އޭނާ އެންމެ ލޯބިވާ ޖަނަވާރަކީ އަސް ކަމަށާއި އަސް ދުއްވުމަކީ އަބަދުވެސް ދެކެމުން އައި އެންމެ ބޮޑު ހުވަފެން ކަމަށް ރައްޔިތުންގެ މަޖިލީހުގެ މީދޫ ދާއިރާގެ މެންބަރު އަހުމަދު ސިޔާމް މުހައްމަދު ވިދާޅުވެއްޖެއެވެ.
ރާއްޖެ ޓީވީގެ "ފަށާއިރު" ޕްރޮގްރާމަށް ސިޔާމް މިއަދު ދެއްވި އިންޓަވިއެއްގައި ވިދާޅުވީ މީގެ ހަތަރު އަހަރު ކުރިން ހަތް މިލިއަން ޑޮލަރަށް ދިގުރަށް ގަތް ކަމަށާއި އެ ރަށް ލިބުމާއެކު އެންމެ ފުރަތަމަ ވެސް ހިތަށް އެރީ އެރަށަކީ އަސް ގެންނަން ރަނގަޅު ރަށެއް ކަމަށެވެ. އެހާ ހިސާބުން ސިޔާމް ވޯލްޑް ހުޅުވުމަށްފަހު ހަތަރު އަސް ގެނައި ކަމަށާއި މިހާރު ޖުމްލަ 11 އަސް އެބައޮތް ކަމަށް ސިޔާމް ވިދާޅުވިއެވެ.
"ހޯސްއަކީ އަޅުގަނޑު ކުޑައިރުއްސުރެ އެންމެ ލޯބިވާ އެނިމަލް. އެހެންވީމާ ހޯސް ދުއްވުމަކީ އަޅުގަނޑުގެ އެންމެ ބޮޑު ހުވަފެން،" ސިޔާމް ވިދާޅުވިއެވެ.
ސިޔާމް ވިދާޅުވީ އޭނާ އެންމެ ފުރަތަމަ ރިސޯޓެއް ހަދައިގެން އުޅުނު އިރު ވެސް އަސް ގެންނަން ބޭނުންވި ކަމަށެވެ. ނަމަވެސް ރިސޯޓުތަކަކީ ވަރަށް ކުދިކުދި ތަންތަނަށްވުމުން އެކަން ނުކުރެވުނީ ކަމަށް ސިޔާމް ވިދާޅުވިއެވެ. އަދި އެފަދަ ކުދި ރަށްރަށުގައި އަސް ގެންގުޅެ އެތަކެތި ބެލެހެއްޓުމަކީ ވަރަށް ދަތި ނުކުރެވޭނެ ކަމެއް ކަމަށް ސިޔާމް ވިދާޅުވިއެވެ. ނަމަވެސް ދިގުރަށް ލިބުމާއެކު އެކަަން ކުރެވިގެން ދިޔަ ކަމަށެވެ.
އަސް ދުއްވުމަށް ގިނަ ޓޫރިސްޓުންތަކެއް ގަޔާވާ ކަމަށާއި އެކަމުން ރަނގަޅު އާމްދަނީއެއް ލިބި، ރާއްޖެއަށް ވަރަށް ބޮޑަށް ޕްރޮމޯޓް ކުރެވިގެންދާ ކަމަށް ވެސް ސިޔާމް ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ އަބަދުވެސް ތަފާތު އެކި ކުޅިވަޅުތައް ކުޅުއްވުމަށް ޝައުގުވެރިވާ ކަމަށެވެ. އެގޮތުން ރާޅާ އެޅުމަކީ ވެސް ކުރާ ކަމެއް ކަމަށާއި ރާއްޖޭގެ މިހާތަނަށް ނެނގި އެންމެ އުސް ރާޅުގައި ރާޅާ އަޅައިފައިވާނެ ކަމަށް ސިޔާމް ވިދާޅުވިއެވެ. އެއީ 1988 ގައި ނެނގި 15 ފޫޓުގެ ރާޅެއް ކަމަށް ސިޔާމް ވިދާޅުވިއެވެ.
މީގެ އިތުރުން ވެސް ކަޓަމަރާން ދުއްވުމާއި ބޯޓު ދުއްވުމަކީ ކުރާ ކަންކަމަށް ސިޔާމް ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު