ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ) އިން ލިބުނު އެހީއާ މެދު އޮތް ހިތްހަމަނުޖެހުން ސޯޝަލް މީޑިއާގައި ހިއްސާކުރި މީހަކަށް ދިން އެހީގެ ތަފުސީލު ހާމަކުރެވުމުން އެކަމަށް އެ އެޖެންސީން މައާފަށް އެދިއްޖެއެވެ.
އެންސްޕާ އިން ދިން އެހީއާ މެދު ހިތްހަމަނުޖެހިގެން އެކްސްގައި ޕޯސްޓު ކުރި މީހާ ބުނެފައިވަނީ އޭނާގެ ބެލުމުގެ ދަށުގައި ހުރި ކެންސަރުގެ ބަލި މީހަކަށް މިދިޔަ ސަރުކާރުގެ ދުވަސްވަރު ރާއްޖެއިން ބޭރަށް ދާން އެހީގެ ގޮތުގައި 1000 ޑޮލަރު ލިބުނު ކަމަށެވެ. ނަމަވެސް މިފަހަރު ރާއްޖެއިން ބޭރަށް ދާން އެހީއަށް އެދުމުން އެންސްޕާ އިން ދިނީ 3084 ރުފިޔާ ކަމަށް އޭނާ ބުންޏެވެ.
އެ ވާހަކަތަކަށް ރައްދު ދީ އެންސްޕާއިން އިއްޔެ ނެރުނު ނޫސްބަޔާނުގައި ބުނީ އެ މީހާއަށް އެއްވެސް އިރެއްގައި އެ އެޖެންސީން 1000 ޑޮލަރު، އެހީގެ ގޮތުގައި ދިން ކަމަށް ސިސްޓަމްތަކުންވެސް އަދި ލިޔުމަކުންވެސް ފެންނަން ނެތް ކަމަށެވެ. އަދި އެ މީހާއަށް މިދިޔަ އަހަރުން ފެށިގެން މިދިޔަ މަހުގެ ނިޔަލަށް ޖުމުލަ ނުވަ ފަހަރަކު އެންސްޕާ އިން އެހީ ފޯރުކޮށްދީފައިވާ ކަމަށެވެ. އެއިން ކޮންމެ ފަހަރަކު އެހީގެ ގޮތުގައި ދީފައިވާ ފައިސާގެ އަދަދުވެސް އެންސްޕާގެ ބަޔާނުގައި އާންމުކުރިއެވެ.
ނަމަވެސް އެންސްޕާ އިން މިރޭ ނެރުނު ނޫސް ބަޔާނެއްގައި ބުނީ، އެ ތަފުސީލުތައް ހާމަކުރީ އެ އެޖެންސީން އެހީ ނުދިން ކަމަށްބުނެ، ސޯޝަލް މީޑިއާގައި ދޮގު މައުލޫމާތު ފަތުރާ އެ އެޖެންސީން ބަދުނާމުވާ ގޮތަށް ފަތުރަމުންދިޔަ ވާހަކަތަކާ ގުޅިގެން ކަމަށެވެ.
އެ ތަފުސީލުތަކުގައި ބަލިމީހާގެ އެއްވެސް އައިޑެންޓިޓީއެއް ބަޔާންކޮށްފައި ނެތް ނަމަވެސް އެ ތަފުސީލުގައި ބަލި މީހާއަށް އެ އެޖެންސީން ދީފައިވާ އެހީގެ މައުލޫމާތު ހިމެނިފައިވާތީ އެއީ އެންމެ ރަނގަޅު ގޮތް ކަމުގައި ނުވާތީ އެކަމަށް މައާފަށް އެދޭ ކަމަށް އެންސްޕާ އިން ބުންޏެވެ.
ޚަބަރު
ޚަބަރު
ޚަބަރު