ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި ގާނޫނުއަސާސީއާ ހިލާފަށް ކޮށްފައިވާ ކަންކަމަށް ފުރިހަމައަށް ޖަވާބުދާރީވާން ޖެހޭނެ ކަމަށް ނައިބު ރައީސް ހުސެއިން މުހައްމަދު ލަތީފު ވިދާޅުވެއްޖެއެވެ.

ނައިބު ރައީސް އެހެން ވިދާޅުވީ، ދައުލަތުގެ ބެޖެޓުން ހަރަދުކުރުމަށް ފަހު، ފިނޭންސް މިނިސްޓްރީގެ ސިސްޓަމަށް ނުވައްދާ ރެކޯޑު ނުކޮށް ދެ ބިލިއަނަށް ވުރެ ގިނަ ރުފިޔާ އެބަހުރި ކަމަށް މި ސަރުކާރުން ބުނުމުން އެކަން އޭރުގެ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ދޮގު ކުރެއްވުމުންނެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ނައިބު ރައީސް ވިދާޅުވީ، މިއަދު ފެންނަނީ މިދިޔަ ސަރުކާރުން ލިބުނު ސުޕަ މެޖޯރިޓީ ބޭނުންކޮށްގެން ނަހަމަ ގޮތުގައި ކުރަމުންދިޔަ ކަންކަން ފަސްއަޅާ ފޮރުވުމުގެ ނަތީޖާ ކަމަށެވެ.

"ދިވެހި ދައުލަތަށް ކޮވިޑުގެ ދުވަސްވަރު ލިބުނު އެހީތަކުގެ ތަފުސީލުވެސް ފޮރުވާފައިވަނީ މިބީދައިން. ގާނޫނު އަސާސީއާ ހިލާފަށް ކޮށްފައިވާ ކަންކަމަށް ފުރިހަމައަށް ޖަވާބުދާރީ ވާން ޖެހޭނެ،" ނައިބު ރައީސްގެ ޕޯސްޓުގައި ވިދާޅުވެފައިވެއެވެ.

ރައީސް އޮފީހުގައި އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވީ "ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓްސް" އާންމުކުރުން ހުއްޓާލީ ދައުލަތުގެ ހަރަދު ރެކޯޑްކުރަމުން ދިޔަ ގޮތާ ގުޅޭ ސީރިއަސް އަދި ގާނޫނާ ފުށުއަރާ ފަދަ މައްސަލަތަކެއް ފާހަގަވުމުން ކަމަށެވެ.

އެކަމުގެ ސަބަބުން މިދިޔަ އަހަރާއި އޭގެ ކުރީ އަހަރުތަކުގައި ޕޯސްޓްކުރަން އެދިފައިވާ ޖުމުލަ 2.5 ބިލިއަން ރުފިޔާގެ ބިލުތަކަށް މި އަހަރުގެ ބަޖެޓުން ޖާގަ ދޭން ޖެހިފައިވާ އިރު، ބަޖެޓުގައި ކުދި އަދަދުތަކެއް ޖެހުމަށްފަހުވެސް ހަރަދުކޮށްފައި ހުރުމުން ގާތްގަނޑަކަށް ތިން ބިލިއަން ރުފިޔާގެ ކޭޝްފްލޯގެ ދަތިކަމެއް އެބަ ކުރިމަތިވާ ކަމަށްވެސް ވިދާޅުވިއެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި ބަންޑާރަ ނައިބު އަހުމަދު އުޝާމް ވިދާޅުވީ މި އަދަދުތައް މި އަހަރުގެ ބަޖެޓުގައި ހިމެނުމަކީ ގާނޫނާ ހިލާފުކަމެއް ކަމަށެވެ. އެހެންކަމުން އެކަމަށް ހައްލެއް ހޯދުމަށް މަސައްކަތް ކުރަމުންދާ ކަމަށް ވިދާޅުވިއެވެ.

"އޮޑިޓާ ޖެނެރަލްއަށް މި މައްސަލަ ވާނީ ހުށަހަޅާފައި. ކުރިއަށް އޮތް ދެތިން ހަފުތާތެރޭގައި މިކަމުގައި ރިޕޯޓެއް ފޯރުކޮށްދޭނެ ކަމަށް ވިދާޅުވެފައި ވަނީ. އެ ރިޕޯޓަށް ބެލުމަށްފަހު މިކަމާމެދު އަޅުގަނޑުމެން ގޮތެއް ނިންމާނީ. މިކަމުގައި ގާނޫނާ ހިލާފު ކަންތައްތަކެއް ހިންގާފައި އެބަ ހުރި. އެ ފަރާތްތަކުގެ މައްސަލަ ބަލައި ގާނޫނީ ގޮތުން އަަޅަންޖެހޭ ފިޔަވަޅުތައް އަޅާނަން" އުޝާމް ވިދާޅުވިއެވެ.