މާލޭގެ މަގުތަކުގައި އުޅޭ ބުޅާތައް ބަލަހައްޓަން ހުޅުމާލޭގައި ހެދި ފެސިލިޓީ، އެގްރިކަލްޗާ އެންޑް އެނިމަލް ވެލްފެއާ މިނިސްޓްރީއާ ހަވާލުކުރަން މާލެ ސިޓީ ކައުންސިލަށް އަންގައިފިއެވެ.

މާލެ ސިޓީ ކައުންސިލުގެ މިއަދު ބޭއްވި 174 ވަނަ ރަސްމީ އާއްމު ޖަލްސާގައި މާލެ ސިޓީ ކައުންސިލުގެ މޭޔަރު އާދަމް އާޒިމް ވިދާޅުވީ، ބުޅާ ފެސިލިޓީ، އެގްރިކަލްޗާ އެންޑް އެނިމަލް ވެލްފެއާ މިނިސްޓްރީއާ ހަވާލުކުރުމަށް ސިޓީއަކުން އެ ކައުންސިލަށް އަންގާފައިވާ ކަމަށެވެ.

އާޒިމް ވިދާޅުވީ އެ ސިޓީގައި މިދިޔަ މަހުގެ ހަތަރު ވަނަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލިހުގެ ޖަލްސާގައި "އޮޅުހިޔާ" ދާއިމީ ފެސިލިޓީއަކަށް ބަދަލުކޮށް، އެނިމަލް ވެލްފެއާ މިނިސްޓްރީގެ ބެލުމުގެ ދަށުން ހިންގުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިރުޝާދުދެއްވާފައިވާ ކަމަށް ބުނެފައިވާ ކަމަށެވެ. އެ އިރުޝާދުގެ ދަށުން އަމަލުކުރުމަށް ރައީސް އޮފީހުން މާލެ ސިޓީ ކައުންސިލަށް އަންގާފައިވާ ކަމަށް ވެސް އާޒިމް ވިދާޅުވިއެވެ.

އެގްރިކަލްޗާ މިނިސްޓްރީން ބުޅާ ފެސިލިޓީގެ ހިދުމަތްތައް ފުރިހަމަ ނުވާ ކަމަށް ބުނެ ދައްކަނީ ބަހަނާ ކަމަށާއި ބުޅަލަށް ބޭނުންވާ ބޭސް މާލެތެރެއިން ވެސް ގަންނަން ލިބެން އެބަހުރި ކަމަށް އާޒިމް ވިދާޅުވިއެވެ.

އާޒިމް އިތުރަށް ވިދާޅުވީ، ބުޅާ ފެސިލިޓީ އިމާރާތް ކުރުމަށާއި އެތަން އިތުރަށް ފުރިހަމަ ކުރުމަށް ސިޓީ ކައުންސިލުން ކޮށްފައިވާ ހަރަދު ހޯދުން މުހިންމު ކަމަށާއި ބޭނުން ވަނީ ސަރުކާރާ ގުޅިގެން ސިޓީ ކައުންސިލުގެ މަސައްކަތްތައް ރާވައި ކުރިޔަށް ގެންދިއުން ކަމަށެވެ.

ބުޅާ ފެސިލިޓީ، މިނިސްޓްރީއާ ހަވާލުކުރަން އަންގާފައިވާ އިރު، މާލޭގެ މަގުތަކުގައި އުޅޭ ބުޅާތައް އެ ފެސިލިޓީއަށް ގެންދަން އިއްޔެ އޮތީ ނިންމައިފައެވެ. ނަމަވެސް އެކަމަށް މިނިސްޓްރީން ހުއްދަ ނުދިނުމުން، އެކަން ކުރިއަށް ގެންގޮސްފައެއް ނުވެއެވެ.

ހުޅުމާލޭގެ ފޭސް ދޭއްގައި ހަދާ ޕެޓް ކެއާ ފެސިލިޓީގެ ބިންގާ އަޅާފައިވަނީ މި އަހަރުގެ މާޗް 29 ގައެވެ. ބުޅާތައް ބަލަހައްޓަން ހުޅުމާލޭގައި ހެދި ފެސިލިޓީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ހުޅުއްވައިދެއްވީ މި އަހަރުގެ ނޮވެމްބަރު ދެ ވަނަ ދުވަހުގައެވެ.