މޫސުމަށް އަންނަ ނޭދެވޭ ބަދަލުތަކުގެ ސަބަބުން ކުރިމަތިވާ ގޮންޖެހުންތަކުން އަރައިގަތުމަށްޓަކައި، ކޮމަންވެލްތުގެ މެންބަރު ގައުމުތަކުން ގުޅިގެން މަސައްކަތް ކުރަންޖެހޭ ކަމަށް ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ ނައިބު، ހުސައިން މުހައްމަދު ލަތީފު ވިދާޅުވެއްޖެއެވެ.
ސަމޯއާގައި ކުރިއަށްދާ ކޮމަންވެލްތު ގައުމުތަކުގެ އިސްވެރިންގެ ބައްދަލުވުން (ސީއެޗްއޯޖީއެމް) ގެ ހަވާސާ ހަރަކާތެއްގެ ގޮތުގައި ކުރިއަށް ގެންދިޔަ "ސީއެޗްއޯޖީއެމް ކްލައިމެޓް ބްރޭކްފަސްޓް: ބިލްޑިން ކޮންސެންސަސް ފޯ ކްލައިމެޓް ފައިނޭންސް ޓާގެޓްސް އިން ކޮމަންވެލްތު" ގައި ނައިބު ރައީސް ވިދާޅުވީ، ދުނިޔެ ހޫނުވުމުގެ ސަބަބުން، އެންމެ ނާޒުކު އާބާދީތަކަށް، ހާއްސަކޮށް ކޮމަންވެލްތުގެ އާބާދީތަކަށް ނޭދެވޭ އަސަރުތަކެއް ކުރަމުންދާ ކަމަށެވެ.
އެ ބައްދަލުވުމުގައި ނައިބު ރައީސް ވަނީ، މޫސުމީ ނޭދެވޭ ބަދަލުތަކާ ދެކޮޅަށް ކުރަމުން ގެންދާ އުންމީދީ މަސައްކަތްތަކަށް ބޭނުންވާ ދެމެހެއްޓެނިވި މާލީ އެހީ ފޯރުކޮށްދިނުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާލައްވައިފައެވެ، އަދި ކްލައިމެޓް ފައިނޭންސިންގެ ކަންކަމަށް އަހަރެއްގެ މައްޗަށް އެހީގެ ގޮތުގައި ފޯރުކޮށްދިނުމަށް މީގެ ކުރިން އެއްބަސްވެފައިވާ 100 ބިލިއަން ޑޮލަރު، އެއަށްވުރެ އިތުރު ކުރުމަށް ވެސް ގޮވާލެއްވިއެވެ.
ނައިބު ރައީސް ވަނީ، ތަރައްގީވަމުން އަންނަ އަންނަ ކުދި ޖަޒީރާ ގައުމުތައް (ސިޑްސް) ފަދަ ނާޒުކު ގައުމުތަކުގެ ތަރައްގީއަށް ބޭނުންވާ ކަންކަން އިތުރަށް ފުރިހަމަކުރުމަށްޓަކައި، މިހާރު އޮތް ބައިނަލްއަގުވާމީ މާލީ އެހީގެ ނިޒާމަށް ބަދަލުތަކެއް ގެންނަން ޖެހޭ ކަމަށް ވިދާޅުވެފައެވެ.
އެ ބައްދަލުވުމުގައި ނައިބު ރައީސް ވަނީ، މޫސުމަށް އަންނަ ބަދަލުތަކާ ގުޅިގެން ގައުމުތަކަށް ބޭނުންވާ މާލީ އެހީގެ ކަންކަން ކަށަވަރުކޮށްދިނުމަށް، މިންކުރެވެނިވި އާ އަމާޒެއް ކަނޑައަޅައި، ކުރިއަށް އޮތް ކޮޕް-29 ގެ ބައްދަލުވުން ނިމިގެންދާ އިރު، އެކަމަށް އެއްބަސްވުން މުހިންމުކަން ފާހަގަކުރައްވައިފައެވެ.
މީގެ އިތުރުން، ރާއްޖެ ފަދައިން، ކޮމަންވެލްތުގެ ގިނަ ގައުމުތަކަށް ބޭނުންވާ މާލީ ހޯދުމުގައި ދިމާވާ ބޮޑެތި ހުރަސްތައް ފާހަގަކުރައްވައި، ކޮމަންވެލްތު ކްލައިމެޓް ފައިނޭންސް އެކްސެސް ހަބުން ރާއްޖެއަށް ވެދެއްވަމުން ގެންދަވާ އެހީތެރިކަމަށް ނައިބު ރައީސް ވަނީ ޝުކުރު އަދާކުރައްވައިފައެވެ.
"ސީއެޗްއޯޖީއެމް ކްލައިމެޓް ބްރޭކްފަސްޓް: ބިލްޑިންގް ކޮންސެންސަސް ފޯ ކްލައިމެޓް ފައިނޭންސް ޓާގެޓްސް އިން ކޮމަންވެލްތު" އަކީ ކޮމަންވެލްތު ސެކްރަޓޭރިއަޓުން އިންތިޒާމްކުރެއްވި ހަރަކާތެކެވެ.
ޚަބަރު
ޚަބަރު
ޚަބަރު