ނޫސްވެރިކަމުގެ އެވޯޑު ހަފުލާގައި އޭނާގެ ސީދާ ބައިވެރިވުމެއް ނޯންނާނެ ކަމަށާއި ކައުންސިލު މެންބަރު އަލީ ނިޝާންގެ ތުހުމަތުތަކުގައި އެއްވެސް އަސްލެއް ނެތް ކަމަށް މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ)ގެ ރައީސް އަހުމަދު މުސްތަފާ ވިދާޅުވެއްޖެއެވެ.
މެންބަރު ނިޝާން އިއްޔެ ނެރުއްވި ބަޔާނެއްގައި ވަނީ އެމްއެމްސީގެ ރައީސް މުސްތަފާއަށް ތުހުމަތުތަކެއްކޮށް، އެވޯޑުތަކާ މެދު ސީރިއަސް މައްސަލަތަކެއް ފާހަގަކޮށްފައެވެ. އަދި އެވޯޑުގެ ނަޒާހަތްތެރިކަމާ މެދު ވެސް އޭނާ ސުވާލު އުފެއްދެވިއެވެ.
އެވޯޑު ހަފުލާގައި ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް)ގެ އެޑިޓޯރިއަލް ކޮންޓެންޓާ ހިލާފު އަދި ނޫސްވެރިކަމުގެ އާންމު މިންގަނޑުތަކާ ހިލާފު ވީޑިއޯއެއް އެ ހަފުލާ އިންތިޒާމުކުރި އެމްއެމްސީން ދައްކާފައިވާ ކަމަށް ބުނެ، އެ މީޑިއާ އިން ވަނީ އެ މައްސަލަ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފައެވެ.
އެ މައްސަލައިގައި ޕީއެސްއެމްގައި ވަޒީފާ އަދާކުރައްވަމުން ގެންދަވާ އެމްއެމްސީގެ ރައީސް މުސްތަފާ ވަނީ އިއްޔެ އެ މީޑިއާގެ ވަޒީފާ އިން ވެސް ވަކިކޮށްފައެވެ. ނަމަވެސް އެ ނިންމުން ބަދަލުކޮށް، ޕީއެސްއެމުން މިއަދު ވަނީ އޭނާގެ ވަޒީފާ އިޔާދަކޮށްފައެވެ.
އެކަންކަމާ ގުޅޭގޮތުން އެމްއެމްސީގެ ރައީސް މިއަދު ނެރުއްވި ބަޔާނެއްގައި ވިދާޅުވީ އެވޯޑުގެ ނަޒާހަތްތެރިކަމާ މެދު ސުވާލު އުފައްދަވައި، އޭނާއަށް ނިޝާން ކޮށްފައިވާ ތުހުމަތުތަކަކީ އެއްވެސް އަސްލެއް ނެތް ދޮގު ތުހުމަތުތަކެއް ކަމަށެވެ.
"އެވޯޑު ހަފުލާގެ އެއްވެސް ކަމެއްގައި ކައުންސިލުގެ ރައީސްގެ ހައިސިއްޔަތުން އަޅުގަނޑުގެ ސީދާ ބައިވެރިވުމެއް ނެތްކަން ކައުންސިލުގެ އެންމެހައި މެންބަރުންނާއި މުވައްޒަފުންނަށް އެނގިވަޑައިގަންނަވާނެއެވެ. މިކަމަކީ ނޫސްވެރިކަމުގެ އިނާމު ދޭން ފެށީއްސުރެ އަމަލުކުރަމުން އަންނަ ގޮތެވެ. ކައުންސިލުގެ ރައީސަށް އިނާމު ލިބޭ ފަރާތްތަކާއި ނޮމިނޭޓުވާ ފަރާތްތަކުގެ މައުލޫމާތު އެންގިފައެއް ނުވާނެއެވެ..،" މުސްތަފާގެ ބަޔާނުގައި ވިދާޅުވިއެވެ.
މުސްތަފާ ވިދާޅުވީ އެވޯޑުތަކުގައި ނޮމިނޭޝަންތަކާއި އެއާ ގުޅޭ އެންމެހާ ކަންކަން ކުރިއަށް ގެންދިޔައީ ސީދާ ނިޝާނާއި އިނާމު ކޮމިޓީގެ ނައިބު މުގައްރިރުގެ ބެލުމުގެ ދަށުން ކަމަށާއި އެވޯޑަށް ނޮމިނޭޓުވި ފަރާތްތަކުގެ ކޮންޓެންޓު އެޑިޓްކުރުމާއި އެއަށް ބޭނުންވާ ގްރެފިކްސް ހެދުން ކުރިއަށް ގެންގޮސްފައި ވަނީ ވެސް ސީދާ ނިޝާންގެ ބެލުމުގެ ދަށުން ކަމަށެވެ. އެއާ ގުޅޭ އެއްވެސް މައުލޫމާތެއް ކައުންސިލުގެ އެހެން މެންބަރަކަށް އަދި ރައީސަށް ވެސް ލިބިފައިނުވާ ކަމަށް އޭނާ ވިދާޅުވިއެވެ.
ހަފުލާގައި ޕީއެސްއެމްގެ އެޑިޓޯރިއަލް ކޮންޓެންޓާ ހިލާފު އަދި ނޫސްވެރިކަމުގެ އާންމު މިންގަނޑުތަކާ ހިލާފު ވީޑިއޯއެއް އެ ހަފުލާގައި ދައްކާފައިވާ އިރު، އަދަދު ނޫހުން ތައްޔާރު އެ ކޮންޓެންޓާ ގުޅިގެން އެ ކޮންޓެންޓު އުފެއްދި ދުވަސްވަރު މީޑިއާ ކައުންސިލުން ބަޔާނެއް ނެރެފައިވާކަން ވެސް މުސްތަފާގެ ބަޔާނުގައި ފާހަގަކުރެއްވިއެވެ.
"މިހެން މިކަން އޮއްވައި، 11 ވަނަ ނޫސްވެރިކަމުގެ އެވޯޑު ހަފުލާގައި ހަމަ އެ ކޮންޓެންޓު ކައުންސިލުގެ ރައީސަށް ވެސް އަދި ރަސްމިއްޔާތު ލައިވް ކުރި ޕީއެސްއެމްއަށް ވެސް ނޭނގި ގަސްތުގައި ދެއްކުމުގައި އެވޯޑުގެ ކަންކަން އިންތިޒާމު ކުރި ކައުންސިލު މެންބަރުންގެ ޒިންމާ އޮތްކަން ފާހަގަކުރަމެވެ..،" މުސްތަފާ ވިދާޅުވިއެވެ.
މުސްތަފާ އިތުރަށް ވިދާޅުވީ މެންބަރު ނިޝާން ކޮށްފައިވާ ދޮގު އިލްތިމާޒަކީ ރާވައިގެން ހިންގާފައިވާ ކަމެއް ކަމަށާއި އެ އަމަލު އެންމެ ހަރުކަށި އިބާރާތުން ކުށްވެރި ކުރާ ކަމަށެވެ.
އުމަރު ޒާހިރު ބިލްޑިންގައި މިދިޔަ ބުދަ ދުވަހުގެ ރޭ ބޭއްވި އެވޯޑު ހަފުލާގައި ތަހުގީގީ ދާއިރާއަށް ނޮމިނޭޓުވި އުފެއްދުންތަކުގެ ތެރެއިން ދެއްކި ވީޑިއޯއަކީ، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ޒާތީ ދިރިއުޅުއްވުމާ ގުޅުވައިގެން، "ޖީ ސްކީލާން"ގެ ނަމުގައި އަދަދު ނޫހުން ގެނެސްދިން ޑޮކިއުމެންޓަރީގެ ވީޑިއޯއެކެވެ. އެ ދާއިރާގެ އެވޯޑު ލިބުނީ ވެސް އެ އުފެއްދުމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު