އިންޓަނޭޝަނަލް ސްޕޭސް ސްޓޭޝަން، (އައިއެސްއެސް) އިން ލީކުވާން ފަށައިފިއެވެ.
''އައިއެސްއެސް''ގެ ރަޝިޔާއިން ކޮންޓްރޯލް ކުރާ ފަޅީގައި ލީކެއް އުފެދިފައިވާ ކަމަށާއި އޭގެ ސަބަބުން ޕްރެޝަރުގައި ވައި ބޭރުވަމުން އަންނަ ކަމަށް ނާސާއިން ވަނީ ބުނެފައެވެ.
ރަޝިޔާގެ ސްޕޭސް އެޖެންސީ ''ރޮކޯސްމޮސް'' އިން ވަނީ ލީކު ވާ ސަރަހައްދު ޕެޗް ކުރި ކަމަށާއީ އެކަމުންވެސް ހައްލެއް ނުލިބޭ ކަމަށް ބުނެފައެވެ.
ފުޓުބޯޅަ ދަނޑެއްހައި ބޮޑު ''އައިއެސްއެސް'' އަކީ މުޅީން ޕްރެޝަރު ކުރެވި އޭގައި ދިރިއުޅޭ މީހުންނަށް ނޭވާ ލެވޭގޮތަށް އޮކްސިޖަން ދޫކޮށްފައި ހުންނަ ޖައްވީ އުޅަނދެކެވެ. ނާސާއިން ބުނެފައިވާ ގޮތުގައި، އެންމެ ފުރަތަމަ އައިއެސްއެސް އިން ލީކެއް ފާހަގަ ވެފައިވަނީ 2019 ވަނަ އަހަރު ރަޝިޔާއިން ކޮންޓްރޯލްކުރާ ފަޅީގައެވެ.
ނާސާއިން ބުނީ ލީކުވާ ކަމަށް ބެލެވޭ ސަރަހައްދަކީ އެ އުޅަނދަށް ޑޮކް ކުރާ އުޅަނދު މައުންޓު ކުރާ ސަރަހައްދު ކަމަށެވެ. އެ ސަރަހައްދަކީ އުޅަނދަށް ކާގޯ އާއި ސަޕްލައި އެތެރެކުރުމަށް ބޭނުންކުރާ ސަރަހައްދު ކަމަށްވެސް ނާސާއިން ބުނެއެވެ.
އައިއެސްއެސްގައި ހަރަކާތްތެރިވާ އެމެރިކާގެ އޮފިޝަލުން ވަނީ އެ މައްސަލަ ދިމާވަނީ އެ އުޅަނދު ގިނަދުވަސްވެ ބާވުމުގެ ސަބަބުން ކަމަށް ބުނެފައެވެ. މިއީ އޭގައި ދިރިއުޅޭ ފަޅުވެރީންގެ ރައްކާތެރިކަމާ މެދު ކަންބޮޑުވާ ކަމެއް ކަމަށް އޮފިޝަލުން ބުނެއެވެ.
އައިއެސްއެސްއިން ލީކުވާ މައްސަލަ ބަލައި ހައްލު ކުރެވޭތޯ ޓީމުތަކުން މަސައްކަތް ކުރަމުން އަންނަ ކަމަށް ނާސާއިންވަނީ ބުނެފައެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ