ފަލަސްތީނުގެ ހައްގުގައި އެންމެ ސާބިތު މަސައްކަތްކުރައްވާ ވެރިޔަކީ ރައީސް ޑރ. މުހައްމަދު މުއިއްޒު ކަމަށް ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު ވިދާޅުވެއްޖެއެވެ.
މި ސަރުކާރަށް އެއް އަހަރު ފުރުމުގެ މުނާސަބަތާ ގުޅިގެން ދައުލަތުގެ މީޑިއާ، ޕީއެސްއެމްއަށް ރައީސް ވަހީދު ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ ސަރުކާރުގެ ހާރިޖީ ސިޔާސަތުގެ ތެރެއިން ފަލަސްތީނުގައި ހިންގަމުންދާ ގަތުލުއާންމު ހުއްޓުވުމަށް ދިވެހި ސަރުކާރުން ކުރަމުންގެންދާ މަސައްކަތް ވަރަށް ފާހަގަކޮށްލެވޭ ކަމަށެވެ.
"ދާދި މިދާކަށް ދުވަހު ސައުދީ އަރަބިއާގެ ރިޔާދްގައި އޮތް އަރަބި އަދި އިސްލާމީ ދައުލަތްތަކުގެ ވެރިންގެ ޖަލްސާގައި ރައީސް ޑރ. މުއިއްޒު ދެއްވި ތަގުރީރަކީ ފަހަކަށް އައިސް، ފަލަސްތީނުގެ މައްސަލައިގައި އެއްވެސް ގައުމެއްގެ ރައީސަކު ދެއްވި އެންމެ ވަރުގަދަ އަދި އެންމެ ސާބިތު ސްޕީޗް،" ވަހީދު ވިދާޅުވިއެވެ.
ރައީސް ވަހީދު ވިދާޅުވީ އިޒްރޭލާ ދެކޮޅަށް ދެކުނު އެފްރިކާގެ ފަރާތުން އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސްއަށް ހުށަހަޅާފައިވާ މައްސަލައަށް ތާއީދުކޮށް، ސަރުކާރުން ވަރުގަދަ ވަކީލުންގެ ޓީމެއް ފޮނުވިކަން އުފަލާއެކު ފާހަގަކުރާ ކަމަށެވެ. ހުޅަނގުގެ ބައެއް ބޮޑެތި ގައުމުތަކުގެ އެހީއާއެކު އިޒްރޭލުން ފަލަސްތީނުގައި ހިންގާ ނާތަހުޒީބު، އަނިޔާވެރި އަދި ލަދެއްނެތް އަމަލުތަކަކީ މި ވޭތުވެދިޔަ 100 އަހަރުގެ ތެރޭގައި ވެސް ހިންގާފައިވާ އެންމެ ބޮޑު ޖަރީމާ ކަމަށް ވަހީދު ވިދާޅުވިއެވެ.
"ދިވެހި ރައްޔިތުންގެ ހިތްތަކުގައި ކެކެމުންދާ އުދާސްތަކާއި ވޭނާއި ހިތްދަތިކަމުގެ އަސަރު ރައީސް ޑރ. މުހައްމަދު މުއިއްޒު އިހުސާސްކުރައްވައި، އެ މަނިކުފާނު ދައްކަވާ ކޮންމެ ވާހަކަފުޅެއްގައި ސާބިތުކަމާއެކު ފާޅުކުރައްވަމުން ގެންދަވާ ކަމަށްޓަކައި އަޅުގަނޑު އެ މަނިކުފާނަށް ޝުކުރު ދަންނަވަން،" ވަހީދު ވިދާޅުވިއެވެ.
ސައުދީއަށް ރައީސް މުއިއްޒު މިމަހު ކުރެއްވި ދަތުރުފުޅުގެ ތެރެއިން ޖޮއިންޓް އަރަބް-އިސްލާމިކް ސަމިޓުގައި ވާހަކަފުޅުދައްކަވަމުން އެ މަނިކުފާނު ވިދާޅުވެފައިވަނީ އިޒްރޭލުގެ އަނިޔާވެރި އިސްތިއުމާރާއި ހިންގަމުންދާ ނަސްލު ނައްތާލުމުގެ ސަބަބުން ތަސައްވުރު ނުކުރެވޭ ފަދަ މަރާއި ފަނާވުމާއި ތަކުލީފުތައް ކުރިމަތިވެފައިވާ ކަމަށެވެ.
ފާއިތުވި އަހަރެއްހާ ދުވަހުގެ ތެރޭގައި އެކަނިވެސް ފަލަސްތީނުގެ ގާތްގަނޑަކަށް 50،000 މީހުންނާއި ލުބުނާނުގައި އިތުރު އެތައް ހާސް ބަޔަކު މަރުވެފައިވާ ކަމަށް އެ މަނިކުފާނު ވިދާޅުވެފައިވެއެވެ.
"މިގޮތަށް ދޫކޮށްލައިގެން ތިބެވޭކަށް ނެތް. އަޅުގަނޑުމެންގެ ބަޔާންތައް، އަޅުގަނޑުމެންގެ ކުށްވެރިކުރުންތަކުން މާބޮޑު ބަދަލެއް ނުގެނޭ. ވެރިކަން ހިފަހައްޓާ މީހުން އަޅަންޖެހޭ ފިޔަވަޅުތައް އަޅާފައެއް ނުވޭ. ބާރުގަދަ ގައުމުތަކުގެ އަމަލުތަކުން ދައްކުވައިދެނީ ފަލަސްތީނުގެ ރައްޔިތުންގެ ފުރާނައަކީ އެހެން އިންސާނުންގެ ފުރާނަ ފަދައިން އަގުހުރި އެއްޗެއްކަން އެމީހުން ދެނެނުގަންނަކަން،" އެ މަނިކުފާނު ވިދާޅުވެފައިވެއެވެ.
ރައީސް ވިދާޅުވެފައިވަނީ އެ ގައުމުތަކުގެ ހިމޭންކަމާއި އަމަލު ނުކުރުމުގެ ސަބަބުން އިސްރާއީލުގެ އަނިޔާވެރި އިސްތިއުމާރު ދެމިއޮތުމަށް މަގުފަހިވެގެންދާ ކަމަށާއި ބައިނަލްއަގުވާމީ މުޖުތަމައު، ހާއްސަކޮށް ސިޔާސީ އަދި އިގުތިސާދީ ގޮތުން ބޮޑު ނުފޫޒެއް ފޯރުވާ ފަރާތްތައް ފަލަސްތީނުގެ ރައްޔިތުންނަށް ނާކާމިޔާބުވެފައިވާ ކަމަށެވެ.
ސަލާމަތީ މަޖިލީހަށް މާނަހުރި ފިޔަވަޅުތަކެއް ނޭޅި، ހަނގުރާމައިގެ ޖަރީމާތަކަށް އަދަބު ނުލިބި ކުރިއަށް ގެންދިއުމަށް ފުރުސަތު ދިނުމާއި، މި ނަސްލު ނައްތާލުމަށް ހަތިޔާރު ބޭނުންކުރުމަށް މަގު ކޮށައިދެވެމުންދާ ކަމަށް ވެސް އެ މަނިކުފާނު ވިދާޅުވެފައިވެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު