ބިޒްނަސް ސެންޓާ ކޯޕަރޭޝަން (ބީސީސީ) އިން ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް 84 މިލިއަން ރުފިޔާ ދޫކޮށްފިއެވެ.
ކުދި އަދި މެންދުފަންތީގެ ވިޔަފާރިތައް ކުރިއަރުވަން، ބީސީސީގެ ބެލެނިވެރިކަމުގެ ދަށުން ހިންގާ އޮތެންޓިކް މޯލްޑިވްސް ފުރަތަމަ ފަށައިގަތީ 47 ސަޕްލަޔަރުންނާ އެކުގައެވެ. ވޭތުވެދިޔަ ހަތަރު އަހަރުތެރޭ އެ އަދަދު 300 އަށް އިތުރުވިއެވެ.
އިކޮނޮމިކް މިނިސްޓްރީގެ ދަށުން ހިންގަމުން އަންނަ ބީސީސީން ހުޅުވި އޮތެންޓިކް މޯލްޑިވްސްގެ ފިހާރަތަކާއެކު މީގެ ކުރީން އުފެއްދުންތައް މާކެޓް ނުކުރެވި ތިބި ދިވެހި އުފެއްދުންތެރީންނަށް އެމީހުންގެ އުފެއްދުންތައް މާކެޓްކުރުމުގެ ފުރުސަތު ފަހިވެގެން ދިޔައެވެ.
ބީސީސީން "ވަން" އަށް އިއްޔެ ބުނީ ޖެނުއަރީ 2020 އިން މިދިޔަ ސެޕްޓެމްބަރު މަހުގެ ނިޔަލަށް 338 ކުދި އަދި މެދުފަންތީގެ ވިޔަފާރިވެރިން ރަޖިސްޓްރީކޮށްފައިވާ ކަމަށެވެ. އަދި މިއަހަރުގެ ސެޕްޓެމްބަރު މަހާ ހަމައަށް ކުދި އަދި މެދުފަންތީގެ 38 ވިޔަފާރިވެރިން އަލަށް ރަޖިސްޓްރީ ކުރި ކަމަށެވެ.
ކުދި އަދި މެދުފަންތީގެ ވިޔަފާރިވެރިންގެ އުފެއްދުންތައް މާކެޓުގައި ވިއްކުމަށް ބީސީސީން ދަނީ ގިނަ އައުޓްލެޓްތަކެއް ހުލުވަމުންނެވެ. އެގޮތުން ދިވެހި އުފެއްދުންތަކަށް ހާއްސަ ފިހާރަ ކަމަށްވާ އޯތެންޓިކް މޯލްޑިވްސްގެ އައުޓްލެޓެއް ހުޅުމާލޭ ސެންޓްރޯ މޯލްގައި ހުޅުވީ 2020 ނޮވެމްބަރު 13 ގައެވެ.
އޮތެންޓިކް މޯލްޑިވްސް އިން 2020 ގައި 71 ސަޕްލަޔަރަކަށް 4.3 މިލިއަން ރުފިޔާ، 2021 ގައި 121 ސަޕްލަޔަރަކަށް 14.5 މިލިއަން ރުފިޔާ، 2022 ގައި 197 ސަަޕްލަޔަރަކަށް 19.06 މިލިއަން ރުފިޔާ އަދި މިއަހަރުގެ ފެބްރުއަރީ މަހުގެ 22 ވަނަ ދުވަހުގެ ނިޔަލަށް 300 ސަޕްލަޔަރަކަށް 63 މިލިޔަނަށްވުރެ ގިނަ ފައިސާ ދެވިފައިވާ ކަމަށް ބީސީސީން ބުނެއެވެ.
އޭގެ އިތުރުން ރާއްޖެއިން ބޭރުގެ ދިވެހި ފަންނުވެރިންނަށް ފުރުސަތުތައް ފަހިކޮށްދިނުމަށް ހާއްސަ ސަމާލުކަމެއްދީ މިހާތަނަށް 6،000 ވިޔަފާރި ހިންގުމަށް އެހީތެރިކަން ފޯރުކޮށްދީފައިވެއެވެ. އޭގެ އިތުރުން އަންހެން ވިޔަފާރިވެރިންގެ އުފެއްދުންތައް ކުރިއަރުވާނެ އިތުރު ދޮރުތަކެއް ހުޅުވައިދިނުމަށް ބީސީސީން ވަނީ ހުޅުމާލެ "ހިޔަލަ ވީކެންޑް މާކެޓް" މިއަހަރުގެ ޖެނުއަރީ 23ގައި ހުޅުވައިފައެވެ.
ރާއްޖޭގައި އަމިއްލަ ފަރާތްތަކުން ހިންގާ އެންމެ ކުދި، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް ދަފްތަރުވުމަށް ބީސީސީން ހުޅުވާލީ މިއަހަރުގެ ސެޕްޓެމްބަރު 27 ގައެވެ. އެއީ ރާއްޖޭގައި ވިޔަފާރިކުރާ އެންމެ ކުދި، ކުދި އަދި މެދުފަންތީގެ ވިޔަފާރި ރަޖިސްޓަރީކުރުމުގެ ނިޒާމެއް ގާއިމުކުރުމުގެ ތެރެއިން، އަމިއްލަ މަސައްކަތްކުރާ ފަރާތްތަކާއި އެފަރާތްތައް މަސައްކަތް ކުރާ ދާއިރާތައް ދެނެގަނެ އެފަރާތްތަކަށް ވިޔަފާރީގެ ފަހި މާހައުލެއް ޔަގީންކޮށްދިނުމަށާއި އެފަދަ ވިޔަފާރިތައް ތަރައްގީކުރުމަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމުގެ މަގުސަދުގައި އެކުލަވާލި ދަފްތަރެކެވެ.
ޚަބަރު
ޚަބަރު
ޚަބަރު