ވެރިކަމަކީ އެއްވެސް ހާލެއްގައި ލިބޭ މާބޮޑު މޮޅެއް އަދި މުދާގަނޑެއް ވެސް ނޫން ކަމަށާއި އެއީ ބޮޑު އަމާނާތެއް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ދަރުބާރުގޭގައި މިރޭ ބޭއްވި ޖުމްހޫރީ ދުވަހުގެ ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ އިސްލާމީ ދައުލަތެއް ގާއިމުވެ، އެ ދައުލަތުގެ ވެރިކަން ފެތުރި ތަނަވަސްވެގެންދިއުމާއެކު ކީރިތި ރަސޫލާއަށްފަހު، އެ ދައުލަތުގެ އިސް މަސްއޫލިއްޔަތު އުފުއްލެވި ހުލަފާއުއްރާޝިދޫން އަދި އެންމެހާ ހަލީފާ އިން ވެސް ދެކެވަޑައިގެންނެވި، ހިންގެވި މަގަކީ އެ ފުރިހަމަ މާނައިގެ މަގު ކަމަށެވެ.

"އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ ވެރިކަމަކީ އެއްވެސް ހާލެއްގައި ލިބޭ މާބޮޑު މޮޅެއް ނޫނޭ. އެއީކީ ވެރިކަން ކުރާ މީހާއަށް ލިބޭ މުދާގަނޑެއް ވެސް ނޫނޭ. އެއާ ހިލާފަށް ވެރިކަމަކީ ވަރުގަދަ ޒިންމާއެކޭ، ވަރުގަދަ މަސްއޫލިއްޔަތެކޭ، ވަރަށް ބޮޑު އަމާނާތެކޭ،" އެ މަނިކުފާނު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ އެއީ ވަރަށް ބުރަ މަސްއޫލިއްޔަތެއް ކަމާއި، ވަރަށް ބޮޑު އަމާނާތެއް ކަމާއި، ވަރަށް ވެސް ހުތޫރަތްތެރި ޒިންމާއެއްކަން ދެނެވަޑައިގެން އެގޮތުގެ މަތިން ކަން ހިންގެވި ސީދާ މަގު ކަމަށާއި އެއީ އެއްވެސް ހާލެއްގައި ލިބިވަޑައިގަތް މޮޅަކާއި ޝަރަފެއް ނޫން ކަމާއި، ލެއްގި މުދާގަނޑެއް ނޫންކަން ދެކެވަަޑައިގަތުމުގެ މަގު ކަމަށް ވިދާޅުވިއެވެ. އަދި ހުލަފާއުއްރާޝިދޫންގެ ބޭކަލުންނަށްފަހު ވަރަށް މަދު ވެރިޔަކު މެނުވީ، މި ސީދާ މަގުން ހިންގެވިފައި ނުވާކަން ތާރީހުން އެނގޭ ކަމަށް ވިދާޅުވިއެވެ.

ރައީސް އެ މައުލޫއުގައި ވާހަކަފުޅުދެއްކެވީ އެ މަނިކުފާނުގެ ބައްޕާފުޅު އަލްމަރުހޫމް ފަލީލަތުއްޝައިހް ހުސައިން އަބްދުއްރަހުމާން ލިޔުއްވާފައިވާ "ދައުލަތާއި ވެރިންނާއި މަސްއޫލިއްޔަތު އަދި ކިޔަމަންވުމުގެ މަފްހޫމު" ފޮތަށް ނަޒަރު ހިންގަވަމުންނެވެ.