ކެންސަރު ހޮސްޕިޓަލްގެ ގޮތުގައި ހަދަން ނިންމާފައިވަނީ 25 ބުރީގެ އިމާރާތެއް ކަމަށް މާލެ ސިޓީ ގުރޫޕް އޮފް ހޮސްޕިޓަލްސް އިން ބުނެފިއެވެ.
ދައުރު ނިމުމުގެ ކުރިން ކެންސަރަށް ފަރުވާދިނުމަށް ހާއްސަ ހޮސްޕިޓަލެއް އެޅުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވައުދެކެވެ.
މާލެ ސަރަހައްދުގައި ހިންގާ ސަރުކާރު ހޮސްޕިޓަލްތަކާ ގުޅޭ މައުލޫމާތު ދިނުމަށް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ގުރޫޕްގެ ސީއީއޯ އިބްރާހިމް އަބްދުއްރައްޒާގު ހަލީމް ވިދާޅުވީ އާބާދީ އިތުރުވި މިންވަރަށް މާލޭގައި ސިއްހީ ހިދުމަތްތަކާއި އެނދުގެ އަދަދު އިތުރުކުރެވިފައި ނެތް ކަމަށެވެ.
އެހެންކަމުން މާލޭ ސަރަހައްދުގައި ސިއްހީ ހިދުމަތްތައް ފުޅާކުރުމުގައި މި ވަގުތު އެންމެ ބޮޑު އަމާޒަކީ އެނދު އިތުރުކުރުން ކަމަށާއި އެކަމަށްޓަކައި އައިޖީއެމްއެޗްއާ އިންވެގެން 25 ބުރީގެ އިމާރާތެއް ހަދަން ނިންމާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
ހަލީމް ވިދާޅުވީ އެ އިމާރާތަކީ ކެންސަރަށް ހާއްސަކޮށްގެން ހަދާ އިމާރާތެއް ނަމަވެސް އެ އިމާރާތުން އިތުރު ދާއިރާތަކުގެ ގިނަ ހިދުމަތްތައްވެސް ލިބޭނެ ކަމަށެވެ. އަދި އެ އިމާރާތް ހެދުމުގެ މަސައްކަތުގެ ފުރަތަމަ މަރުހަލާގެ ދަށުން އިމާރާތުގެ ޑިޒައިން އާއި ކޮންސެޕްޓްގެ މަސައްކަތް ނިންމާލާފައިވާ އިރު، އަންނަ އަހަރަށް ކަނޑައަޅާ ބަޖެޓުގައި އޭގެ ޑީޓެއިލް ކުރެހުންތަކާއި ކޮންޓްރެކްޓްކުރަން ކުރަންޖެހޭ މަސައްކަތްތައް ހިމެނުމަށް ހަމަޖެހިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު