ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ) ހިންގާނެ އިމާރާތެއް ހޯދުމުގެ ފަހަތުގައި ކޮރަޕްޝަން ހިމެނޭ ކަމަށްބުނެ ތުހުމަތުތަކެއް އަމާޒުވުމުން، އެ އެއްބަސްވުން ނިމުމަކަށް ގެންނަން އެންސްޕާ އިން ނިންމައިފިއެވެ.

އެންސްޕާއަށް ކޮރަޕްޝަންގެ ތުހުމަތުތަކެއް އުފެދުނީ އެމްއެމްޓީވީގެ ނަމުގައި ދާދި ފަހުން ހިންގަން ފެށި ޓީވީ ޗެނަލްގެ ކުންފުނި، މޯލްޑިވްސް މީޑިއާ ހައުސް އިން ފަސް އަހަރު ދުވަހަށް، ޖުމުލަ 34 މިލިއަން ރުފިޔާއަށް އިމާރާތެއް ކުއްޔަށް ހިފުމުންނެވެ. އެތަން އެންސްޕާ އިން ކުއްޔަށް ހިފީ ނެޝަނަލް ޓެންޑާ ބޯޑުން ހުއްދަ ދީ، އަދި އޯޕަން ޓެންޑާގެ އުސޫލުންނެވެ.

އެ މައްސަލަ ފެންމަތިވުމުން އެކަން ބަލައިދޭން އެދި އެންސްޕާއިން ވަނީ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގައި މިދިޔަ ހުކުރު ދުވަހުގެ ރޭ އެދިފައެވެ.

އެންސްޕާ އިން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ، އެ އެޖެންސީ ހިންގަން މޯލްޑިވްސް މީޑިއާ ހައުސް އަތުން ކުއްޔަށް ހިފި އިމާރާތާ ގުޅޭ މުއާމަލާތާ ގުޅިގެން އެ ކުންފުނީގެ އަގު ވައްޓާލައި، ބަދުނާމު ކުރުމަށް ހަގީގަތާއި ހިލާފު އެތައް ވާހަކައެއް ދައްކައި މީޑިއާގެ އެކި ވަސީލަތްތައް ބޭނުންކޮށްގެން އެއްވެސް އަސްލެއް ނެތް ދޮގު ވާހަކަތައް ފަތުރަމުންދާ ކަމަށެވެ.

އެކަމުގެ ސަބަބުން އެ ކުންފުންޏަށް މާއްދީ އަދި މައުނަވީ ގޮތުން ފޫނުބެދޭ ވަރުގެ ބޮޑު ގެއްލުމެއް ކުރިމަތިވެފައިވާތީ، އެ އެއްބަސްވުން ނިމުމަކަށް ގެނައުމަށް އެ ކުންފުނިން ހުށަހަޅާފައިވާ ކަމަށް ބުންޏެވެ.

އެންސްޕާ އިން ބުނީ، އެކަމާ ގުޅޭގޮތުން ފިނޭންސް މިނިސްޓްރީއާ މަޝްވަރާކުރުމަށްފަހު އެ އެއްބަސްވުން ނިމުމަކަށް ގެނައުމަށް އެ އެޖެންސީން ނިންމާފައިވާ ކަމަށެވެ.

އަދި އެކަމާ ގުޅިގެން އިތުރަށް ކުރަންޖެހޭ މުއާމަލާތްތައް ކުރުމާއި އެ އެއްބަސްވުން ނިމުމަކަށް ގެނައުމަށްފަހު ފުރިހަމަކުރަންޖެހޭ އިޖުރާއަތްތައް ފުރިހަމަކުރުމުގެ މަސައްކަތް ފިނޭންސް މިނިސްޓްރީގެ އިރުޝާދުގެ ދަށުން ކުރިއަށްގެންދާ ކަމަށްވެސް ބުންޏެވެ.