ފިރިހެން ކުދިން މަތީ ތައުލީމު ހާސިލުކުރަން ބޭނުންނުވާ ސަބަބު ހޯދަން މޯލްޑިވްސް ނޭޝަނަލް ޔުނިވާސިޓީ (އެމްއެންޔޫ) ދިރާސާއެއް ހަދަން ނިންމައިފިއެވެ.

#ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. މަރިޔަމް މާރިޔާ މިއަދު ދެއްވި ވީޑިއޯ އިންޓަވިއުގައި ވިދާޅުވީ ޓީޗިންގެ ދާއިރާ ވިޔަސް އަދި އިތުރު އެހެން ދާއިރާތަކުން ވެސް މަތީ ތައުލީމު އުގެނެން ބޭނުންވާ އަންހެން ކުދިންނަށް ވުރެ ފިރިހެން ކުދިންގެ އަދަދު މަދުކަން ފާހަގަވެފައިވާ ކަމަށެވެ.

އެ ސަބަބު ދެނެގަތުމަށް އެމްއެންޔޫ އިން ދިރާސާއެއް ކުރުމަށް ނިންމާފައިވާ ކަމަށް މާރިޔާ ވިދާޅުވިއެވެ.

"ފާހަގަކޮށްލަން ބޭނުން ޓީޗަރުންނަށް ގިނައީ އަންހެންކުދިން، ފިރިހެން ކުދިންނަށްވުރެ، ޓީޗަރުން އެކަންޏެއް ނޫން އެހެން މާއްދާތަކުން އެހެން ދާއިރާތަކުން ކިޔަވަން ބޭނުންވާ ފިރިހެން ކުދިންވެސް ވަރަށް މަދު. މިއީ ވަރަށް ބޮޑު މައްސަލައެއް. ވަރަށް ބޮޑު ގޮންޖެހުމެއް. މި މައްސަލަ ހޯދުމަށްޓަކައި މޯލްޑިވްސް ނޭޝަނަލް ޔުނިވާސިޓީން ރިސާޗެއް ވެސް އެބަ ހަދާ. ކީއްވެގެންބާއޭ. ފިރިހެން ކުދިން ހަޔާ އެޑިއުކޭޝަންގައި ނެތީ، މަދީ. މި ދިރާސާއިން އެނގިގެންދާނެ މި ގޮންޖެހުންތައް ވެސް،" މާރިޔާ ވިދާޅުވިއެވެ.

މާރިޔާ އިތުރަށް ވިދާޅުވީ ދިވެހި ޓީޗަރުން މަދުވާ ސަބަބު ދެނެގަތުމަށް ބައެއް އަތޮޅުތަކުންނާއި މާލެއިން ވެސް ދިމާވާ ކުދިންނާ ބައްދަލުކުރައްވައި ވާހަކަދައްކާފައިވާނެ ކަމަށެވެ. އެގޮތުން ގިނަ ވަގުތު ވަޒީފާގައި ހޭދަކުރަން ޖެހުމާއި ލިބޭ މުސާރަ ކުޑަވުމަކީ އޭގެ ސަބަބުތަކެއް ކަމަށް އެކުދިން ފާހަގަކޮށްފައިވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

"ރަށްރަށަށް ކުރާ ދަތުރުތަކުގައާއި މާލެއިން ދިމާވާކުދިންނާ ވާހަކަދައްކާލާ އިރު، ވަރަށް ގުިނަ ކުދިން ބޭނުމެއް ނުވޭ ޓީޗަރުންނަށް ވާކަށް. އަޅުގަނޑުމެން ގިނައިން ވާހަކަ ދެއްވި ކުދިން. ބޭނުން ނުވާ ސަބަބަކީ އެކުދިންދެކޭ ގޮތުގައި ވަރަށް ގިނަ ވަގުތުތައް އެކުދިން އެބަ ހޭދަކުރަން ޖެހޭ. ހެނދުނާއި މެންދުރާއުި ރޭގަނޑާ. މިއީ އެއް ސަބަބު ކަމަށް ބުނޭ. ވަރަށް ގިނަ މަސައްކަތް ކުރަންޖެހޭ ޓީޗަރަކަށް އުޅޭ އިރު. އަދި އެ މަސައްކަތާ ހަމަޔަށް މުސާރަ ވެސް ނުލިބޭ ވާހަކަ އެކުދިން އެބުނަނީ. އެހެންވީމަ ކަމަށް ޓީޗަރަށް ވާން ބޭނުން ނުވަނީ،" މާރިޔާ ވިދާޅުވިއެވެ.