އިޒްރޭލްގެ ބޮޑުވަޒީރު، ބެންޖަމިން ނަތަންޔާހޫ ހައްޔަރުކުރުމަށް، އިންޓަނޭޝަންލް ކޯޓް އޮފް ޖަސްޓިސް (އައިސީސީ) އިން އިއްޔެ ނެރުނު އަމުރު ތަންފީޒުކޮށް، ފަލަސްތީނުގެ ރައްޔިތުންނަށް އިންސާފު ކަށަވަރުކޮށްދޭން ޖެހޭ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ރައީސް ޑރ. މުއިއްޒު މިހެން ވިދާޅުވީ އަމިއްލަފުޅު ދަތުރުރުފުޅެއްގައި، އިނގެރޭސި ވިލާތުގައި ހުންނަވައި، ރޭ ފަތިހު އެކްސްގައި ކުރެއްވި ޕޯސްޓެއްގަ އެވެ.

ނަތަންޔާހޫ ހައްޔަރުކުރުމަށް، އައިސީސީ އިން ނެރުނު އަމުރަށް ދިވެހިރާއްޖޭގެ ފަރާތުން މަރުހަބާ ވިދާޅުވެ، ރައީސް ޑރ. މުއިއްޒު ފާހަގަކުރެއްވި ގޮތުގައި، މި އަމުރަކީ ހަނގުރާމައާއި ލާއިންސާނީ އަމަލުތަކާ ދެކޮޅަށް، އެޅުނު ވަރަށް މުހިންމު ފިޔަވަޅެއް ކަމަށެވެ.

"އައިސީސީގެ މި އަމުރަށް ދިވެހިރާއްޖެއިން މަރުހަބާކިޔަން. އަދި މި އަމުރަށް އިހުތިރާމު ކުރުމާއެކު އަމުރު ތަންފީޒުކޮށް ފަލަސްތީނުގެ ރައްޔިތުންނަށް އިންސާފު ކަށަވަރުކޮށްދިނުމުގެ މުހިންމުކަން ފާހަގަކުރަން." ރައީސްގެ އެކްސް ޕޯސްޓުގައި ވިދާޅުވި އެވެ.

ރައީސް ޑރ. މުއިއްޒު އިތުރަށް ފާހަގަކުރެއްވި ގޮތުގައި، އައިސީސީގެ މި އަމުރު ތަންފީޒުކޮށް، ޕަލަސްތީނުގެ ރައްޔިތުންނަށް އިންސާފު ލިބުމަކީ އެ ސަރަހައްދުގައި އަމާންކަމާއި ސުލްހަމަސްލަސްކަން އަލުން ގާއިމުކުރުމަށް ވެސް ކޮންމެހެން ބޭނުންތެރި ކަމެކެވެ.