ސަރުކާރުން ރާއްޖޭގެ ފައިނޭންޝަލް ސެކްޓަރު މެދުވެރިކޮށް މިހާތަނަށް 64 ބިލިއަން ރުފިޔާގެ ޓީބިލް ވިއްކާފައިވާ ކަމަށް ވޯލްޑް ބޭންކުން ބުނެފިއެވެ.
ސަރުކާރުން ކޮންމެ ހަފުތާއަކު އަންނަނީ ޓީބިލް ވިއްކަން ހުޅުވައިލަމުންނެވެ. ޓީ ބިލް ވިއްކަނީ އެއް މަހާއި އެއް އަހަރާ ދެމެދުގެ މުއްދަތަށް 3.5 ޕަސަންޓާއި 4.6 ޕަސަންޓާ ދެމެދުގެ އިންޓަރެސްޓު ރޭޓުގައެވެ.
ވޯލްޑް ބޭންކުން އާންމުކުރި "ސީކިން ސްޓެބިލިޓީ އިން ޓާބިއުލަންޓް ޓާމްސް" ރިޕޯޓުގައިވާ ގޮތުން ރާއްޖޭގެ ބޭންކިން ސެކްޓަރާއި ޕެންޝަން ފަންޑު މެދުވެރިކޮށް ވިއްކާ ޓީބިލްގެ އަދަދު ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. އަދި ސަރުކާރު ހިއްސާވާ ކުންފުނިތަކަށް ދޫކޮށްފައިވާ ލޯނުގެ އަދަދު 5.9 ބިލިއަން ރުފިޔާއަށް އަރާ ކަމަށް އެ ރިޕޯޓުގައިވެއެވެ. އެގޮތުން ބޭންކްތަކުގެ ޖުމްލަ އެސެޓުގެ 36 ޕަސަންޓު ނިސްބަތް ވަނީ ސަރުކާރުން ނަގާ ދަރަންޏަށް ކަމަށް ރިޕޯޓުގައިވެއެވެ.
ރިޕޯޓުގައި ބުނީ، އެހެން މާލީ އިދާރާތައް ކަމުގައިވާ ޕެންޝަން އޮފީސް ފަދަ ތަންތަނުގެ ޖުމްލަ އެސެޓުގެ 68 ޕަސެންޓު ދަރަނި ސަރުކާރަށް ނިސްބަތްވާ ކަމަށެވެ.
ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާ ގޮތުން ޓީބިލްގެ އިތުރުން ބޭންކުތަކުން ނަގާފައިވާ އެހެން ލޯނުތަކާއެކު ރާއްޖޭގެ އެތެރޭގެ ދަރަނި ވަނީ 74 ބިލިއަން ރުފިޔާ އަށް އަރައިފައެވެ.
ވޯލްޑް ބޭންކުން ބުނި ގޮތުގައި ރާއްޖޭގެ ޖުމްލަ ދަރަނި މިހާރު ހުރީ 126 ބިލިއަން ރުފިޔާގައެވެ.
ޚަބަރު
ޚަބަރު
ޚަބަރު