ރާއްޖެއަށް ޓޫރިޒަމް ތައާރަފުކުރުމުގެ ދެ ބާނީންގެ ތެރޭގައި ހިމެނޭ ޗަމްޕާ ބްރަދާސްގެ ޗެއާމަން މުހައްމަދު މޫސާ (އުއްޗު) އާއި ކްރައުން ކުންފުނީގެ ޗެއާމަން ހުސެއިން އަފީފަށް ސައުތު އޭޝިއަން ޓްރެވަލް އެވޯޑްސް (ސަޓާ)ގެ ޝަރަފުވެރި އެވޯޑެއް ދީފިއެވެ.
މީރު މޯލްޑިވްސްގައި މިއަދު ބޭއްވި ހަފުލާއެއްގައި އެ ދެ ބޭފުޅުންނަށް ދީފައިވަނީ ސަޓާގެ "ފޭސް އޮފް ސައުތު އޭޝިއާ" އެވޯޑެވެ. އެއީ ސަރަހައްދީ ފަތުރުވެރިކަމުގެ ސިނާއަތުގައި އެންމެ ފާހަގަކޮށްލެވޭ ޝަހުސިއްޔަތުތަކަށް ދޭ އެވޯޑެވެ.
ރާއްޖޭގެ ޓޫރިޒަމް ދާއިރާ ކުރިއެރުވުމަށް ކުރެއްވި މަސައްކަތުގެ އަގު ވަޒަންކުރުމުގެ ގޮތުން އެ ދެ ބޭފުޅުންނަށް އެވޯޑު ހަވާލުކޮށްދެއްވީ ސަޓާގެ ނައިބު ރައީސް ސޫރަޖު ހާންއެވެ.
މިދިޔަ މަހު ނޭޕަލްގެ ކަތަމަންޑޫގައި ބޭއްވި ސަޓާ އެވޯޑްސް 2024ގައި އިތުރު ތިން ބޭފުޅަކަށް ވެސް މި އެވޯޑު ވަނީ އަރުވައިފައެވެ. އެއީ ނޭޕާލްގެ ދެ ބޭފުޅަކާއި ބަންގްލަދޭޝްގެ ބޭފުޅަކަށެވެ.
އުއްޗުގެ ލީޑާޝިޕްގެ ދަށުން މިއަދު ޗަމްޕާ ބްރަދާސް އަކީ ރާއްޖެއާއި ބައިނަލްއަގުވާމީ ފެންވަރުގައިވެސް ވަރުގަދަ ކުންފުންޏެކެވެ. އެ ކުންފުނިން ފަތުރުވެރިކަމާއި ހޮސްޕިޓާލިޓީގެ އިތުރަށް ދަނޑުވެރިކަމާއި މަސްވެރިކަމާއި ރިއަލް އެސްޓޭޓާއި ވޯޓާ ޑީސެލިނޭޝަން އަދި މާލީ ހިދުމަތްތަވެސް ފޯރުކޮށްދޭ އިރު، އުއްޗު ވެފައިވަނީ ރާއްޖޭގެ އިގުތިސާދީ ކުރިއެރުމުގައި މުހިންމު ޝަހުސިއްޔަތަކަށެވެ.
އަފީފަކީ ޗަމްޕާގެ އިތުރުން އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީކުރާ ކާސާ ހޯލްޑިންސްގެ ވެސް ހިއްސާދާރެކެވެ. އޭގެ އިތުރަށް މަޓީގެ ވައިސް ޗެއާމަންކަމާއި އިކޮނޮމިކް އެޑްވައިޒަރީ ކައުންސިލްގެ މެމްބަރުކަން ވެސް އަފީފް އަންނަނީ ކުރައްވަމުންނެވެ.
ޚަބަރު
ޚަބަރު
ޚަބަރު