ތިމާވެށީގެ ގޮތުން ނިންމިގޮތުގެ ލިޔުން ހޯދުމަކާ ނުލައި ރ. އަތޮޅު، ހުރަވަޅި ބީޗް ރިސޯޓުގެ އިރުމަތީ ފަރާތުން ފަޅު ތެރޭގައި ބޮޑު ހިލަ ޖެހުމާ ގުޅިގެން އެ ރިސޯޓު 20،000 ރުފިޔާއިން ޖޫރިމަނާކޮށްފިއެވެ.

އެންވަޔަރަމަންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، ހުރަވަޅި ބީޗް ރިސޯޓް އިންވެސްޓްމެންޓް ޕްރައިވެޓް ލިމިޓެޑް އިން ރ އަތޮޅު، ހުރަވަޅި ބީޗް ރިސޯޓުގެ އިރުމަތީ ފަރާތުން ފަޅު ތެރޭގައި ބޮޑު ހިލަ ޖެހުމުގެ މަޝްރޫއު ކުރިއަށް ގެންގޮސްފައި ވަނީ ތިމާވެއްޓަށް އަސަރު ފޯރާނެ މިންވަރު ބަޔާންކުރާ ރިޕޯޓު ހެދުމެއް ނެތި ކަމަށެވެ.

އެހެންވެ ތިމާވެއްޓަށް އަސަރު ފޯރާނެ މިންވަރު ބަޔާންކުރާ ރިޕޯޓް ހެދުމާބެހޭ ގަވާއިދުގެ 20 ވަނަ މާއްދާގެ (ހ) އަށް ރިއާޔަތްކޮށް، އެ ގަވާއިދުގެ ޖަދުވަލު (ޖ) ގެ ދަށުން، މި ކުށަކީ އެ ގަވާއިދުގައި ބަޔާންކޮށްފައިވާ ކުށްތަކުގެ ތެރެއިން ކުށެއް ކުރި ފުރަތަމަ ފަހަރު ކަމުގައިވާތީ، 20,000 ރުފިޔާ އިން ހުރަވަޅި ބީޗް ރިސޯޓް އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑް މި މަހުގެ 21 ވަނަ ދުވަހު ޖޫރިމަނާކޮށްފައިވާ ކަމަށެވެ.

އީޕީއޭއިން ބުނީ، އެ ފައިސާ 30 ދުވަހުގެ ތެރޭގައި އެ އިދާރާއަށް ދެއްކުމަށް އެ ރިސޯޓަށް އަންގާފައިވާ ކަމަށެވެ.