ހދ. ހިރިމަރަދޫ ރައްޔިތުން އެހެން ރަށަކަށް ބަދަލުކުރުން އަވަސްކޮށްދިނުމަށް އެދިއްޖެއެވެ.

ހިރިމަރަދޫ ކައުންސިލާއެކު މިދިޔަ ސެޕްޓެމްބަރު މަހުގެ ނުވަވަނަ ދުވަހު ބޭއްވި ބައްދަލުވުމަށްފަހު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ލޯކަލް ގަވަނަންސް މިނިސްޓަރު އާދަމް ޝަރީފް އުމަރު ވިދާޅުވީ، ހިރިމަރަދޫ ރައްޔިތުން އެހެން ރަށަކަށް ބަދަލުވާން ނިންމާފައިވާ ކަމަށް ކައުންސިލުން ފާހަގަކޮށްފައިވާ ކަމަށެވެ.

އެކްސްގައި މިނިސްޓަރު މިއަދު ވިދާޅުވީ، ހިރިމަރަދޫ މީހުން އެހެން ރަށަކަށް ބަދަލުކޮށްދިނުން އަވަސް ކޮށްދިނުމަށް އެދިފައިވާ ކަމަށާއި ހިރިމަރަދޫގެ ނެރު ތިލަވުމުގެ ސަބަބުން ވަރަށް ގިނަ ތަކުލީފުތައް ރައްޔިތުންނާއި އެ ރަށަށް ދަތުރުކުރާ ފަރާތްތަކަށް ކުރިމަތިލާން ޖެހިފައިވާކަން ކައުންސިލުގެ ރައީސް މުހައްމަދު ވަހީދު މިނިސްޓްރީގެ ސަމާލުކަމަށް ގެންނަވާފައިވާ ކަމަށެވެ.

"ނެރުގެ މައްސަލަ ހައްލުކުރުމަށް ސަރުކާރުގެ ގުޅުންހުރި ފަރާތްތަކާއެކު މަސައްކަތްކުރާނަން. ކައުންސިލުގެ ރައީސް އިތުރަށް އެދިވަޑައިގަތީ މީހުން ބަދަލުކުރުމުގެ މައްސަލަ އަވަސްކޮށްދިނުމަށް،" މިނިސްޓަރު ވިދާޅުވިއެވެ.

އެކަމާ ގުޅޭގޮތުން ހިރިމަރަދޫ ކައުންސިލުގެ ރައީސް މުހައްމަދު ވަހީދު "ވަން" އަށް މިއަދު ވިދާޅުވީ ހިރިމަރަދޫގެ ނެރު ތިލަވުމުގެ ސަބަބުން އަސާސީ ހިދުމަތްތަކާއި ކާބޯތަކެތި ހޯދުމަށް ދަތިވެފައިވާ ކަމަށާއި ތެޔޮ ބޯޓުތައްވެސް އެ ރަށުގެ ނެރާ ކައިރިކުރަން ދަތި ކަމަށެވެ.

"ރައްޔިތުންގެ އަސާސީ ހިދުމަތްތައް ހޯދުމަށްޓަކައި ކުޅުދުއްފުއްޓަށް ބަރޯސާވުން ނިމުމަކަށް ނާންނާނެ. ހިރިމަރަދޫގައި ކާބޯތަކެތި ލިބޭނެ އިތުރު ގޮތެއް ނެތް. އަސާސީ ހިދުމަތަށް ބޭނުންވާ އެއްޗެއްސާއި ޑޮކްޓަރަށް ދެއްކުމާއި މި ހުރިހާ ކަމެއްގައި ކުޅުދުއްފުއްޓަށް މިދަނީ. އެހެންވިމަ އަޅުގަނޑުމެންވެސް ބޭނުމެއް ނޫން ކެނޑިނޭޅި ރައްޔިތުން ބޮޑުވޭނެއްގައި އުޅޭކަށް،" ވަހީދު ވިދާޅުވިއެވެ.

ވަހީދު ވިދާޅުވީ ކުރީގެ ސަރުކާރުގައިވެސް ތަކުރާރުކޮށް ހިރިމަރަދޫ ނެރުގެ މައްސަލަ ހައްލުކޮށްދިނުމަށް އެ ރަށު ކައުންސިލުން އެދިފައިވާނެ ކަމަށާއި އަދި މި ސަރުކާރުގެ ފަރާތުންވެސް އެދެނީ އެކަމަށް ދައިމީ ހައްލެއް ކަމަށެވެ.

ތެޔޮ ބޯޓުތަކުގެ އިތުރުން އެމްޓީސީސީ ފެރީ ވެސް އެ ރަށުގެ ނެރާ ގާތްކުރުމުގައި ދަތިތަކެއް ހުރި ކަމަށާއި އެ މައްސަލައަށް މިދިޔަ ސަރުކާރުން ފެށިގެން ހައްލު ނުލިބި އޮތް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) އިން މިއަދު "ވަން" ބުނީ ހިރިމަރަދޫ ރައްޔިތުން އެދޭ ގޮތަށް އެކަމަށް އަވަސް ހައްލު ހޯދައިދިނުމަށް އެ އިދާރާއިން ކަމާ ގުޅުންހުރި އިދާރާތަކާ ގުޅިގެން ގިނަ މަސައްކަތްތަކެއް ކުރާ ކަމަށެވެ.

ހިރިމަރަދޫ ކައުންސިލުގެ މެންބަރު އަހުމަދު ޝަރީފް "ވަން" އަށް މިދިޔަ ސެޕްޓެމްބަރު މަހުގެ ނުވަވަނަ ދުވަހު ވިދާޅުވެފައިވަނީ، އެ ރަށުގެ ރަޖިސްޓްރީގައި 589 މީހުން ތިބި އިރު ރަށުގައި އުޅެނީ 300 އެއްހާ މީހުން ކަމަށެވެ. އަދި ހިދުމަތްތައް ފަސޭހައިން ލިބޭ ރަށަކަށް ބަދަލުވުމަށް ރަށުގެ ގިނަ ރައްޔިތުން ބޭނުންވާ ކަމަށް އޭނާ ވިދާޅުވެފައިވެއެވެ.

"އަޅުގަނޑުމެން މިދަނީ ދެތިން ރަށަކާވެސް ވާހަކަ ދައްކަމުން، އޭގެ ތެރޭގައި ދިއްދޫ އާއި ހަނިމާދޫ އާއި ތުލުސްދޫވެސް ހިމެނޭ. ރަށުގެ ބޮޑު އާބާދީއެއް ބޭނުންވަނީ ތުލުސްދުއަށް ބަދަލުވާން،" އޭނާ ވިދާޅުވެފައިވެއެވެ.