތައް މަސައްކަތްކުރެއްވި ވުޒާރާތަކުގެ ނަންތައް ހާމަކޮށްފި ނަމަ، އެ ފަރާތްތަކުގެ ޒާތީ މައުލޫމާތު ހާމަވެދާނެ ކަމަށް ގަބޫލުކުރެވޭތީ، އެ މުވައްޒަފުންގެ ނަމާއި އެ ވުޒާރާތަކުގެ ނަންތަކުގެ މައުލޫމާތަކީ ގާނޫނުގެ ދަށުން ދޫކުރެވޭނެ މައުލޫމާތެއް ނޫން ކަމަށެވެ.
"އެދިވަޑައިގެންފައިވާ މައުލޫމާތުގެ ތެރެއިން، ވަކިކުރެވުނު މުވައްޒަފުންގެ މަގާމުތަކުގެ ނަމާއި، ވަކިކުރެވުނު އަދަދުގެ ތަފްސީލާއި މުވައްޒަފުން ވަކިކުރުމުގެ ސަބަބުން، ދައުލަތުގެ ބަޖެޓުން ސަލާމަތްކުރެވޭނެ އަދަދު ރައީސުލްޖުމްހޫރިއްޔާ 'އެކްސް'ގައި ކުރައްވާފައިވާ ޕޯސްޓުގައި ބަޔާންކުރައްވާފައިވާނެއެވެ..،" ރައީސް އޮފީހުގެ ޖަވާބުގައި ބުންޏެވެ.
މިދިޔަ އޮކްޓޯބަރު މަހުގެ 15 ގައި އެކްސްގައި ރައީސް ކުރައްވާފައިވާ ޕޯސްޓެއްގައި ވިދާޅުވެފައިވަނީ، އިކޮނޮމިކް ރިފޯމް އެޖެންޑާގެ ދަށުން، ހަރަދު ކުޑަކުރުމުގެ ފިޔަވަޅެއްގެ ގޮތުން 15 ދުވަހުގެ ތެރޭގައި ސަރުކާރުގެ އެކި ވުޒާރާތަކުން 228 ސިޔާސީ ބޭފުޅުން ވަކިކުރުމަށް އަންގަވާފައިވާ ކަމަށެވެ.
ރައީސް އޭރު ވިދާޅުވި ގޮތުގައި ވަކިކުރަން ނިންމެވި ސިޔާސީ މުވައްޒަފުންގެ ތެރޭގައި ހަތް ސްޓޭޓް މިނިސްޓަރުންނާއި 43 ޑެޕިއުޓީ މިނިސްޓަރުންނާއި 109 ސެނިއާ ޕޮލިޓިކަލް ޑިރެކްޓަރުންގެ އިތުރުން 69 ޕޮލިޓިކަލް ޑައިރެކްޓަރުން ހިމެނޭ ކަމަށެވެ.
ރައީސް ވިދާޅުވެފައިވަނީ، އެ ބޭފުޅުން ވަކިކުރުމުން ސަރުކާރުގެ ބަޖެޓުން މަހަކު 5.714 މިލިއަން ރުފިޔާ ސަލާމަތްވާނެ ކަމަށެވެ.
ސިޔާސީ މަގާމުތަކާއި ރައްޔިތުންގެ މަޖިލީހުގެ މެންބަރުން އަދި ކުންފުނިތަކުގެ ބައެއް މުވައްޒަފުންގެ މުސާރަތައް ކުޑަކުރަން ވެސް ރައީސް ވަނީ ނިންމަވައިފައެވެ.
އޭގެ އިތުރުން އެ މަނިކުފާނުގެ މުސާރައިގެ 50 ޕަސަންޓް ނުނަންގަވާ ގޮތަށް ހަމަޖައްސަވަން ދެންނެވުމަށް ވެސް ނިންމަވާފައިވާ ކަމަށް ރައީސް ވިދާޅުވެފައިވެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު