ވެރިކަން ކުރެއްވުމުގެ ހެޔޮމަގެއްގެ ގޮތުގައި ބޭނުންފުޅުކުރައްވަނީ، ބައްޕާފުޅު އަލްމަރުހޫމް ފަލީލަތުއްޝައިހް ހުސައިން އަބްދުއްރަހުމާން ލިޔުއްވާފައިވާ "ދައުލަތާއި ވެރިންނާއި މަސްއޫލިއްޔަތު އަދި ކިޔަމަންވުމުގެ މަފްހޫމު" ފޮތް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ދަރުބާރުގޭގައި ރޭ ބޭއްވި ޖުމްހޫރީ ދުވަހުގެ ޖަލްސާގައި ރައީސް ވަނީ އެ ފޮތުގައި ހިމެނޭ މުހިންމު މައުލޫތަކަށް އަލިއަޅުއްވާލައްވައި، ވާހަކަފުޅުދައްކަވައިފައެވެ. އެ ފޮތާ ގުޅުވައި ވާހަކަފުޅުދައްކަވަމުން ރައީސް ފުރަތަމަ ވިދާޅުވީ، ވެރިކަމަކީ އެއްވެސް ހާލެއްގައި ލިބޭ މާބޮޑު މޮޅެއް އަދި މުދާގަނޑެއް ވެސް ނޫން ކަމަށާއި އެއީ ބޮޑު އަމާނާތެއް ކަމަށެވެ.

އިސްލާމީ ދައުލަތެއް ގާއިމުވެ، އެ ދައުލަތުގެ ވެރިކަން ފެތުރި ތަނަވަސްވެގެންދިއުމާއެކު ކީރިތި ރަސޫލާއަށްފަހު، އެ ދައުލަތުގެ އިސް މަސްއޫލިއްޔަތު އުފުއްލެވި ހުލަފާއުއްރާޝިދޫން އަދި އެންމެހާ ހަލީފާ އިން ވެސް ދެކެވަޑައިގެންނެވި، ހިންގެވި މަގަކީ އެ ފުރިހަމަ މާނައިގެ މަގު ކަމަށް ރައީސް ވިދާޅުވިއެވެ.

"އަޅުގަނޑު ދެންމެގަ މި ކިޔާލީ މި ފޮތް، ދައުލަތާއި ވެރިންނާއި މަސްއޫލިއްޔަތު އަދި ކިޔަމަންވުމުގެ މަފްހޫމު، އަޅުގަނޑުގެ ލޮބުވެތި ބައްޕަ އަލްމަރުހޫމް ފަލީލަތުއްޝައިހް ހުސައިން އަބްދުއްރަހުމާން ލިޔުއްވާފައިވާ ފޮތް. މި ފޮތުގެ 157 ވަނަ ސަފުހާ. އަޅުގަނޑުގެ ބައްޕަ މި ފޮތް ލިޔުއްވީމައެއް ނޫން، އެހެންނަމަވެސް މި ފޮތް ބައްލަވާފައިވާ، ކިޔުއްވާފައިވާ ކޮންމެ ބޭފުޅަކު ވެސް ގަބޫލުފުޅުކުރައްވާނެ މި ފޮތަކީ ވެރިކަމާއި ރައްޔިތުންނާއި ވެރިންނާ އޮތް ގުޅުމާ ބެހޭގޮތުން މަސްއޫލިއްޔަތު ވެރިން އަދާކުރާ ގޮތާ ބެހޭގޮތުން އިލްމީ ނަޒަރަކުން، ދީނީ ނަޒަރަކުން، އިސްލާމީ ތާރީހުގެ އަލީގައި އަދި ރާއްޖޭގެ ގާނޫނާއި ގާނޫނުއަސާސީއަށް ރިއާޔަތްކޮށް ވަރަށް އިލްމީގޮތެއްގައި، ވަރަށް ވަށާޖެހޭ ގޮތެއްގައި ލިޔުއްވާފައިވާ ފޮތެއް،" އެ މަނިކުފާނު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ އެ ފޮތުގެ ފިހުރިސްތުގައި ބަޔާންކޮށްފައިވާ ކަންކަމަށް ބަލައި އިރުވެސް އެ ފޮތަކީ ކޮންމެ މީހަކު ވެސް ތިމަންމެންގެ ވެރިޔަކަށް މީހަކު ހޮވައިގެން އެ ހަވާލުކުރާ ޒިންމާ އަދާކުރަނީ ރަނގަޅަށްތޯ ބެލުމުގައި ބަލަންވީ ހުރިހާ ކަމެއްހެން ގާތްގަނޑަކަށް ބަޔާންކޮށްފައިވާ ފޮތެއް ކަމަށެވެ. އަދި އިސްލާމީ ނަޒަރަކުން ދައުލަތުގެ އިސްވެރިޔާ، ވެރިޔާގެ ޒިންމާތައް، ދައުލަތުގެ ބާރުތަކުގެ ތެރެއިން ގާނޫނު ހެދުމުގެ ބާރާއި އަދުލު އިންސާފުގެ ބާރުގެ އިތުރުން ނޫސްވެރިކަމުގެ ބާރާ ބެހޭގޮތުން ވެސް 35 ސަފުހާއަށްވުރެ ގިނަ ސަފުހާ ތަފްސީލުކޮށް ލިޔުއްވާފައިވާ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

"ވެރިންގެ ޒިންމާތައް، މިހެން ގޮސް ވަރަށް ގިނަ ކަންތައް. އަޅުގަނޑުގެ ގައިޑްބުކްއަކީ މި ފޮތް. އަޅުގަނޑު މިއަދާ ހަމައަށް ވެސް ބަލަމުން އައީ މި ފޮތް. އެއީ މީގައި ކީރިތި ގުރުއާނުގެ އަލީގައި ކީރިތި ރަސޫލާގެ މާތްވެގެންވާ ސުންނަތުގެ އަލީގައި ދެންމެ ދެންނެވި ފަދައިން އިސްލާމީ ތާރީހުގެ އަލީގައި، އަދި ރާއްޖޭގެ ގާނޫނުއަސާސީ އާއި ގާނޫނުތަކަށް ރިއާޔަތްކޮށް ރާއްޖޭގެ ކޮންޓެކްސްޓްގައި ވަރަށް ވަށާޖެހޭ ގޮތެއްގައި ބައްލަވައިލައްވާފައިވާތީ އަޅުގަނޑަށް މި ފޮތުން ވަރަށް ގިނަ ކަންތައްތައް އެނގި ހާމަވެގެންދޭ،" އެ މަނިކުފާނު ވިދާޅުވިއެވެ.

ރައީސް ވަނީ އެ ފޮތުގެ 291 ވަނަ ސަފުހާ ވެސް އަކުރުން އަކުރަށް ކިޔައިދެއްވައިފައެވެ. އެގޮތުން އިސްލާމްދީނުގެ މަސްދަރުތަކުންނާއި ދުސްތޫރީ ނަސްލުތަކުންނާއި ގާނޫނީ މުމާރަސާތަކުންނާއި ނުވަތަ ގާނޫނީ އުރުފާއި އާދަކާދައިގެ މަތިން އަމަލީގޮތުން ކުރަންޖެހޭ ކަންތައްތަކުން، އަދި ބުއްދި އާއި މަންތިގީ ހަމަތަކުގެ މަތީން ވެސް ކަނޑައެޅި ސާފުކޮށް އެނގޭގޮތުގައި ގައުމުގެ ހަގީގީ ވެރިފަރާތަކީ އަދި ދައުލަތުގެ އެންމެހާ ބާރުތަކުގެ މަސްދަރަކީ ރައްޔިތުން ކަމަށް އެ ފޮތުގައި ލިޔުއްވާފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.

"ދައުލަތުގެ ސިޔާދަތު އޮތީ ރައްޔިތުންނަށެވެ. ދައުލަތުގެ ސިޔާދަތު އޮތީ ރައްޔިތުންނަށެވެ. ވީމާ ބައެއް އިސްލާމީ ގައުމުތަކުގެ ދުސްތޫރުގައި ވެސް ވާ ފަދައިން ރައްޔިތުން އެ ސިޔާދަތާ އެއްގޮތަށް އަމަލުކުރަން ޖެހޭނެއެވެ. އަދި އެ ސިޔާދަތު ހިމާޔަތްކުރަން ޖެހޭނެމެއެވެ. ވީމާ ގައުމުގައި، ހަގީގަތުގައި އެންމެ ހައިބަތު ބޮޑު ގަދަރު އުފުލިގެންވާ ފަރާތަކީ ރައްޔިތުން ކަމާ މެދަކު ޝައްކެއް ނެތެވެ..،" އެ ފޮތް ކިޔުއްވަމުން ރައީސް ވިދާޅުވިއެވެ.

"ވަލީއުލްއަމްރު ނުވަތަ ރައީސުއްދައުލާ އަކީ ވަކި މުއްދަތަކަށް ރައްޔިތުން އެބައިމީހުން މަސްލަހަތުތައް ބަލަހައްޓައި ހިންގުމަށް ހަވާލުކޮށްފައިވާ ހަވާލުދާރެކެވެ. ވަކީލެކެވެ. އަދި ހާދިމެއްމެއެވެ. ވީމާ އެކަން އޭނާގެ ހުރިހާ އަމަލަކާއި މުއާމަލާތަކުން ފެންނަންވާނެއެވެ. އަދި އޭނާގެ މަސްއޫލިއްޔަތު އަދާކުރުމުގައި ކޮންމެހެން ހުންނަން ޖެހޭ ކަންތައްތައް ފިޔަވައި އެއްވެސް ހާލެއްގައި ރައްޔިތުންގެ މައްޗަށް އޭނާގެ ނަފްސު އުފުލައި ހައިބަތާއި ޖާހުގެ ބޮޑުކަން އެކިއެކި މަޒާހިރުތަކުން ދައްކައި އެމީހުން ނިކަމެތިކޮށް އަޅުދާސްކޮށްގެން ނުވާނެއެވެ. އެއީ ކުރަން ހެޔޮނުވާނޭ ކަމެކެވެ. އަދި ގައުމުގެ ސިޔާދަތު ލިބިގެންވާ ހަގީގީ ވެރިފަރާތް ކަމުގައިވާ ރައްޔިތުން އެކަމަށް ރުހި ތިބެގެންވެސް ނުވާނެމެއެވެ..،"

ރައީސް ވިދާޅުވީ އެ މަނިކުފާނު ވެސް ގަބޫލުފުޅުކުރައްވާ ހަމައަކީ އެއީ ކަމަށާއި އެގޮތުގެ މަތިން މަސައްކަތްކުރެވޭތޯ މިދިޔަ އަހަރެއްހާ ދުވަހު މަސައްކަތްކުރައްވާފައިވާނެ ކަމަށެވެ. އަދި މިދިޔަ 51 ހަފުތާ އާއި ދެ ދުވަހު މަސައްކަތްކުރައްވާފައިވާނީ ރައްޔިތުންގެ ފަޅީގައި ހުންނަވައިގެން ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

އެ ސަބަބަށްޓަކައި، ރައްޔިތުން އަތުގައި އޮތް ބާރާއެކު ރައްޔިތުންނަށް ކަންތައްތައް ކޮށްދިނުމަށްޓަކައި، ރައްޔިތުންގެ އަޑު އަހައިގެން ރައްޔިތުންގެ އުންމީދުތަކުގައި ކުލަ ޖައްސައިދިނުމަށްޓަކައި، ރައްޔިތުން އެދޭ އަމާޒަށް ދިއުމަށްޓަކައި ރައްޔިތުން ހަވާލުކުރި އަމާނާތްތަކާއި މަސްއޫލިއްޔަތުތައް އަދާކުރުން އެއީ އެ މަނިކުފާނު ގަބޫލުފުޅުކުރައްވާ ގޮތް ކަމަށް ރައީސް ވިދާޅުވިއެވެ.

"އިރާދަކުރެއްވިއްޔާ އެގޮތަށް މަސައްކަތްކުރެވޭތޯ މި ބަލަނީ. ރައްޔިތުން ފަޅީގައި ހުރެގެން ވެރިކަން ކުރުން. އެހެންވެގެން ގިނަ ދުވަސްތަކެއް ވަންދެން އަތްނުލައި ހުރި ބޮޑެތި މައްސަލަތައް ހައްލުކުރެވޭތޯ އަޅުގަނޑު ބަލަމުން މި އަންނަނީ. ވަރަށް ގިނަ ކަންތައްތަކެއް ފަސޭހައަށްޓަކައި، ކޮމްފޯޓް ޒޯނުގައި ތިބުމަށްޓަކައި މިދިޔަ ޒަމާންތަކުގައި އަޅައިނުލާ ހުރި ގިނަ ކަންތައްތަކެއް އެބަހުރި. އެކަންކަން ރައްޔިތުންގެ ހާދިމެއްގެ ގޮތުގައި ހުރެގެން ވެރިކަން ކުރާ ނަމަ، ހައްލުކުރަން މަސައްކަތްކުރަން ޖެހޭނެ. އެއީ ޝައްކެއް އޮތް ކަމެއް ނޫން،" އެ މަނިކުފާނު ވިދާޅުވިއެވެ.

މަސްތުވާތަކެއްޗާއި ގޭންގު މާރާމާރީގެ މައްސަލަތައް ހައްލުކުރުމާއި ވޭޕް މަނާކުރުމާއި ބޭހުގެ މާފިޔާ ނައްތާލުމާއި ވަކި ބައެއްގެ ބާރުގެ ދަށުގައި ޑޮލަރުގެ ކަޅު ބާޒާރު އޮތް އޮތުން ނިމުމަކަށް ގެނެސް، ރައްޔިތުންނަށް ޑޮލަރުގެ މުއްސަނދިކަން ގެނައުމަށް ނިންމެވީ އެހެންވެގެން ކަމަށާއި އެފަދަ އެތައް ކަމެއް ކުރައްވަމުން ގެންދަވާ ކަމަށް ރައީސް ވިދާޅުވިއެވެ.

"މިތަނުގައި ބޭރުގެ މީހުން ނުގަވައިދުން ގެނެސް، އެކި ޒަމާންތަކުގައި އިލީގަލް ވޯކާސް އެތައް ލައްކައެއް އެބައޮތް. މި މައްސަލަ ހައްލުކުރުމަށް ވެސް ތެދުވީ އަޅުގަނޑުމެން އެހެންވެގެން. ރައްޔިތުންގެ ފަޅީގައި ތިބެގެން މި ބުރަ، އުނދަގޫ މައްސަލަތައް ރައްޔިތުންނަށްޓަކައި ހައްލުކޮށްދިނުމަށްޓަކައި ތެދުވީ. އަޅުގަނޑު ޔަގީންކުރަނީ ރައްޔިތުން އަޅުގަނޑުމެންނާ އެކުގައި މިކަމުގައި ތިއްބަވާނެ ކަމަށް، ސާބިތުކަމާއެކީގައި، ފުރިހަމަ އެއްބާރުލުން ދެއްވާނެ ކަމަށް މިހާރުވެސް ތި ދެއްވާ ގޮތަށް،" އެ މަނިކުފާނު ވިދާޅުވިއެވެ.

ރައީސް އިތުރަށް ވިދާޅުވީ އެ މަސައްކަތްތަކާއެކު މުޖުތަމައުގައި ހުރި ނޭދެވޭ ކަންތައްތައް ހައްލުކުރެވިގެންދާނެ ކަމަށާއި މަޑުމަޑުން އެކަންކަން ކުރައްވާނީ އެކަންކަމުން ދާއިމީ ނަތީޖާ ނުކުންނަ ގޮތަށް ކަމަށެވެ.