ދެމެހެއްޓެނިވި ފަަތުރުވެރިކަމެއް ކުރެވޭނީ އެ ދާއިރާ ސިންދަފާތުކޮށް، ދާއިރާއަށް ދިމާވާ ދަތިތައް ދެނެގަނެވިގެން ކަމަށް ޓޫރިޒަމް މިނިސްޓަރު އިބްރާހިމް ފައިސަލް ވިދާޅުވެއްޖެއެވެ.

މޯލްޑިވް ޓޫރިޒަމް ސިމްޕޯޒިއަމް ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި މިނިސްޓަރު ވިދާޅުވީ، ދެމެހެއްޓެނިވި ގޮތެއްގައި ފަތުރުވެރިކަން ކުރުމަށް ދާއިރާ ސިންދަފާތުކޮށް، ފަތުރުވެރިކަމުގެ ދާއިރާއަށް ދިމާވާ ދަތިތައް ހައްލުކުރުން މުހިންމު ކަމަށެވެ.

"މި ގައުމުގައި ފަތުރުވެރިކަން ދެމެހެއްޓުމަށް އުފެއްދުންތެރި ގޮތްތައް ބޭނުން ކުރަންޖެހޭ. މި ސިމްޕޯޒިއަމްގައި ފަތުރުވެރިކަމުގެ ދާއިރާ ސިންދަފާތުކުރުމާއި ދާއިރާ ކުރިއެރުވޭނެ ގޮތްތަކާއި އެކި ބާވަތްތަކުގެ ފަތުރުވެރިކަން ރާއްޖެއަށް ތައާރަފްކުރުމާ ބެހޭގޮތުން މަޝްވަރާކުރެވޭނެ،" މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ، ޓޫރިޒަމް ސިމްޕޯޒިއަމްގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި ދިމާވާ ދަތިތައް ދެނެގަނެވި، އެކަންކަމަށް ހައްލެއް ހޯދުމަށް ފަސޭހަ ވާނެ ކަމަށެވެ. އެއީ، އެ ސިމްޕޯޒިއަމްގެ ތެރެއިން، ފަތުރުވެރިކަމުގައި ހަރަކާތްތެރިވާ އެކިއެކި ފަރާތްތައް އެއްތަނަކަށް ޖަމާވެ، ހިޔާލު ބަދަލުކުރުމުގެ ފުރުސަތު އޮންނާނެތީ ކަމަށް ވިދާޅުވިއެވެ.

ޓޫރިޒަމް ސިމްޕޯޒިމް އަކީ އެމްއެމްޕީއާރްސީން އިސް ނަގައިގެން ބާއްވާ ސިމްޕޯޒިއަމެކެވެ.

މި ސިމްޕޯޒިއަމްގައި ރިސޯޓްތަކާއި ގެސްޓްހައުސްތަކާއި ޓްރެވަލް އެޖެންޓުންނާއި ފަތުރުވެރިކަމުގައި ހަރާތްތެރިވާ އެކިއެކި ފަރާތްތައް ބައިވެރިވެއެވެ.